އިސްލާމިކް ބޭންކުން ހިއްސާ ގަތުމަށް ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސަން ނިންމައިފި އެވެ.

އެގޮތުން މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގެ އިންފިނިޓީ ޕޯޓަލް މެދުވެރިކޮށް ފަސޭހަކަމާއެކު ހިއްސާ ގަންނަން ބޭނުންވަ ފަރާތްތަކަށް ހިއްސާ ގަތުމުގެ ކަންކަން ހަމަޖެހިގެން ދާނެކަމަށް އެ ބޭންކުން ބުނެއެވެ.

އިސްލާމިކް ބޭންކުން އެކުންފުނީގެ 31 އިންސައްތަ ހިއްސާ ވިއްކުމަށް ވަނީ ނިންމާފަ އެވެ. އެއީ ޖުމްލަ 6.9 މިލިއަން ހިއްސާއެވެ. އެމްއައިބީގެ ހިއްސާ ވިއްކުމަށް ނިންމާފައިވަނީ ހިއްސާއެއް 35 ރުފިޔާއަށެވެ.

އިސްލާމިކް ބޭންކުގެ ހިއްސާ ވިއްކާއިރު ހިއްސާ 2 ބަޔަކަށް ބެހޭއިރު، އެއީ އިސްލާމިކް ބޭންކުގެ 157 މިލިއަން ރުފިޔާގެ ހިއްސާ އަދި އިސްލާމިކް ކޯޕަރޭޝަން އޮފް ދަ ޑިވެލޮޕްމެންޓް އޮފް ޕްރައިވެޓް ސެކްޓަރގެ 87 މިލިއަން ރުފިޔާގެ ހިއްސާއެވެ. ބޭންކުން ބުނީ ހިއްސާ ވިއްކައިގެން 244 މިލިއަން ރުފިޔާ ލިބޭނެކަމަށެވެ.

އިސްލާމިކް ބޭންކުން ހިއްސާ ވިއްކުމަށް ހުޅުވާލާނީ މިމަހުގެ 28 ވަނަ ދުވަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށެވެ.

އެމްއައިބީން ބުނީ އެންމެ މަދުވެގެން ގަނެވޭނީ 700 ރުފިޔާއަށް 20 ހިއްސާ ކަމަށެވެ.

އެމްއައިބީގެ ހިއްސާ ވިއްކުން އެކަށައަޅާ އަދި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެންޑީބީއައިބީގެ ބައިނަލްއަގްވާމީ މާލީ ތަޖުރިބާކާރުންގެ އެހީއާ އެކު އަދި ޝާހު ހުސައިން އެންޑް ކޯގެ ގާނޫނީ ލަފާގެ މަތިންނެވެ. މީގެ އިތުރުން އޮޑިޓް ފާމެއްގެ ހައިސިއްޔަތުން ކޭޕީއެމްޖީ ހަރަކާތްތެރިވާނެ ކަމަށްވެސް އެމްއައިބީން ވަނީ ބުނެފަ އެވެ.

2010 ވަނަ އަހަރ އުފެއްދި މި ބޭންކަކީ ރާޢްޖޭގައި އިސްލާމީ ޝަރީއާގެ އުސޫލުތަކާ އެއް ގޮތަށް ހިންގާ ފުރަތަމަ ބޭންކެވެ.