ދެ ރަށެއްގެ ކުއްޔާއި އެއާ ގުޅޭ ޖޫރިމަނާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް ދެއްކުމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

ސިވިލް ކޯޓުން ހުކުމްކޮށްފައިވަނީ އދ. ތެލުވެލިގާގެ ކުއްޔާއި އެއާގުޅޭ ޖޫރިމަނާ އާއި، ގދ. ދިގުލާބަދޫގެ ކުއްޔާއި އެއާގުޅޭ ޖޫރިމަނާ ދެއްކުމަށެވެ.

ވަކިވަކިން ކޮށްފައިވާ މި ދެ ހުކުމްގެ ތެރެއިން ދ. ދިގުލާބަދޫ މައްސަލައިގައި ސިވިލް ކޯޓުން ހުކުމް ކޮށްފައިވަނީ ދިގުލާބަދޫ ކުއްޔަށް ދިނުމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަ އާއި އެކުއަ ޓްރެޒަ ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ ކުއްޔަށް ދިނުމުގެ އެއްބަސްވުމުގެ ދަށުން އެފަރާތުން ދައްކަންޖެހޭ ކުލި އަދި ކުލި ނުދެއްކުމުގެ ސަބަބުން އަރާފައިވާ ޖޫރިމަނާ ދެއްކުމަށެވެ.

އެކުއަ ޓްރެޒަ ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ހުކުމް ކޮށްފައިވަނީ ކަނޑައެޅިފައިވާ ތާރީޚުގެ ނިޔަލަށް ދައްކަންޖެހޭ ކުލި އަދި އެއާގުޅޭ ޖޫރިމަނާއާ އެކު މުޅި ޖުމުލަ 188،532.56 ރުފިޔާ (އެއް ލައްކަ އަށްޑިހަ ހާސް ފަސް ސަތޭކަ ތިރީސް ދެ ރުފިޔާ ފަންސާސް ހަ ލާރި) ތިންމަސް ދުވަހުގެ ތެރޭގައި ދައްކާ ޚަލާސް ކުރުމަށެވެ.

އދ. ތެލުވެލިގާ މައްސަލައިގައި ސިވިލް ކޯޓުން ހުކުމް ކޮށްފައިވަނީ ތެލުވެލިގާ ކުއްޔަށް ދިނުމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަ އާއި މ. ސަލްޖަމްއާގެ އަހްމަދު އާތިފާ ދެމެދު ވެފައިވާ ކުއްޔަށް ދިނުމުގެ އެއްބަސްވުމުގެ ދަށުން އެފަރާތުން ދައްކަންޖެހޭ ކުލި އަދި ކުލި ނުދެއްކުމުގެ ސަބަބުން އަރާފައިވާ ޖޫރިމަނާ ދެއްކުމަށެވެ.

އަހްމަދު އާތިފްގެ މައްޗަށް ހުކުމް ކޮށްފައިވަނީ ކަނޑައެޅިފައިވާ ތާރީޚުގެ ނިޔަލަށް ދައްކަންޖެހޭ ކުލި އަދި އެއާގުޅޭ ޖޫރިމަނާ އާއެކު މުޅި ޖުމުލަ 70،964.13 ރުފިޔާ (ހަތްދިހަ ހާސް ނުވަ ސަތޭކަ ފަސްދޮޅަސް ހަތަރު ރުފިޔާ ތޭރަ ލާރި ) ތިންމަސް ދުވަހުގެ ތެރޭގައި ދައްކާ ޚަލާސް ކުރުމަށެވެ.

މީގެ އިތުރުން ސިވިލް ކޯޓުން ވަނީ މެގަ ގްލޯބަލް އެއާ ސާވިސަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އެއާޕޯޓް ސާވިސް ޗާޖާއި، އެއާޕޯޓް ޑިވެލޮޕްމަންޓް ފީ މީރާއަށް ދެއްކުމަށް ވެސް ހުކުމްކޮށްފަ އެވެ.

މެގަ ގްލޯބަލް އެއާ ސާވިސަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ހުކުމް ކޮށްފައިވަނީ އެއާޕޯޓް ސާވިސް ޗާޖާއި އެއާޕޯޓް ޑިވެލޮޕްމަންޓް އަދި އެއާ ގުޅޭ ޖޫރިމަނާގެ ގޮތުގައި ޖުމުލަ 1,014,654 (އެއް މިލިއަން ސާދަހާސް ހަސަތޭކަ ފަންސާސް ހަތަރު) ޑޮލަރު އަދި 2،800 ރުފިޔާ (ދެ ހާސް އަށް ސަތޭކަ ރުފިޔާ) 10 މަސްދުވަހުގެ ތެރޭގައި ދައްކާ ޚަލާސް ކުރުމަށެވެ.