އަހަރެން މާލެއައީ އަންނަ ހިތަކުންނެއް ނޫނެވެ. އަންނަން މަޖުބޫރުވީއެވެ. އެ ނޫންގޮތެއް ނެތީއެވެ. މިއަށްވުރެ ވަކިން ފޫހި ތަނެއް އަހަރެންނަކަށް ނޯވެއެވެ. މިއަށްވުރެ ރުޅި އަރައި ތަނެއް ވެސް ނުވެއެވެ. މާލެއައިސް އުޅެން ޖެހޭ ގޮތާއި ކުރަންޖެހޭ ތަޖުރިބާތަކާހެދި ހަމަ ފޫހިވަނީއެވެ. އަންނަހިތް ނުވަނީއެވެ.

ބަނދަރު މައްޗަށް ހަމަ ފޭބުމާއެކު އިވެމުން ދިޔަ އަޑުފަށްގަނޑުން ކަންފަތް ބަންވިއެވެ. ތޮއްޖެހި ކެވިއަރައި ބާޒާރުމަތިން ލޮލަށާއި ބޮލަށް ވެސް ތުރާވިއެވެ. އެންމެ ބޮޑަށް ހިތްހަމަ ނުޖެހުނީ ކާރެއް ނުލިބިގެން ތެޅެން ޖެހުމުންނެވެ. އެތައް އިރެއް ފަހުން ކާރަށް އަރައި ހަމަޖެހުމުގެ ނޭވާއެއް ލައިގެން އިނދެވުނީ އިރުކޮޅަކުއެވެ. ކާރުބާރު ބޮޑު އަމީނާ މަގުގެ ޓްރެފިކާހެދި ބަރުގޮން އަޅާލަ އަޅާލަ ޑްރައިވަރަށް ޖެހުނީ އިންނާށެވެ. އެތައް އިރެއް ވަންދެނެވެ. ކާރަށް ނޭރުނު ނަމައޭ ހިތަށް އެރިއެވެ. ގައިމުވެސް ދެ ބުރަށް ގެއަށް ގޮސް އަންނަހައި އިރު ފާއިތުވިއެވެ.

މާލެއައިސް ހުރީ ކޮއްކޮގެ ގޭގައެވެ. ފެންވަރައިލައި ހަމަޖެހިލައިގެން ކޮޓަރިން ނުނިކުމެވެނީސް ބައްތި ފޯނު ރިންގުވާން ފެށިއެވެ. އަޑު ހަމަ ޖެހުމާއެކު އަހަރެން ނެގީމެވެ. އެއީ ލިތޯނެވެ. އޭނާ ގުޅީ އިމާރާތް މަސައްކަތް ކުރުމަށް ބޭނުންވާ ތަކެތީގެ ލިސްޓަށް ބައެއް އިތުރު ކުރުމަށެވެ. އެ ފޯނު ހަމަ ބޭއްވުމާއެކު ތާޖުއްދީން ގުޅަން ފެށިއެވެ. އެއީ އަހަރެން އެންމެ އިތުބާރު ކުރާ އެކުވެރިޔާއެވެ. އޭނާ ވެސް ކީ ގަންނަން ޖެހޭ ތަކެތީގެ ލިސްޓެކެވެ.

"އައްދޭ ހާދަ ވަރެއް އެ ކުރަނީ. ދޮންބެމެން ރަށު މީހުންދޯ އެ ގުޅަނީ. މާލެ އަތުވެއްޖެތަ ދެން ތި ފޯނުގެ ރިންގުގެ އަޑެއް ނުކެނޑޭނެ" ފޯނު ބޭއްވުމާއެކު އަހަރެންގެ ކޮއްކޮ އަހަރެންނާ ވާހަކަދައްކަން ފެށިއެވެ.

