އީސްޓަ ސަންޑޭ ބޮމުގެ ހަމަލާތައް ހުއްޓުވުމުގައި ފެއިލްވުމުގެ ޒިންމާ އަޅުވައި، ސްރީލަންކާއިން ހައްޔަރުކުރި އެގައުމުގެ ފުލުހުންގެ ވެރިޔާއާއި ކުރީގެ ދިފާއީ ސެކްރެޓަރީ ކަފާލާތުގެ ދަށުން މިނިވަންކޮށްފި އެވެ.

މި ދެބޭފުޅުން ވަގުތީގޮތުން މިނިވަން މިކުރީ ހައްޔަރުކުރިތާ ހަފްތާއެއް ފަހުންނެވެ.

ފުލުހުންގެ ވެރިޔާ އިންސްޕެކްޓާ ޖެނެރަލް ޕުޖީތު ޖަޔަސުންދަރާގެ އިތުރުން ކުރީގެ ދިފާއީ ސެކްރެޓަރީ ހެމާސިރީ ފަނާންޑޯ، ކޮލަމްބޯ މެޖިސްޓްރޭޓް ކޯޓުން ކަފާލާތުގެ ދަށުން މިނިވަން ކުރި ނަމަވެސް، މި ދެބޭފުޅުންވެސް މިމަހުގެ 22 ވަނަ ދުވަހު ކޯޓަށް ހާޒިރުވާން ޖެހޭ ކަމަށް މި ދެބޭފުޅުންގެ ގާނޫނީ ވަކީލު އަނޫޖާ ޕްރެމަރަތުނަ ވިދާޅުވި އެވެ.

މިދިޔަ ހަފްތާގައި މި ދެބޭފުޅުންވެސް ސްރީލަންކާ ފުލުހުންގެ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ހައްޔަރުކޮށްފައިވަނީ ކޮޅުނބުގެ ދެ ހޮސްޕިޓަލަކުން ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ފުލުހުން މި ދެބޭފުޅުން ހައްޔަރުކުރީ ފައްޅިތަކަށާއި، ހޮޓާތަކަށް ދެވުނު ހަމަލާތައް ހުއްޓުވުމުގައި ނާކާމިޔާބުވުމާ ގުޅިގެން މި ދެ ބޭފުޅުން ހައްޔަރުކޮށް ޝަރީއަތް ހިންގަންޖެހޭ ކަމަށް ސްރީލަންކާގެ ބަންޑާރަނާއިބް ޑައްޕުލަ ޑި ލިވޭރާ ވިދާޅުވިތާ އެއްދުވަސް ފަހުންނެވެ.

ހަމަލާ ހުއްޓުވުމުގައި ފެއިލްވުމުގެ ސަބަބުން ބައިނަލްއަގްވާމީ ގާނޫނުތަކުގެ ދަށުން މި ދެބޭފުޅުންވެސް އިންސާނިއްޔަތާ ޚިލާފް ޖަރީމާ ހިންގެވުމުގެ ގޮޅިއަށް ފެތޭ ކަމަށާއި، މި ދެ ބޭފުޅުން ކޯޓަށް ހާޒިރުކޮށް ޝަރީއަތް ހިންގަންޖެހޭ ކަމަށް ސްރީލަންކާގެ ބަންޑާރަ ނާއިބް، އެގައުމުގެ ފުލުހުންގެ ވަގުތީ ވެރިޔާއަށް އިއްޔެ ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވެ އެވެ.

ބޮމުގެ ހަމަލާތަކާ ގުޅިގެން އެކަމުގައި އިހުމާލުވާންޖެހޭ ކަމަށް ވިދާޅުވެ، ބަންޑާރަ ނާއިބްގެ ސިޓީގައި ފުލުހުންގެ އިސް އުތުރު 9 އޮފިޝަލެއްގެ ނަން ބަޔާން ކުރައްވާފައިވެ އެވެ.

އިންސްޕެކްޓަ ޖެނެރަލް ޕުޖީތު ޖަޔަސުންދަރާ އާއި، ކުރީގެ ދިފާއީ ސެކްރެޓަރީ ހެމާސިރީ ފަނާންޑޯވެސް ވަނީ ބޮމުގެ ހަމަލާއާ ގުޅިގެން ޕާލަމެންޓުން ކުރިއަށްގެންދާ ތަހްގީގަށް މައުލޫމާތު ދެއްވާފަ އެވެ. މި ބޭފުޅުންގެ ބަޔާންތަކުގައި ކުށްވެރި ކުރައްވާފައިވަނީ ސްރީލަންކާގެ ރައީސް މައިތުރިޕާލަ ސިރިސޭނާ އެވެ. އެކަމުގައި ފެއިލްވީ ސިރިސޭނާ ކަމަށްވެސް ވިދާޅުވި އެވެ.

ބޮމުގެ ހަމަލާގެ ފަހުން ރައީސް ސިރިސޭނާ ވަނީ ފުލުހުންގެ ވެރިޔާ ޖަޔަސުންދަރާ މަގާމުން ސަސްޕެންޑް ކުރައްވާފަ އެވެ. އެއީ ބޮމުގެ ހަމަލާތަކުގެ ޒިންމާ އުފުއްލަވަން ފުލުހުންގެ ވެރިޔާ ދެކޮޅު ހެއްދެވުމުންނެވެ.

ސްރީލަންކާއަށް ދެވުނު ބޮމުގެ ހަމަލާތަކުގެ ޒިންމާ އުފުއްލަވަން ޖެހިވަޑައިގަންނަވަނީ ރައީސް މައިތުރިޕާލަ ސިރިސޭނާ ކަމަށް ވިދާޅުވެ، ފުލުހުންގެ ވެރިޔާ އިންސްޕެކްޓަ ޖެނެރަލް ޕުޖީތު ޖަޔަސުންދަރާ ވަނީ ސްރީލަންކާގެ ސުޕްރީމް ކޯޓަށް ޕެޓިޝަނެއްވެސް ހުށަހަޅުއްވާފަ އެވެ.

ރައީސް ސިރިސޭނާއަކީ ސްރީލަންކާގެ ދިފާއީ ވަޒީރުގެ އިތުރުން ފުލުހުންގެ އެންމެމަތީ ވެރިޔާވެސްމެ އެވެ.