މިއަހަރުގެ މިހާތަނަށް އިންޑިއާއިން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު އިތުރުވެއްޖެ އެވެ.

އެމްއެމްއޭ އިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ މެއި މަހުގެ ނިޔަލަށް އިންޑިއާ އިން 66،265 ޓޫރިސްޓުން ރާއްޖެ އައިސްފައިވެ އެވެ. މިދިޔަ އަހަރު މެއި މަހުގެ ނިޔަލަށް ރާއްޖެ އައިސްފައިވަނީ 33،734 ޓޫރިސްޓުންނެވެ.

މި އަހަރުގެ މެއި މަހުގެ ނިޔަލަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކުރި ގައުމަކަށް ޗައިނާ ވާއިރު އެގައުމުން ރާއްޖެ އައިސްފައިވަނީ 1،16،282 ޓޫރިސްޓުންނެވެ. ދެން އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައި ވަނީ އިޓަލީންނާއި އިންޑިއާއިންނެވެ. އިޓަލީން މި މުއްދަތުގައި 71،334 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފަ އެވެ.

މިއަހަރު ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިއަހަރުގެ މެއި މަހުގެ ނިޔަލަށް ރާއްޖެ ޒިޔާރަތްކޮށްފައިވަނީ 749،114 ފަތުރުވެރިންނެވެ. މިއީ 2018 ވަނަ އަހަރުގެ މިމުއްދަތާ އަޅާބަލާއިރު 18.4 އިންސައްތައިގެ ކުރިއެރުމެކެވެ.

މި މުއްދަތުގެ ތެރޭގައި ފަތުރުވެރިންނަށް ހިދުމަތްދިން ތަންތަނުގެ ގޮތުގައި ޓޫރިޒަމް މިނިސްޓްރީގައި ރަޖިސްޓަރީކޮށްފައިވާ ތަންތަނުގައި ހުރި އެނދުގެ އަދަދުވެސް ވަނީ 13 އިންސައްތަ އިތުުރުވެފަ އެވެ. އެގޮތުން މިދިޔަ މެއި މަހުގެ ނިޔަލަށް ޓޫރިޒަމް މިނިސްޓްރީގައި ރަޖިސްޓަރީކޮށްފައިވަނީ 48539 އެނދެވެ. އެހެންނަމަވެސް މިދިޔަ އަހަރު ނިމުނުއިރު ރާއްޖޭގައި ފަތުރުވެރިން ބޭތިއްބުމަށް ރަޖިސްޓަރީކޮށްފައި ވަނީ 43050 އެނދެވެ.

ރާއްޖެއިން ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ގިނަ މަސައްކަތްތަކެއް މިހާރު ގެންދަނީ ކުރަމުންނެވެ.