މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ފްރާންސްގެ ހުނަރުވެރި މިޑްފީލްޑަރު ޕައުލް ޕޮގްބާއަކީ ވަރަށް ޕްރޮފެޝަނަލް ކުޅުންތެރިއެއް ކަމަށާއި ކުލަބުން އޭނައަށް ދޭން ޖެހޭ ހުރިހާ ހިދުމަތެއް މިހާރު ވެސް ދެމުން އަންނަ ކަމަށް ކޯޗު އުލް ގަނަރ ސުލްޝައެރ ބުނެފި އެވެ.

ޔުނައިޓެޑްގެ ކޯޗު ސުލްޝައެރ މިހެން ބުނީ، ޕޮގްބާގެ އެޖެންޓު މިނޯ ރައިއޯލާއާ ހަވާލާދީ އިނގިރޭސި ބައެއް މީޑިއާތަކުގައި ޕޮގްބާ ކުލަބް ދޫކޮށްދާން އުޅޭ ކަމަށް ބުނެފައިވާތީވެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޕޮގްބާ ބޭނުންވަނީ ސްޕޭނުގެ ރެއާލް މެޑްރިޑަށް ބަދަލުވާށެވެ.

ޔުނައިޓެޑްގެ ކޯޗު ސުލްޝައެރ ބުނީ، ޕޮގްބާ މިހާތަނަށް ކުލަބު ބަދަލު ކުރާ ވާހަކައެއް އެއްވެސް ސިފައެއްގައި ބުނެފައި ނުވާ ކަަމަށާއި އަދި އޭނާ އެހެން ކުލަބަކަށް ވިއްކާލުމުގެ އެއްވެސް ވިސްނުމެއް ވެސް ކުލަބުން ނުގެންގުޅޭ ކަމަށެވެ.

މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި ޔުނައިޓެޑުގައި މަޑުކުރަން ބޮޑު މުސާރައެއް ހޯދަން ޕޮގްބާ އެދުނެވެ. ޕޮގްބާ ޔުނައިޓެޑުގައި ހުރީ ހަފްތާއަކު 290،000 ޕައުންޑުގެ މުސާރަ އަކަށެވެ. ރިޕޯޓުތައް ބުނާގޮތުން ޔުނައިޓެޑް ބޯޑުން ނިންމާފައިވަނީ ޕޮގްބާއަށް ހަފުތާއަކު 520،000 ޕައުންޑުގެ މުސާރައެއް ދިނުމަށެވެ.

ޔުނައިޓެޑުން 2010 ވަނަ އަހަރު ކެރިއަރު ފެށި އުމުރުން 26 އަހަރުގެ ޕޮގްބާ ވަނީ އިޓަލީގެ ޔުވެންޓަސްއަށްވެސް ކުޅެ ގިނަ ކާމިޔާބީތަކެއް ހޯދާފަ އެވެ. އޭނާ އަލުން އެނބުރި ޔުނައިޓެޑާ ގުޅުނީ 2016 ވަނަ އަހަރު 89.3 މިލިއަން ޕައުންޑުގެ އަގަކަށެވެ.