އަހްމަދު ޝަރީފަކީ ވޯލްޑް ލިންކް ޓްރެވަލް (ޑަބްލިޔު.އެލް.ޓީ) ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު ކަމަށް ވިދާޅުވެ މީޑިއާގައި ދައްކަވަމުންދަނީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށް އެކުންފުނިން ބުނެފިއެވެ.

ވޯލްޑް ލިންކް ޓްރެވަލް (ޑަބްލިޔު.އެލް.ޓީ) ޕްރައިވެޓް ލިމިޓެޑުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ އަހްމަދު ޝަރީފް (ސައިރިކްސް ޝަރީފް) އަކީ މިހާރު އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ނޫން ކަމަށާއި އޭނާ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވީ 11 ޑިސެމްބަރު 2013 އާ ހަމައަށް ކަމަށެވެ. އެދުވަހު ބޭއްވި އެކުންފުނީގެ ބޯޑް އޮފް ޑައިރެކްޓަރުންގެ ބައްދަލުވުމުގައި މެނޭޖިން ޑިރެކަޓަރުގެ މަގާމަށް ފާތިމަތު ތަސްލީމާ އައްޔަންކޮށްފައިވާ ކަމަށެވެ. އަދި އެ ބައްދަލުވުމުގައި އަހްމަދު ޝަރީފް ބައިވެރިވެވަޑައިގެން ފާސްކުރެވުނު ގަރާރުގައި ސޮއިވެސް ކުރައްވާފައިވާ ކަމަށެވެ.

ޑަބްލިޔުއެލްޓީގައި އޮތް އަހްމަދު ޝަރީފާއި އޭނާގެ އަންހެނުންގެ 90 ހިއްސާގެ ފައިސާއަށް ލިބެންޖެހޭ ހުރިހާ ފައިސާ 30 ސެޕްޓެމްބަރު 2007 ގައި އަހްމަދު ޝަރީފަށް ދައްކާ ޚަލާސްކޮށްފައިވާ ކަމަށް ވެސް ބަޔާނުގައި ވަނީ ބުނެފައެވެ.

އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން 28 މާރިޗު 2019 ގެ ޤަޟިއްޔާ ހުކުމާއި ގުޅިގެން ދިވެހި ދައުލަތާއި އެއިމް ކުންފުނިން ޑަބްލިޔުއެލްޓީއަށް ދެއްކުމަށް އަންގާފައިވާ ފައިސާއާއި ގުޅޭގޮތުން ދައުލަތާއެކު ކުރެވުނު މަޝްވަރާތަކަށްފަހު ޑަބްލިޔުއެލްޓީއަށް ދޫކޮށްފައިވަނީ، އެކުންފުނިން އެޑްވާންސް ކުލީގެ ގޮތުގައި ދައްކާފައިވާ 16.9 މިލިޔަން ޑޮލަރުގެ ތެރެއިން 15 މިލިއަން ޑޮލަރު ކަމަށެވެ. އަދި މި ފައިސާގެ ތެރެއިން 30 ޖޫން 2019 ގެ ނިޔަލަށް ވިލާގެ ބައެއް ކުންފުނިތަކުން ދައުލަތަށް ދައްކަންޖެހޭ ޓެކްސް އުނިކޮށްފައިވަނީ ޑަބްލިޔުއެލްޓީގެ އެދުމުގެ މަތިން ކަމަށްވެސް ބަޔާނުގައި ވަނީ ބުނެފައެވެ.

އެޑްވާންސް ކުލީގެ ގޮތުގައި ދައުލަތަށް ދެއްކި 16.9 މިލިއަން ޑޮލަރަކީ ވިލާ ޝިޕިން އެންޑް ޓްރޭޑިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި ޑަބްލިޔުއެލްޓީއާއެކު 30 ސެޕްޓެމްބަރު 2007 ގައި ވެވުނު އެއްބަސްވުމެއްގެ ދަށުން އަނބުރާ ދައްކާގޮތަށް އެކުންފުނިން ނަގާފައިވާ ފައިސާ ކަމަށްވެސް ބަޔާނުގައި ވަނީ ބުނެފައެވެ. އެހެންކަމުން އެއްބަސްވުމާއި އެއްގޮތަށް ފައިސާ ނުދެއްކުމުން 19 އޮކްޓޯބަރު 2014 ގައި ކުންފުނީގެ ޑިރެކްޓަރުގެ މަގާމުގައި އޭރު ހުންނެވި އަހްމަދު ޝަރީފް ހިމެނޭގޮތަށް ބޭއްވި ކުންފުނީގެ ބޯޑު ޖަލްސާއިން ނިންމާފައިވަނީ، ކުންފުނީގެ އެޑްވާންސް ފައިސާ ދައްކާފައިވާ ތިން ރަށާ ގުޅިގެން ކުންފުންޏަށް ލިބިދޭ އެންމެހާ ހައްގުތައް ވިލާ ޝިޕިން އެންޑް ޓްރޭޑިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްލުމަށް ކަމަށެވެ.

