އަނިޔާވެރިކޮށް މަރާލާފައިވާ ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ބްލޮގަރު ޔާމިން ރަޝީދުގެ މަރުގެ މައްސަލާގައި ދައުވާ ލިބޭ މީހުންނާ ދެކޮޅަށް ދައުލަތުން ދައުވާ ކުރާ މައްސަލައިގެ އަޑުއެހުމެއް މިއަދު ކުރިއަށް ގެންދިއުމަށް ތާވަލްކޮށްފި އެވެ.

ދުވަސްތަކަކަށް ފަހު މިމައްސަލައިގައި ބާއްވަން ތާވަލްކުރި އަޑުއެހުން ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ މެންދުރުފަހު 1:30 ގައެވެ.

މިމައްސަލައިގައި ދައުލަތުން ހުށަހަޅާފައިވާ ސިއްރު ހެކިންގެ ހެކިބަސް ނެގުމަށް މީގެކުރިން މައްސަލަ ބައްލަވާ ގާޒީ ނިންމެވުމާ ގުޅިގެން ދައުވާ ލިބޭ މީހުންގެ ދިފާއީ ވަކީލުން ވަނީ އެކަމަށް ދެކޮޅު ހަދާފަ އެވެ. އެގޮތުން ވަކީލުން ވިދާޅުވީ މިހާރު އަމަލުކުރަމުންދާ ޖިނާއީ އިޖުރައާތުގެ ގާނޫނުގައި ސިއްރު ހެކިބަސް ނެގޭނެ ގޮތެއް ނެތް ކަމަށާއި އެހެންކަމުން ސިއްރު ހެކިބަސް ނަގާނަމަ އެއީ ގާނޫނާ ހިލާފަށް ކުރެވޭނެ ކަމެއް ކަމަށް ކަމަށެވެ.

ަދައުވާ ލިބޭ މީހުންގެ ވަކީލުން ވިދާޅުވީ ގިޞާސް ހިފުމުގެ މައްސަލަތަކާއި ހައްދު ގާއިމުކުރުމުގެ މައްސަލަތަކުގައި ކުރެވޭ ޝަރީއަތްތައް ކުރިއަށް ދާން ޖެހޭނީ އެއްވެސް ޝައްކެއް ނެތް ގޮތަކަށް ކުރިއަށް ގެންދެވޭ ޝަރީއަތްތަކަކަށް ކަމަށެވެ. ސިއްރު ހެކިބަސް ނެގުމުން އަދާވާތްތެރިކަން ނެތްކަން ޔަގީންކުރާނެ ގޮތެއް ނޯންނާނެ ކަމަށްވެސް ވަކީލުން ވަނީ ވިދާޅުވެފަ އެވެ.

ދައުވާ ލިބޭ މީހުންގެ ވަކީލުން ސިއްރު ހެކިބަސް ނެގުމަށް ދެކޮޅު ހެއްދެވުމުން އެކަމަށް ރައްދު ދެއްވަމުން ދައުލަތުގެ ވަކީލް ވިދާޅުވީ ކޯޓަށް ހުށަހަޅާ ބަޔާންތައް ޝަރީއަތުގެ މަޖިލީހަށް އެކަނި ލިބޭގޮތަށް ބަޔާންތައް ހުށަހަޅަން ޖިނާއީ އިޖުރައާތުގެ ގާނޫނުގައި ފުރުސަތު ދީފައިވާތީ ހެކި ރައްކާކުރުމަށް ގާނޫނު ބާރުއަޅާކަން އެނގިގެންދާ ކަމަށެވެ.