އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އަނެއްކާވެސް އިންޑިއާއަށް ބަހުގެ ހަމަލާތަކެއް ދެއްވައިފި އެވެ.

އެމެރިކާގެ މުދަލުން ނަގާ ޓެކްސް އިންޑިއާއިން ބޮޑުކުރި މައްސަލާގައި ޓްރަމްޕް ކުރެއްވި ޓްވީޓެއްގައި ވަނީ އިންޑިއާ ކުށްވެރި ކުރައްވާފަ އެވެ.

އޭޝިއާގެ އެންމެ ވަރުގަދަ އެއް އިގްތިސާދު ކަމުގައިވާ އިންޑިއާއާކު އެމެރިކާގެ ރައީސް ޓްރަމްޕް ކޯޅުންތައް ފަށްޓަވާފައި މިވަނީ ޗައިނާއާއެކު ޒަމާނުއްސުރެ އޮންނަ ވިޔަފާރީގެ އަރާރުންތައް ހައްލުކުރުމުގެ ކޮޅުމަތި ފެންނަމުން ދަނިކޮށެވެ.

ޓްރަމްޕް ހިތްޕުޅާ ނުވެގެން އުޅުއްވަނީ އިންޑިއާގެ މުދާ އެމެރިކާއަށް އެތެރެކުރެވޭ ފަދައިން އެމެރިކާގެ މުދާވެސް އިންޑިއާއަށް އެތެރެކުރުމުގެ ފަހި ފުރުސަތު އިންޑިއާއިން ނުދީގެންނެވެ.

ޓްރަމްޕް އިއްޔެ ވިދާޅުވީ އިންޑިއާއިން އެމެރިކާގެ މުދަލަށް ހުރަސްއަޅަނީ ބޭއިންސާފުން ކަމަށެވެ. މިއީ ގަބޫލު ކުރެވޭނޭ ކަމެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.

އެމެރިކާގެ މުދާ އިންޑިއާއަށް އެތެރެކުރުމުގައި އިންޑިއާއިން ދަތިކޮށްފައި އޮންނަ މައްސަލާގައި، ވިޔަފާރީގައި އެމެރިކާއިން އިންޑިއާއަށް އެތައް އަހަރެއް ވަންދެން ދީފައި އޮތް ޚާއްސަ އިނާޔަތް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިއަހަރުގެ ޖޫން މަހުގެ އެއްވަނަ ދުވަހު ވަނީ ނިމުމަކަށް ގެންނަވާފަ އެވެ. އަދި އިންޑިއާއިން އެމެރިކާއަށް އެކްސްޕޯޓް އަދި އިމްޕޯޓްކުރާ މުދަލުން ނަގާ ޓެކްސްވެސް ވަނީ ބޮޑުކުރައްވާފަ އެވެ. މިކަމާ ގުޅިގެން ދެގައުމުގެ ގުޅުމުގައި ވަނީ ކުނި ޖެހިފަ އެވެ.

އިންޑިއާއަށް ދީފައި އޮތް ވިޔަފާރީގެ ޚާއްސަ އިނާޔަތް ނިގުޅައިގަތުމުގެ އިތުރަށް އެލުމިނިއަމްއާއި ސްޓީލްފަދަ އިންޑިއާގެ އުފެއްދުންތަކުން ނަގާ ޓެކްސް އެމެރިކާއިން ބޮޑުކުރުމުން، އެކަމުގެ ރައްދުގައި އިންޑިއާއިންވެސް ވަނީ އެމެރިކާއިން އިންޑިއާއަށް އެތެރެކުރާ 28 މުދަލަކުން ނަގާ ޑިއުޓީ، ޖޫން މަހުގެ 16 ވަނަ ދުވަހުން ފެށިގެން ބޮޑުކޮށްފަ އެވެ.

އިންޑިއާއިން ޑިއުޓީ ބޮޑުކުރި މުދަލުގެ ތެރޭގައި ވޯލްނަޓްސް އަދި އަލްމޮންޑްވެސް ހިމެނެ އެވެ.

އިންޑިއާއާ އެކު ގާތް ގުޅުންތަކެއް ބާއްވަން އެމެރިކާއިން އަބަދުވެސް މަސައްކަތް ކުރެ އެވެ. ނަމަވެސް، 1.3 ބިލިއަން މީހުންގެ އާބާދީއެއް އޮންނަ އިންޑިއާގެ ބިޔަ މާރުކޭޓަށް ވަނުމަށް އޮންނަ ފުރުސަތު ހަނިކަމުން އެމެރިކާއިން އަބަދުވެސް އެކަމުގެ ޝަކުވާ ވެސް ކުރެ އެވެ.