އަދި ރާއްޖޭގެ ސުޕްރީމް ކޯޓުން 28 މާރިޗު 2019 ގެ ޤަޟިއްޔާ ހުކުމާއި ގުޅިގެން ދައްކަންޖެހޭ ފައިސާގެ ތެރެއިން ދައްކާފައިވާ 15 މިލިއަން ޑޮލަރާމެދު އަމަލުކޮށްފައިވަނީ ކުންފުނީގެ ނިންމުންތަކާ އެއްގޮތްވާގޮތުގެ މަތިން ކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ. އަދި އަހްމަދު ޝަރީފް މީޑިއާތަކުގައި ދައްކަވާ ހަގީގަތާ ޚިލާފު ވާހަކަތައް ކުށްވެރިކުރާ ކަމަށާއި އެކަމާމެދު ކުންފުނިން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމުގައިވެސް ބަޔާނުގައި ވަނީ ބުނެފައެވެ.

ވިލާގެ މެޖޯރިޓީ ހިއްސާ އޮންނަ ޑަބްލިއުއެލްޓީން މިބަޔާން ނެރުނީ ރިސޯޓު ހެދުމަށް ރަށްތަކެއް ދޭން އެއްބަސްވުމަށްފަހު އެ ރަށްތައް އެކުންފުންޏާ ހަވާލުނުކުރި މައްސަލައިގައި، ކޯޓުގެ ހުކުމާ އެއްގޮތަށް އެ ކުންފުންޏަށް ދައުލަތުން ފައިސާ ދެއްކުމަށް އެއްބަސްވުމަކަށް އައީ ޑަބްލިއުއެލްޓީއަށް ނޭނގި ކަމަށް ޝަރީފް މީޑިއާގައި ވިދާޅުވުމާ ގުޅިގެންނެވެ.

މިކަމާ ގުޅޭގޮތުން ބަންޑާރަ ނައިބުގެ އޮފީހުން ބުނީ ޑަބްލިއުއެލްޓީއަށް ސަރުކާރުން ދައްކަން ޖެހޭ ފައިސާގެ ތެރެއިން ވިލާ ޝިޕިންއިން ދައުލަތަށް ދައްކަން ޖެހޭ ޓެކްސްއާއި ޖޫރިމަނާ އުނިކޮށްފައިވަނީ އެގޮތަށް ކަނޑައެޅުމާމެދު އިއުތިރާޒެއް ނުކުރާ ކަމަށް ޑަބްލިއުއެލްޓީގެ ޑިރެކްޓަރުންގެ ބޯޑުން ގަރާރެއް ފާސްކޮށް ބަންޑާރަ ނައިބުގެ އޮފީހަށް ހުށަހަޅާފައިވާތީ ކަމަށެވެ.

ޑަބްލިއުއެލްޓީއަށް ދައުލަތުން ދޫކުރި ރަށްތަކެއްގެ އެޑްވާންސް ފައިސާ ދައުލަތަށް ބަލައިގަތުމަށްފަހު ރަށްތައް ހަވާލުނުކުުރުމުން ޑަބްލިއުއެލްޓީއަށް ލިބިފައިވާ ގެއްލުމުގެ ބަދަލުގެ ގޮތުގައި 13 މިލިއަނަށްވުރެ ގިނަ ޑޮލަރު ނުވަތަ 200 މިލިއަނަށްވުރެ ގިނަ ރުފިޔާ އެކުންފުންޏަށް ދިނުމަށް މިއަހަރުގެ މާޗު މަހުގެ 28 ވަނަ ދުވަހު ސުޕްރީމް ކޯޓުން ވަނީ ހުކުމްކޮށްފައެވެ އެ ހުކުމާ ގުޅިގެން ސަރުކާރުން ވިލާ ކުންފުންޏާއެކު މަޝްވަރާކޮށް ބަދަލުގެ ގޮތުގައި 130 މިލިއަން ރުފިޔާ ޑަބްލިއުއެލްޓީއަށް ދައުލަތުން ދައްކާފައިވަނީ އިއްޔެއެވެ.