ގދ. މަޑަވެއްޔާ ހޯޑެއްދޫގެ ކަރަންޓް އެއްވިއުގައިން ގުޅާލުމަށް ގާއިމްކުރާ ސެންޓްރަލް ޕަވަ ސްޓޭޝަންގެ ކޮންސެޕްޓަށް ބަދަލު ގެނެސް ދެވަނަ ފަހަރަށް ބިޑަށް ހުޅުވާލައިފި އެވެ.

މަޑަވެއްޔާއި ހޯޑެއްދޫގެ ކަރަންޓް އެއްވިއުގަޔަކުން ގުޅާލުމަށް ނިންމާ ފެނަކަ ކޯޕަރޭޝަނުން މިއަހަރު އޭޕްރީލް މަހުވެސް ބިޑަށް ހުޅުވި އެވެ.

މަޑަވެއްޔާ ހޯޑެއްދޫގެ ކަރަންޓް އެއްވިއުގަޔަކުން ގުޅާލުމަށް ނިންމާ ސަރުކާރުން މިހާރު ވަނީ ސެންޓްރަލް ޕަވަ ސްޓޭޝަން ޑިޒައިންކޮށް އިމާރާތްކޮށް އަދި އެތަނަށް ބޭނުންވާ ތަކެތި ސަޕްލައިކޮށް އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދުމަށް ގެޒެޓްގައި ވެސް ޖަހާފަ އެވެ.

އިއުލާންގައި ބުނެފަައިވަނީ މިމަޝްރޫއުގެ ދަށުން މީޑިއަމް ވޮލްޓޭޖް (11ކޭވީ) ވިއުގަ ހަރުދަނާ ކުރުމުގެ ހުރިހާ މަސައްކަތްތައް ކުރަންޖެހޭނީ ފެނަކަ ކޯޕަރޭޝަނުންދޭ މައުލޫމާތާ އެއްގޮތަށް އަމިއްލަ ތަކެތީގައި ކަމަށެވެ. އެގޮތަށް މަސައްކަތް ކުރުމަށް ޝައުގުވެރިވާ ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް އަގު ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށްވެސް އިއުލާންގައިވެ އެވެ.

މިމަޝްރޫއާ ގުޅޭ ބިޑް ޑޮކިއުމަންޓް މިއަދުން ފެށިގެން މިމަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ފެނަކަ ކޯޕަރޭޝަންގެ ހެޑް އޮފީހަށް ހުށަހެޅޭނެ ކަމަށްވެސް ފެނަކައިން މައުލޫމާތުދެ އެވެ. މި ބިޑް ޑޮކިއުމަންޓް ވިއްކާ އަގަކީ 100 ޑޮލަރު ނުވަތަ އެ އަދަދަށްވާ ދިވެހި ފައިސާ އެވެ.

ބިޑް ޑޮކިއުމަންޓް ގަތުމަށް ދައްކާފައިސާ އަބުރާ ނުނެގޭނެ ކަމަށްވެސް އިއުލާންގައިވެ އެވެ. އަދި މި ބިޑްގައި ރަޖިސްޓްރީ ވުމަށް ބޭނުންވާ ފަރާތްތަކުން ކުންފުނީގެ ނަން، އީމެއިލް އެޑްރެސް، ފޯނު ނަންބަރު އަދި މުއާމަލާތް ކުރާނެ ފަރާތުގެ މައުލޫމާތު ހިމެނޭ ލިޔުމެއް ހުށަހަޅަންވާނެ ކަމަށާ މި ބިޑްގައި ބައިވެރިވެވޭނީ ހަމައެކަނި ބިޑް ޑޮކިއުމަންޓް ގަންނަ ފަރާތްތަކަށް އެކަނި ކަމަށްވެސް ފެނަކައިން މައުލޫމާތުދެ އެވެ.

މި ބިޑާ ގުޅިގެން ބާއްވާ މައުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ މިމަހުގެ 22ވާ ހޯމަ ދުވަހުގެ މެންދުރުފަހު 1:00 ޖަހާއިރު އެވެ.

އެއް ފަޅެއްގައިވާ ހޯޑެއްދޫ އާއި މަޑަވެލި މީގެ ކުރިން ކޯޒްވޭ އަކުން ގުޅާލާފައި ވަނިކޮށް ރަށުގައި ފެންބޮޑުވަނީ ކޯޒްވޭގެ ސަބަބުން ކަމަށް ބުނެ ހޯޑެއްދޫ ރައްޔިތުން ނިކުމެ ކޯޒްވޭ ވަނީ ކަނޑާލާފަ އެވެ.