"ދެން އެމީހުންތާ ގުޅާނީ. އެއީއޭ މިހާރު ރަށުގައި ބަޔަކީ. ކޮންމެ ކަމެއް ޖެހުނަސް ތިބި ބަޔަކީ އެއީ. ހާރަކަސް ތަރާވީހަކަސް ލިބެން ހުރި އެއްޗަކީ އެއީ" އަހަރެން ނުސީދާކޮށް ޖަވާބު ދިނީމެވެ.

"މިފަހަރު އަނެއްކާ ކޮން ދަތުރެއް. ކިތައް ދުވަހަށް ތިއައީ؟" ކޮއްކޮ ސުވާލުކުރީ ދަތުރުގެ މަގުޞަދާ ގުޅޭގޮތުންނެވެ.

"މިފަހަރު މިއައީ ހަމަ މުދާ ގަންނަން. ރަށުގައި އަލަށް އަޅައި ފްލެޓްތަކުން ބައެއް ތަންތަން އެޅުމުގެ މަސައްކަތަށް ބޭނުންވާ ތަކެތި ގަންނަން. ތަންކޮޅެއް ގިނައިން ގަންނަން ޖެހޭތީ އަންނަން މަޖުބޫރުވީ. މިއައީ މަސައްކަތްކުރުވަން ގެންގުޅޭ ތިން ބިދޭސީއަކު ވެސް ގޮވައިގެން. މާދަމާ ރޭ ނޫން އަނެއްރޭ ފުރާނީ" އަހަރެން ޖަވާބު ދިނީމެވެ.

"އަދިވެސް ދޮންބެ ތޮއުޅެނީ އެމީހުން ގޮވައިގެން؟ ދިވެހިން ގެންގުޅެބަލަ؟" ކޮއްކޮ ފެށީ އަބަދުވެސް ކޮއްކޮ ދައްކާ ވާހަކައެވެ. އެއީ އަބަދުވެސް އަހަރެންނަށް ވިސްނައި ދިނުމަށް ކޮއްކޮދޭ ނަސޭހަތެކެވެ. ނަމަވެސް ދިވެހީން ގެންގުޅުމުން ވާނެ ގޮތާއި އެ ތަޖުރިބާ އަހަރެން ކޮށްފީމެވެ.

"ކޮއްކޯ ތިވާހަކަ ހުއްޓާލާ. އެންމެފަހުން ގެންގުޅުނު ދިވެހި މީހާ ފެނުނީ އަހަރެމެން މަސައްކަތް ކުރާ ތަނުގައި ހުރި އުދެލިތައް ވިއްކާލަން އެހެން ރަށެއްގައި ހުއްޓާ. ތި ދައްކަނީ މި މީހުންގެ ވާހަކަ. އަތުން ފައިން ކަމެއް ނުކޮށް ތިބި ބައެއްގެ ވާހަކަ" އަހަރެން ހިއްސާ ކުރީ އަހަރެންގެ ތަޖުރިބާއެވެ.

"ބަލަ ބިދޭސީން ވަކި ދެރަތަ؟ އެމީހުންވެސް ޖެހުނުހާ އެއްޗެއް ވިއްކާ. ތިއަށްވުރެ މާ ގޯސްކަންކަން ކުރޭ" ކޮއްކޮ ދިފާޢުކުރީ ދިވެހީންނެވެ. އެކަމާ އަހަރެން އެއްބަސް ވަމެވެ. ގޯސް މީހުން އުޅެއެވެ. ގޯސް ވެސް ހަދައެވެ.

"އެކަމަކު މަސައްކަތާ ޖެހުމުން ހަމަ ރަނގަޅީ ބިދޭސީން. އެ މީހުން ލައްވާ މަސައްކަތް ކުރުވޭނެ. ދިވެހީންލައްވާ ވެސް ކުރުވިދާނެ. އެކަމަކު ކުރުވޭނީ އެއް ދުވަހު. އެހިސާބުން އެ ހަމަވީ" އަހަރެން ވާހަކަދެއްކީ ތަޖުރިބާގެ އަލީގައެވެ.

