ސައޫދީ އަރަބިޔާގެ އެއަރލައިނެއް ކަމަށްވާ ފްލައިޑީލުން އެމެރިކާގެ ބޮއިން ކުންފުންޏަށް ކުރިން ދީފައިވާ ވަރަށް ބޮޑު އޯޑަރެއް ކެންސަލްކޮށް އެއޯޑަރު ބޮއިން ކުންފުނީގެ ވާދަވެރި އެއަރބަސްއަށް ދީފިއެވެ.

ފްލައިޑީލުން ބޮއިން ކުންފުންޏަށް ދީފައިވާ އޯޑަރަކީ ބޮއިން ސެވެން ތްރީ ސެވަން މެކްސްގެ ފަންސާސް ބޯޓު ގަތުމަށް ދީފައިވާ އޯޑަރެކެވެ. މިވަައްތަރުގެ ބޯޓުތަކަށް ދިމާވާ ފަންނީ މައްސަލަޔަކާ ގުޅިގެން މީގެ ދެ ބޯޓެއް ވެއްޓި އިތުރު ބޯޓުތަކުގެ އުދުހުން ދުނިޔޭގެ ގައުމުތަކުން ވަނީ ވަގުތީގޮތުން ހުއްޓާލާފައެވެ. އެއީ މައްސަލަ ދިމާވާ އޮޓޯ ސިސްޓަމް ސޮފްޓްވެއަރ އިސްލާހުކުރުމަށް ބޮއިން ކުންފުންޏަށް ވަގުތު ދިނުމުގެ ގޮތުންނެވެ.

ސެވެން ތްރީ ސެވަން މެކްސްއަށް ދިމާވެފައިވާ މި މައްސަލަ މިހާރު ހައްލުކުރެވިއްޖެ ކަމަށް ބޮއިން ކުންފުނިން ދާދިފަހުން ވަނީ ބުނެފައެވެ. މިވައްތަރުގެ ބޯޓަށް ދުނިޔޭގެ އެކި އެއަރލައިނުތަކުން ވަރަށް ގިނަ އަދަދެއްގެ އޯޑަރު ފޮނުވާފައިވިޔަސް މިކަމާ ގުޅިގެން ފްލައިޑީލް ފިޔަވައި އެހެން އެއްވެސް ބަޔަކު އޯޑަރު ކެންސަލެއް ނުކުރެއެވެ. އަދި އެހެން ކުންފުންޏަކުން އުފައްދާ އެހެން ވައްތަރެއްގެ ބޯޓަށް އޯޑަރު ބަދަލުކޮަށްފައެއްވެސް ނުވެއެވެ.

ފްލައިޑީލްގެ މި ވިޔަފާރީގެ އަގު ގާތްގަޑަކަށް ހަ ބިލިއަން އެމެރިކާ ޑޮލަރަށް އަރައެވެ. އެ އެއަރލައިނުން ދެން ގެންނާނީ އެއަރބަސް އޭ ތްރީ ޓޫ ޒީރޯ މޮޑެލްގެ ބޯޓުފަހަރެވެ. މީގެ ފުރަތަމަ ތިރީސް ބޯޓު 2021 ގައި އެ އެއަރލައިނަށް ފޯރުކޮށްދޭނެއެވެ.

ފްލައިޑީލްގެ އޯޑަރު ކެންސަލްކުރުމާ ގުޅިގެން ބޮއިން ކުންފުނިން ބުނެފައިވަނީ މިފަހަރު މިހެންވިޔަސް ކުރިޔަށް އޮތްތަނުގައި ދެފަރާތުގެ ގުޅުމާއި ވިޔަފާރި ބަރާބަރުވާނޭކަމަށް ޔަގީންކުރާ ކަމުގައެވެ. އޯޑަރު ކެންސަލްކޮށް އެއަރބަސްއަށް ދޭން ނިންމި ސަބަބު މޭރުންވާ ކަމަށްވެސް ބުނެފައިވެއެވެ.

އެއަރބަސް ކުންފުންޏަކީ ޔޫރަޕުގެ ހަތަރު ގައުމެއް ގުޅިގެން އުފައްދާފައިވާ ކުންފުންޏެކެވެ. މިއީ މަތިންދާބޯޓު އުފެއްދުމުގެ ވިޔަފާރީގައި ބޮއިން ކުންފުނީގެ އެންމެ ބޮޑު ވާދަވެރިޔާއެވެ.