ސަރުކާރުން ހުޅުވާލާ 2.5 މިލިއަން ރުފިޔާ އަށް ވުރެ ދަށުގެ މަސައްކަތްތައް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދޭން އަންގައިފި އެވެ.

ފިނޭންސް މިނިސްޓްރީ މިގޮތަށް ކަނޑައަޅާފައިވަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމުކުރުމުގެ ގޮތުން އެކުލަވާލާފައިވާ ސިޔާސަތަށް އަމަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުން ތަންފީޒުކުރުމަށެވެ.

މި ސިޔާސަތަށް އަމަލުކުރަން ފެށުމުން ސަރުކާރާއި، މިނިވަން މުއައްސަސާތަކުން އަދި ސަރުކާރުގެ މެޖޯރިޓީ ހިއްސާވާ ކުންފުނިތަކުން ކުރާ އިއުލާންތަކުގައި ބިޑް ކުރުމަށް ހުޅުވާލެވޭއިރު އެ އިއުލާން ކުރާ ޕްރޮޖެކްޓެއްގެ އަގު 2.5 މިލިއަން ރުފިޔާއަށް ވުރެ ދަށްނަމަ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އިސްކަން ދޭންޖެހެއެވެ. އެގޮތުން ސަރުކާރުގެ މުއައްސަސާތަކާއި މިނިވަން މުއައްސަސާތަކުން ކުރިއަށް ގެންދާ ޕްރޮކިއުމެންޓްތަކުގައި އިކޮނޮމިކް މިނިސްޓްރީގެ ކުދި އަދި މެދުފަންތީގެ ވިޔަފާރި ގިންތީގައި ހިމެނޭ ދިވެހި ވިޔަފާރިތަކަށް އެކަނި ބައިވެރިވެވޭ ގޮތަށް ޕްރޮކިއުމެންޓް ކަންތައް ކުރިއަށް ގެންދަން އެދޭ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ،

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަހި މާޙައުލެއް ގާއިމުކުރުމުގެ ގޮތުން އެކުލަވާލާފައިވާ ސިޔާސަތުގެ ދަށުން ސަރުކާރުގެ މުއައްސަސާތަކުގެ ޕްރޮކިއުމަންޓް އަދި ޑިއުޓީ މަޢާފު އުސޫލަށްވެސް އިސްލާހު ގެނައުމަށް ވަނީ ނިންމާފައެވެ.

މީގެ އިތުރުން، ވިޔަފާރިތަކަށް ސަރުކާރުން ނުވަތަ ސަރުކާރުގެ ކުންފުނިތަކުން ދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ކުރާ އިންވޮއިސްތަކަށް އަވަހަށް ފައިސާ ދެއްކުމަށް ބާރު އެޅޭ ގޮތަށް ކަންކަން ބައްޓަންކުރުމާއި މީހުން ތަމްރީނު ކުރުން އަދި އެ ފަދަ ވިޔަފާރިތަކަށް ހިތްވަރު ދިނުމުގެ ގޮތުން އެވޯޑު ދިނުން ފަދަ ކަންކަން ތައާރަފް ކުރުން މި ސިޔާސަތުގައި ހިމެނެ އެވެ.

އިކޮނޮމިކް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގައި ހަރަކާތްތެރިވާ ވިޔަފާރިތަކުގެ 70 ޕަސެންޓަށް ވުރެ ބޮޑު ބަޔަކީ އެސްއެމްއީ ކެޓަގަރީގެ ހިމެނޭ ވިޔަފާރިތަކެވެ. މި ބައިގައި ހިމެނެނީ އެންމެ ކުދި މެދުފަންތީގެ ވިޔަފާރިތަކާއި، ކުދި މެދުފަންތީގެ ވިޔަފާރި އަދި މެދުފަންތީގެ ވިޔަފާރިތައް،،، އެންމެ ކުދި ވިޔަފާރީގެ ގޮތުގައި ބަލަނީ ވަޒީފާ އަދާކުރާ މުވައްޒަފުންގެ އަދަދު ހަޔަކަށް ވުރެ މަދު ވިޔަފާރިތަކެވެ.