"ތިހުރީ ހަމަ ރަނގަޅަށް ވެސް ބިދޭސީ މޮޔަ ވެފައި. މަށަށް ހީވަނީ ދޮންބެއަށް ބަންގާޅު އާދަނޭ އެކިޔަނީ ހަމަ ކިޔަންވެގެންހެން. އެމީހުން ނޫން ބަޔަކު ދޮންބެއަކަށް ނުފެނޭ ވިއްޔާ. މިހާރު ވާހަކަދައްކާ ރާގާއި ތި އުޅުމުން ވެސް ހީވަނީ ހަމަ ބިދޭސީއެއްހެން" ކޮއްކޮ އަހަރެންނާ ދިމާކޮށްލީ މީހުން އަހަރެންނާ މުޚާތަބުކުރާ ވަނަމާއެކުއެވެ.

"އަހަރެން މިހެން އުޅޭތީ ބައެއް މީހުން ހީކުރަނީ އަހަރެންނަކީ ހަމަ ބިދޭސީއެއްކަމަށް. ބަންގާޅު ބަހުން ވާހަކައަޅުވާލީމާ ދެން އެ ނިމުނީ. އަހަރެން ދަންނަ މީހުންނަށް އަހަރެންނަކީ ދޭސީއެއްކަން އެނގުނަސް ނުދަންނަ މީހަކަށް ނޭނގޭނެ. ދެން މިވާހަކަތައް ދައްކާނެ ވަގުތެއް ނެތް. މިދަނީ ބާޒާރު މައްޗަށް" އަހަރެން ދައްކަމުން ދިޔަ ވާހަކަތައް ކުރުކޮށްލަމުން ގެއިން ބޭރަށް ނުކުންނަން ހިނގައިގަތީމެވެ.

"ސައިކަލުދެންތަ؟ އޭރުން ފަސޭހަވާނެއްނު؟" ކޮއްކޮގެ ސުވާލަށް އަހަރެން ބޯ ޖަހާލުމާއެކު ތަޅުދަނޑި އަހަރެން އަތަށް ދިނުމަށް ފަހު ކޮއްކޮވަނީ ގެއަށެވެ.

ސައިކަލަށް އަހަރެން އަރައި ސްޓާޓް ކޮށްލުމަށް ފަހު އޭގެ ދުވެލި ބާރުކޮށްލީމެވެ. ހަނި ގޯޅިތަކާއި މަގުތަކުން ދަތުރުކުރަމުން ދިޔައީމެވެ. ވަކި ހިސާބަކަށް ދެވުނު ފަހުން ވޮލެޓް ނެތްކަން ހަނދާންވެގެން އަނބުރާ ގެއާދިމާއަށް މިސްރާބުޖެހީމެވެ. ގޭ ކައިރިއަށް އައިސް ސައިކަލު ޕާކުކޮށްލުމަށް ފަހު ދުންޖަހާފައި ގެއަށް ވަނީމެވެ. އެއަށްވުރެ އަވަހަށް ގެއިން ނުކުތީމެވެ.

ސައިކަލަށް އަރަން ދިމާކޮށްލި އިރު އޭގެ މަތީ ރަނގަޅަށް ހަމަޖެހިލައިގެން ސޮރަކު ގޭމު ކުޅެން އިނެވެ.

"ކޮބާ ތެދުވަންވީނު؟" އަތުން އިޝާރާތް ކޮށްލަމުން އަހަރެން ބުނީމެވެ. އަހަރެންގެ މޫނަށް ބަލައިލުމަށްފަހު އޭނާ ރަނގަޅަށް ހަމަޖެހިލިއެވެ.

"އަހަރެންނަށް ލަސްވަނީ. ދާންޖެހެނީ. އަވަސް ކުރަނީ" އަނެއްކާ ވެސް އަހަރެން ބުނީމެވެ. ލަސްލަހުން ފާޑަކަށް ބަލަމުން އެ ސޮރު ތެދުވިއެވެ.

