ޓްރަމްޕުގެ ސަރުކާރަކީ އުސޫލެއްނެތް ދޯދިޔާ ސަރުކާރެއްކަމަށް ސިފަކުރެއްވި އިނގިރޭސި ސަފީރު ސާރ ކިމް ޑެރޮކް މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

އެމެރިކާގައި ހުންނަވާ އިނގިރޭސި ސަފީރުގެ މަގާމުން ސަރ ކިމް އިސްތިއުފާ މިދެއްވީ އޭނާޔާއެކު ދެން އެމެރިކާއިން އެއްވެސް މުއާމަލާތެއް ނުހިންގާނެ ކަމަށް ރައީސް ޓްރަމްޕު ވިދާޅުވެފައިވަނިކޮށެވެ. އަދި ސަރ ޑެރޮކްއަކީ ސަފީރުކަމުގައި ހުންނެވުން އެކަށީގެންނުވާ މޮޔަ ބޭފުޅެއްކަމަށްވެސް ޓްރަމްޕު ވިދާޅުވެފައިވަނިކޮށެވެ.

ސަރ ޑެރޮކްގެ މައްސަލައިގައި އިނގިރޭސިވިލާތާއި އެމެރިކާގެ މެދުގައި އުފެދުނު ނުތަނަވަސްކަން ސީރިއަސްވީ ސަފީރު އަނބުރާ ގެންނަން އިނގިރޭސި ބޮޑުވަޒީރު ތެރީސާ މޭ ދެކޮޅުހެއްދެވުމުންނެވެ. މިކަމާ ގުޅިގެން ޓްރަމްޕު ވަނީ ތެރީސާ މޭއަށްވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

ޓްރަމްޕުގެ ސަރުކާރަކީ ހަރުދަނާކަމެއްނެތް ވަރަށް ދޯދިޔާ ސަރުކާރެއް ކަމަށް ސަރ ކިމް ސިފަކުރެއްވީ އިނގިރޭސި ޚާރިޖިއްޔާއަށް ފޮނުއްވި ސިއްރު ލިޔުމެއްގައެވެ. އެލިޔުން އެތާގެ ތެރެއިން ކޮންމެވެސް ފަރާތަކުން ލީކުކޮށްލީއެވެ.

ސަރ ކިމް ކުއްލިއަކަށް އިސްތިއުފާދޭން ނިންމެވީ އިނގިރޭސިވިލާތުގެ ވެރިކަން ކުރާ ކޮންޒަރވެޓިވް ޕާޓީގެ ޒައާމަތަށް އަދި ބޮޑުވަޒީރުކަމަށް ދާދިއަވަހަށް ވަޑައިގަންނަވާނޭ ކަމަށް ބެލެވޭ ބޮރިސް ޖޮންސަން އޭނާއަށް ތާއީދުކުރަން ދެކޮޅުހެެއްދެވުމުންކަމަށް އެނގިފައިވެއެވެ.