މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟުވާނު ޢަބުދުއްﷲ ވަގަށް ނަގައި ގެއްލުވާލި މައްސަލަ އާއި ގުޅިގެން، މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަނުން ތައްޔާރުކޮށްފައިވާ ރިޕޯޓު އާއްމު ކުރާނީ އެމައްސަލައިގެ ތުހުމަތު ކުރެވޭ މީހުން ހައްޔަރު ކުރުމަށް ފަހުގައި ކަމަށް އެ ކޮމިޝަންގެ ރައީސް ހުސްނުއްސުޢޫދު ވިދާޅުވެއްޖެއެވެ.

ސުޢޫދު މިހެން ވިދާޅުވީ، ރިޟުވާނުގެ މައްސަލައިގައި ކޮމިޝަނުން ތައްޔާރުކޮށްފައިވާ ރިޕޯޓު އާއްމު ކުރުމާއި ގުޅޭ ގޮތުން ވީނިއުސްއިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ނޫސްވެރިިޔާ އަހުމަދު ރިޟުވާނު ވަގަށް ނަގައި ގެއްލުވާލި މައްސަލަ އާއި ދީނީ ޢިލުމުވެރިޔާ ޑރ އަފްރާޝީމް ޢަލީގެ މަރުގެ މައްސަލައިގައި ކޮމިޝަނުން ތައްޔާރުކޮށްފައިވާ ރިޕޯޓު ރައީސުލްޖުމުހޫރިއްޔާއަށްވެސް ފޮނުއްވަވާފައި ވާއިރު، އިތުރު ތަފްސީލެއް ނުދެއްވައި ސުޢޫދު ވިދާޅުވީ، ކޮމިޝަނުން މަސައްކަތް ކުރަނީ ތުހުމަތު ކުރެވޭ މީހުން ހައްޔަރު ކުރުމުގެ ކަންކަން ފުރިހަމަ ކުރުމަށް ކަމަށެވެ. އަދި ރިޕޯޓްތައް އާއްމު ކުރައްވާނީ އޭގެ ފަހުން ކަމުގައި ސުއޫދު ވިދާޅުވިއެވެ.

މިޖުލައިމަހުގެ 5 ވަނަ ދުވަހު ރައީސް އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި، ރައީސް ސޯލިޙްވެސް ވިދާޅުވީ، އަވަހާރަކޮށްލާފައިވާ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ އަފްރާޝީމް އަލީގެ މަރުގެ މައްސަލައާއި ވީނުވީއެއްނޭންގި ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲގެ މައްސަލައިގައި ވަރަށް ތަފްސީލީ ރިޕޯޓެއް އެމަނިކުފާނަށް ލިބިވަޑައިގެންފައި ވާކަމަށެވެ.

ަރައީސް ޞާލިޙްވެސް ވިދާޅުވީ، އެރިޕޯޓުތައް އާއްމުނުކުއްރައްވަނީ އަދިވެސް އެ މައްސަލަތަކާއި ގުޅިގެން ކުރައްވަން ޖެހޭ ކަންތައްތައް ހުރުމުން ކަމަށެވެ.

ކޮރަޕްޝަން ބަލާ ކޮމިޝަނާއި މަރުތައް ބަލާކޮމިޝަނަށް ޤާނޫނީ ބާރު ދިނުމުގެ ބިލް ރައީސް ތަސްދީޤު ކުރެއްވީ ހުސްވި ޖޫންމަހުގެ 24 ވަނަ ދުވަހުގައެވެ. އެޤާނޫނުގެ ދަށުން މައްސަލަތައް ތަހުޤީޤުކޮށް ފިޔަވަޅު އެޅުމަށް ކޮމިޝަންތަކަށް ވަނީ ފުރިހަމަ ބާރު ލިބިފައެވެ.

ގޮތް ނޭނގޭ މަރުތަކާއި ގެއްލިފައިވާ މީހުންގެ ތަހުގީގުތައް ހިންގުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ކޮމިޝަނެއް އުފެއްދެވީ ވެރިކަމުގެ ހުވާކުރެއްވި ދުވަސް ކަމަށްވާ ނޮވެމްބަރު 17 ވަނަ ދުވަހުއެވެ.

ނޫސްވެރިޔާ އަހުމަދު ރިޟުވާނު ވަގަށް ނަގާފައިވަނީ 2014 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 8 ވަނަ ދުވަހުގެ ރޭގެ މެންދަމުގެ ވަގުތުގައެވެ. ޑރ އަފްރާޝީމް ޢަލީ އަވަހާރަކޮށްލާފައި ވަނީ 2012 އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހުގެ ރޭގެ މެންދަމުގެ ވަގުތުގައެެވެ.