".... ނުފުއްޕައްޗޭ. ފާޑުފާޑު ކުރަންޏާ ......" އަހަރެންނަށް ލަސްވެފައި ހުރުމުން އެސޮރު ދެއްކި ވާހަކަތަކަކަށް އަޅައެއް ނުލަމެވެ. ސައިކަލަށް އަރައި ބާރު ސްޕީޑުގައި ދުއްވާލީމެވެ.

އިރުއޮއްސެންދެން އަހަރެން އުޅުނީ ބާޒާރު މަތީގައެވެ. ބޭނުންވާ ތަކެތި ގަނެ ދޯންޏަށް އެރުވުމުގައެވެ. އަހަރެންނާއެކު ބަނގުލަދޭޝް ތިން މީހަކު ވެސް އުޅުނެވެ. މަސައްކަތް ނިންމާ ގެއާހަމައަށް އާދެވޭ ވަރުވީ ހަތެއް ޖަހަން އުޅެނިކޮށެވެ.

މަޣުރިބު ނަމާދުކޮށްލައިގެން އަހަރެން އައީ ގެއާ ދިމާއަށެވެ. އަހަރެންގެ ފަހަތުން އަހަރެން ގެންގުޅޭ ތިން ބަންގާޅިއަކު ވެސް އާދެއެވެ. އެމީހުން ދިޔައީ އަހަރެން ކުރަމުންދިޔަ ސުވާލުތަކަށް ޖަވާބު ވެސް ދެމުންނެވެ.

ގެއާ ހަމައަށް އައިއިރު ކޮއްކޮގެ ސައިކަލު މަތީ އެއްކަލަ ސޮރާއި އިތުރު މީހަކު އަރާ ތިއްބެވެ. ހިތަށް އެރިއެވެ. އެއްޗެކޭ ބުނެފިނަމަ މާ ގޯސްވާނެއެވެ. އަޅާ ނުލައި ނުފެންނަކަމަށް ހަދައި ގެއަށް ވަންނާނީއެވެ. ނަމަވެސް ސައިކަލާ އަރާ ހަމަވުމާއެކު އެއްކަލަ ސޮރު ވާހަކަ ފެށިއެވެ.

"މި ސައިކަލުވެސް ފުނޑާލާނީ. ބަންގާޅު ގަނޑު" ސައިކަލު މަތީ އިން ސޮރު ސައިކަލުގެ މުއްގަނޑުގައި ހިފާ ތަޅުވާލަމުން ބުންޏެވެ. ދެން އިން ސޮރު ބާރު އަޑުން ފެށީ ހިނިގަޅާށެވެ. އަހަރެންގެ ލޭ ކެކެން ފެށިއެވެ. ނަމަވެސް ނަފުސުގެ މައްޗަށް ގަދަވެ ގަތީމެވެ. ބޭނުންވީ އެތަނަށް މީހުން އެއްކުރުވާށެވެ. އަހަރެން ހަޅޭއްލަވަން ފެށީއެވެ.

"ކަލޯ ގޮތެއް ހަދަނީ. އަހަރެން ހަދަނީ. ހަލާކޮށްލަނީ އަހަރެން ހަލާކުކޮށްލަނީ. ނިމުނީ. ކަލޭ ބޭނުން އެއްޗެއް ނުހެދެނީ. ބޭނުން ކަމެއް ނުކުރެވެނީ. ތީކާކު؟ ކޮންވައްތަރު ތިބެނީ" ބަންގާޅު ބަހުރުވައިން އަޑުގެ ކޮޅަށް އަހަރެން ގޮވަން ފެށީމެވެ. އެ ސޮރުމެންގެ ރުޅިގަނޑު ގަދަވިއެވެ. ކުއްލިއަކަށް ސައިކަލުން ފުންމާލައި އަހަރެން ކޮއްޕާލިއެވެ. ބިމުގައި ފައި ވިއްދައިގެން ހުރިލެއް ބާރުކަމުން އަހަރެން ފަހަތަކަށް ނުޖެއްސުނެވެ.

"ކަލޭ ނުފުއްޕަނީ. ތީކާކު" ދެ މީހުން އަހަރެން ވަށާލިއެވެ. އޭރު މީހުންތައް މަގަށް ޖަމާވެއްޖެއެވެ.

