ވައިގެ ދަތުރުފަތުރުގެ ސިނާއަތުގައި ވާދަވެރިކަން އޮތް ގޮތުން ގައުމީ އެއާލައިން، މޯލްޑިވިއަންގެ މުވައްޒަފުންގެ މުސާރަތައް ބޮޑުކުރަންޖެހޭ ކަމަށް މޯލްޑިވިއަން ހިންގަމުން ގެންދާ އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) އިން ބުނެފި އެވެ.

އައިލެންޑް އޭވިއޭޝަނުން މިކަން ހާމަކޮށްފައިވަނީ އެކުންފުނީގެ ވެރިންގެ މުސާރަ ބޮޑުކުރިކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީގެ މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

ކޮމިޓީގައި ވާހަކަދައްކަވަމުން އައިއޭއެސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ ވިދާޅުވީ މޯލްޑިވިއަންގެ މުވައްޒަފުންގެ މުސާރަ ވަރަށް ފަހުން ބޮޑުކޮށްފައިވާ ކަމަށާއި އެކަން ކޮށްފައިވަނީ ވާދަވެރި ކުންފުނިތަކުގެ ހުށަހެޅުންތަކާ ހެދި، މުވައްޒަފުން ވަޒީފާއިން ވަކިވާތީ ކަމަށެވެ. ރާއްޖޭގައި ވައިގެ ދަތުރުފަތުރުގެ ހިދުމަތްދޭ އެހެން ކުންފުނިތަކާ އަޅާ ބަލާއިރު، އައިއޭއެސްގެ މުވައްޒަފުންގެ މުސާރަ އަދިވެސް ވަރަށް ކުޑަކަން ރިޒްވީ ވަނީ ފާހަގަކުރައްވާފަ އެވެ.

އައިއޭއެސްގެ ބައެއް ސެކްޝަންތަކުގައި މުވައްޒަފުން ތިބެންޖެހޭ އަދަދަށް ވުރެ ގިނައިން މުވައްޒަފުން އެބަތިބި ކަމަށާއި އެހެންނަމަވެސް އެހެން ބައެއް ސެކްޝަންތަކުގައި މުވައްޒަފުން ތިބެންޖެހޭ ވަރަށްވުރެ މަދުން ތިބިކަން ވެސް ރިޒްވީ ވަނީ ފާހަގަކުރައްވާފަ އެވެ.

އައިލެންޑް އޭވިއޭޝަންގެ އިސްވެރިންގެ މުސާރަ އާދަޔާ ޚިލާފަށް ބޮޑުކުރި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވާހަކަތައް ދައްކާތާ ދުވަސްތަކެއް ވަނީ ވެފަ އެވެ. އެގޮތުން އެމްޑީގެ މުސާރައަށް އެއްލައްކަ ރުފިޔާ އާއި ޑީއެމްޑީގެ މުސާރަ 86،000 ރުފިޔާ އަށް ބޮޑު ކުރި ކަމަށް ސޯޝަލް މީޑިއާގައި ވާހަަކަދެކެވިފައިވެއެވެ. އެހެންނަމަވެސް ރިޒްވީ ވަނީ އެވާހަކަތައް ދޮގުކުރައްވާފައެެވެ.

ރިޒްވީ ވިދާޅުވީ މިހާރު އެންމެ އިސްކަންދެނީ މުވައްޒަފުން މަސައްކަތް ކުރާނެ ރަނގަޅު މާހައުލެއް ގާއިމްކޮށް ދިނުމަށް ކަމަށެވެ.

މިސަރުކާރުން ވެރިކަމާ ހަވާލުވިއިރު އައިއޭއެސްގައި 1188 މުވައްޒަފުން ތިބި ނަމަވެސް މިހާރު އެއަދަދު އުޅެނީ 1247 ގައި ކަމަށްވެސް ރިޒްވީ ވިދާޅުވިއެވެ. އެކަމަކު ކުންފުނީގައި ޓެކްނިކަލް މުވައްޒަފުން އަދިވެސް މަދުކަން ފާހަގަކުރައްވަމުން ރިޒްވީ ވިދާޅުވީ ޕައިލެޓުން ތަމްރީންކޮށް، މިހާރު ތިބި ޕައިލެޓުންނަށް އިތުރު ތަމްރީންތައް ދިނުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށެވެ.

ކޮމިޓީގައި ރިޒްވީ އިތުރަށް ވިދާޅުވީ އެތެރޭގެ އުދުހުންތަކުގެ ޓިކެޓުގެ އަގު މި ސަރުކާރުން ހެޔޮ ކުރިނަމަވެސް މިދިޔަ އަހަރުގެ ފުރަތަމަ ހަމަސް ދުވަހާއި މި އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު އައިއޭއެސްގެ ފައިދާ ވަނީ ބޮޑުތަނުން އިތުރުވެފައި ކަަމަށެވެ. ނަމަވެސް އެއީ ކިހާ އަދަދެއް ކަމެއް އޭނާ ވިދާޅުވެފައެއް ނުވެއެވެ.

އައިއޭއެސްގައި 23 މަތިންދާ ބޯޓެއް ގެންގުޅޭ އިރު މީގެތެރެއިން ޑޮމެސްޓިކް ދަތުރުތަކުގައި ބޭނުންކުރަނީ 10 ބޯޓެވެ. އަދި ސީޕްލޭންގެ ގޮތުގައި 11 ބޯޓު ބޭނުންކުރެއެވެ.