އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި އެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި އިންޓަނޭޝަނަލް ލޭބަރ އޮގަނައިޒޭޝަން ގުޅިގެން ކުރިއަށްގެންދާ މި މަސައްކަތު ބައްދަލުވުމަކީ 3 ދުވަހުގެ މުއްދަތަށް ކުރިޔަށްގެންދާ ވޯކްޝޮޕެކެވެ.

މި ވަރކްޝޮޕްގެ ފުރަތަމަ ދުވަހު ބައިވެރިވެފައިވަނީ ޑޭޓާ ކަލެކްޝަންއާ ގުޅުންހުރި މުއައްސަސާތަކެވެ. އޭގެތެރޭގައި ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިކްސްޓިކް ހިމެނެއެވެ. 2 ވަނަ ދުވަހު ސްޕެޝިއަލް އެޑްވައިޒަރީ ބޯޑުން ބައިވެރިވާއިރު، ވާރކްޝޮޕްގެ އެންމެ ފަހު ދުވަސް ހާއްސަކޮށްފައިވަނީ ސްޓޭކް ހޯލްޑާރސްއަށެވެ. އޭގެތެރޭގައި ވަޒީފާދޭ ފަރާތްތަކާއި ވަޒީފާ އަދާކުރާ ފަރާތްތައް ތަމްސީލްކުރާ ފަރާތްތައް ބައިވެރިވާނެއެވެ.

މި ވޯކްޝޮޕްގެ މައިގަނޑު މަޤްސަދަކީ މިކަމަށް ކަމާގުޅުންހުރި ފަރާތްތައް އަހުލުވެރިކުރުވުންކަކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.

މި ވޯކްޝޮޕްގެ ތެރެއިން ކުރިއަށްދަނީ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަށް ރޯޑު މެޕެއް ތައްޔާރުކުރުމުގެ މަސައްކަތްކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ. އަދި މި ވޯކްޝޮޕްގެ ތެރެއިން ރާއްޖެއިން ބޭރުގެ އެހެން ޤައުމުތަކުގައި އެންމެ ކުޑަ އުޖޫރަ ކަނޑައަޅާފައިވާ ގޮތްތައް ބަލައި ދިރާސާކުރާނެކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ވަޒީފާ އަދާކުރާ މީހުންނަށް އުޖޫރައިގެ ގޮތުގައި ދެވޭނެ އެންމެ ކުޑަ މިންވަރެއް ކަނޑައެޅުމަކީ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.