"ކަލޭ ހީކުރީ މަށަކީ ބަންގާޅިއެއް ކަމަށްތަ؟ ބަލަ މޮޔަވީތަ؟ މަކުނު ސައްކެޔޮ ގަހަށް އަރާ އިންނަހެން އަމިއްލަ ސައިކަލު މައްޗަށް އަރާ ތިބެބަލަ. އަހަރެން އެއްޗެކޭ ނުބުނާނަން. ތިގޮތަކަށް ނުފުއްޕޭނެ. އަހަރެންގެ ގައިގައި ދެން އަތްޖައްސާލިއަސް ނިމުނީ. ތަންޑާ އަރުވާލާނަން" އަހަރެންގެ ވާހަކަ ނުނިމެނީސް އެހެން މީހަކު ފެށިއެވެ.

"ކިހައި ބޮޑުވެއްޖެ ކަމެއް. މިސޮރުމެންނަކާ ހަދާ ނެތް މިހާރު މިތާކު އުޅެވޭކަން. ސައިކަލެއް ބަހައްޓާލެވޭކަށް. މަގަކުން ހުރަސް ކޮށްލެވޭކަށް" އަހަރެންނާއެކު ބައިވެރިވާނެ މީހަކު މީހުންގަނޑުގެ ތެރެއިން ނުކުތެވެ. އިތުރު ދެ މީހަކު އަޑުން އަޑުނަގާ އަހަރެންނާ ބައިވެރިވިއެވެ. ދެން ތިބި މީހުން އަތްޖަހަން ފެށިއެވެ. ހޯއްގޮވަން ފެށިއެވެ. އެންމެން އަހަރެމެން ވަށާލިއެވެ. އަހަރެންގައި ގައި ޖަހަން އައި ދެ ސޮރު މައިތިރިވިއެވެ. ޖެހިލުންވެ ބިރުގަތެވެ.

"ނިކަން ޖަހާބަލަ ކެރެންޏާ. ކިރިޔާ އަތް ޖައްސާލިޔަސް މި އެންމެންގަނޑު އަރައިގަންނާނެ. ތިގޮތަށް ފުއްޕާފައި އުޅެންދޭ ރަށަށް. އަމިއްލަ ރަށުގައި ވެސް ކަލޯމެންނަކަށް ނުފުއްޕޭނެ. މިތަނުގައި ކޮން ފުއްޕުމެއް" އަހަރެންގެ ބަހަށް އެންމެން ކަހަލަ ގޮތަކަށް އަތްޖަހަން ފެށިއެވެ.

"ތި ފާޑަށް އުޅެން ދެން މިހިސާބަށް ނާންނާތި. އަހަރެމެންނަށް ވެސް ކެރޭނެ" އެއްވެފައިވާ މީހުންގަނޑުގެ ތެރެއިން އެކަކު ގޮވާލިއެވެ.

"މިހެން ނުވާތީ މައްސަލައަކީ. އެއީ ކޮންބައެއް. ދެން ނުކުންނާނީ އެންމެން. ބިރު ކަނޑާލާފައި ނުކުންނަންވީ. މި ސޮރުމެން މައިތިރި ވާނީ އޭރުން" އެހެން މީހަކު ގޮވާލިއެވެ.

ޖެހިގެން އައި ދުވަހު އަހަރެން ރަށަށް ފުރީމެވެ. ވީކަމެއް ވީއެވެ. ގައިމު ވެސް އަހަރެން އަތަކު ނުޖެހެއެވެ. ކޮއްކޮ ގުޅާފައި ދޮންބެ ވަރުގެ ބަންގާޅިއަކު ނެތޭ ބުނެ އަހަރެންނާ ދިމާކުރިއެވެ. އެ ސޮރުމެންގެ ދުއްޕާނުން ހިސާބުގަނޑު ވެސް ސަލާމަތްވިއެވެ.

(ނިމުނީ)