ކ. ދިއްފުށީގައި ކުޑަ ފިރިހެންކުއްޖަކަށް ވަޅިން ބިރުދެއްކި މައްސަލައިގައި ހައްޔަރުކޮށްފައިވާ އެކުއްޖާގެ ބައްޕަގެ ބަންދަށް ކޯޓުން 10 ދުވަހުގެ މުއްދަތު ޖަހައިދީފިއެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ، އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކ ތުލުސްދޫ މެޖިސްޓްރޭޓް ކޯޓަށް ހާޟިރު ކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅައި ތަނެއްގައި 10 ދުވަހަށް ބަންދުކޮށްފައި ބެހެއްޓުމުގެ އަމުރު ދީފައިވާކަމަށެވެ.

ދަރިފުޅަށް ވަޅިއަކުން ބިރު ދެއްކި މައްސަލައިގައ ހައްޔަރުކޮށްފައި ވަނީ 40 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން ބުނެފައި ވަނީ 40 އަހަރުގެ އެ މީހާ ހައްޔަރުކުރީ އާއިލާގެ ތެރޭގައި ޖެހުނު މައްސަލައެއްގައި ތޫނު އެއްޗަކުން ބިރުދެއްކުމުގެ ތުހުމަތުގައި އަންގާރަ ދުވަހުގެ ރޭ 10:36 ހާއިރު ކަމަށެވެ.

އެފިރިހެން މީހާ އޭނާގެ ދަރިފުޅަށް ވަޅިން ބިރުދައްކަނިކޮށް ނަގާފައިވާ ފޮޓޯތަކެއް ކަމަށް ބުނާ ފޮޓޯތަކެއް ސޯޝަލްމީޑިއާގައިވެސް ދަނީ ދައުރުވަމުންނެވެ.

މިމައްސަލަ ފުލުހުންނާއި ޖެންޑާ މިނިސްޓްރީންވެސް ދަނީ ބަލައި ތަޙުޤީޤު ކުރަމުންނެވެ.