"ބ. ފުޓްބޯލް ޗެލެންޖު 2019" ގައި މިއަދު ހަވީރު ބ. ދޮންފަނު ބަލިކޮށް މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ ޖާގަ ބ. ކެންދޫ ހޯދައިފި އެވެ.

އޭދަފުށީ ޓާފް ދަނޑުގައި މިއަދު ހަވީރު ގްރޫޕް ބީ ގައި ކުޅުނު މެޗުން ދޮންފަނުގެ މައްޗަށް ކެންދޫން ކުރިހޯދީ 2-0 އިންނެވެ.

މިއަދުގެ މެޗުގައި ދޮންފަނުން ލީޑު ނެގީ މެޗުގެ 54 ވަނަ މިނެޓުގައެވެ. މި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ އަލީ ޝާއިން އެވެ. އަދި މެޗުގައި ކެންދޫން ލީޑު ފުޅާކުރީ 70 ވަނަ މިނެޓުގައެވެ. މި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު އަލީ ޖައިލަމް އެވެ.

މި މުބާރާތުގެ ސެމީގެ ޖާގައެއް ކެންދޫން ހޯދިއިރު، ގްރޫޕް ބީ ގގައި ހިމެނޭ ބ. ދޮންފަނާއި ބ. ދަރަވަންދޫ ވަނީ މުބާރާތުން ކަޓާފައެވެ.

ތިން ގްރޫޕަކަށް ބަހާލައިގެން ކުރިއަށްގެންދާ މިމުބާރާތުގައި، ސެމީ ފައިނަލަށް ދަނީ ކޮންމެ ގްރޫޕަކުން އެއްވަނައަށް ދާ ޓީމެއްގެ އިތުރުން، ގްރޫޕް ބީ އަދި ސީ، މި ދެގްރޫޕުން އެންމެ ރަގަޅު ނަތީޖާ ހޯދާ އެއް ޓީމެކެވެ.

ފޯ ސީޒަން ލަނޑާގިރާވަރު ރިސޯޓުން އޭދަފުށީ ވެސްޓް ވިންގްސް ޖަމިއްޔާ އާއި ގުޅިގެން ކުރިއަށްގެންދާ މި މުބާރާތުގައި ބ. އަތޮޅުގެ 11 ރަށަކުން ވާދަކުރެ އެވެ. މިއީ ބ. އަތޮޅަށް ހުޅުވާލައިގެން ރިސޯޓަކުން ބާއްވާ ފުރަތަމަ ފުޓްބޯޅަ މުބާރާތެވެ.

މި މުބާރާތުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ބ. އޭދަފުއްޓާއި ބ. ކުޑަރިކިލު އެވެ.