ލަދުވެތިގޮތަކަށް ނިއުޒިލެންޑުގެ އަތްދަށުވެ ކުރިކެޓް ވޯލްޑްކަޕްގެ ފައިނަލަށް ނުގޮސް އިންޑިޔާ ކަޓައިފިއެވެ.

ސެމީފައިނަލްގައި އިންޑިޔާ އާއި ވާދަކޮށް ނިއުޒިލެންޑް މިއަދު މޮޅުވީ 18 ލަނޑުންނެވެ. މިމެޗަކީ އިއްޔެ ފުރިހަމަކުރަން ޖެހޭ މެޗެކެވެ. އެކަމަކު ވާރޭގެ ސަބަބުން ކުޅުން ކުރިއަށް ނުގެންދެވިގެން ބާކީބައި މިއަދަށް ފަސްކުރީއެވެ.

ނިއުޒިލެންޑު މިއަދުގެ ކުޅުންފެށީ އިއްޔެ ނިމުނު ހިސާބުންނެވެ. އެއީ 6 ވިކެޓަށް 211 ލަނޑެވެ. ނިއުޒިލެންޑަށް ފަންސާސް އޯވަރު ހަމަވިއިރު މިއަދު ހަމަކުރެވުނީ 8 ވިކެޓަށް 239 ލަނޑެވެ.

މިމެޗު ފަސޭހަކަމާއެކު އިންޑިޔާއިން ކާމިޔާބުކުރާނެ ކަމަށް ހީކުރެވުނު ނަމަވެސް އިންޑިޔާ ކުޅެން ނިކުތުމާއެކު ހާސްކަމުގެ ތެރެއަށް ވެއްޓިއްޖެއެވެ. އެންމެ ފުރަތަމަ 3 ވިކެޓް ދިޔައިރު ސްކޯރބޯޑުގައި އޮތީ އެންމެ ތިން ލަނޑެވެ. ކޮންމެ މެޗެއްގައި ސައްތަ ހަދަމުންއައި ރޮހިތު ޝަރުމާއަކަށްވެސް އަދި ކެޕްޓަން ވިރަތު ކޯލީއާއި ރަހޫލްއަކަށްވެސް މާބޮޑުކަމެއް ނުކުރެވުނެވެ. މީން ކޮންމެ ކުޅުންތެރިޔަކަށް ދެވުނީ އެންމެ ލަނޑެކެވެ.

ސައްތައަކާ ހަމަޔަށްވެސް އިންޑިޔާގެ ޖުމްލަ ނުއުފުލެނީސް ފުރަތަމަ ހަ ކުޅުންތެރިން ނުބައިވުމަށްފަހު ރަވިންދުރަ ޖަދޭޖާ އާއި މަހެންދުރަ ދޯނީ ގުޅިގެން އިންޑިޔާއަށް ކޮންމެވެސް ވަރެއްގެ އުއްމީދުތަކެއް ގެނެސްދިނެވެ. އެކަމަކު 77 ލަނޑަށް ޖަދޭޖާ ނުބައިވުމުން އަނެއްކާވެސް އިންޑިޔާ މާޔޫސްވިއެވެ. އޭގެ ހަމައިރުކޮޅެއްފަހުން 50 ލަނޑަށް ދޯނީ ނުބައިވުމުން އިންޑިޔާގެ ހުރިހާކަމެއް ނިމުނީއެވެ.

ބާކީ ތިންބޯޅަ އޮއްވައި އެންމެން ނުބައިވެގެން އިންޑިޔާއަށް ހަމަކުރެވުނީ 221 ލަނޑެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ 10 އޯވަރު 37 ލަނޑަށް 3 ވިކެޓް ނެގި ނިއުޒިލެންޑްގެ އުކުންތެރިޔާ މެޓް ހެންރީއެވެ.

ސެމީފައިނަލްގެ އަނެއް މެޗުގައި މާދަމާ ބައްދަލުކުރާނީ އޮސްޓްރޭލިއާ އާއި އިންގްލެންޑެވެ. ފައިނަލް މެޗު ކުޅޭނީ އަންނަ އާދީއްތަ ދުވަހުއެވެ.