ނޭޝަނަލް ކައުންޓާ ޓެރެރިޒަމް ސެންޓަރު (އެންސީޓީސީ) އާއި ޔޫއެންޑީޕީ މޯލްޑިވްސް ގުޅިގެން ޖަޕާނުގެ އެހީގައި ކުރިއަށް ގެންދިޔަ "ޔޫތް ވަލްނަރަބިލިޓީ އެސެސްމަންޓް" އިފްތިތާހުކޮށްފި އެވެ.

ޗަމްޕާ ސެންޓްރަލް ހޮޓެލްގައި މިއަދު މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި "ޔޫތް ވަލްނަރަބިލިޓީ އެސެސްމަންޓް" މިފޮތް އިފްތިތާހުކޮށްދެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މާރިޔާ ވިދާޅުވީ ދިވެހިރާއްޖޭގެ ޒުވާނުންނަށް ކުރިމަތިވާ ތަފާތު ގޮންޖެހުންތައް ހައްލުކުރުމަށް ސިޔާސަތުތައް ކަނޑައަޅާއިރު، މިފަދަ ދިރާސާތަކުގެ ބޭނުން ހިފާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި ދިވެހިރާއްޖޭގެ ޒުވާނުންނަކީ އިހްތިޔާރުކުރާ ކޮންމެ ދާއިރާއަކުން، ހާސިލްކުރެވެން އޮތް އެންމެ މަތީ ފަންތިއަކަށް ވާސިލްވުމުގެ ގާބިލުކަން ލިބިފައިވާ ބައެއް ކަމަށްވެސް ވިދާޅުވި އެވެ.

މާރިޔާ ވިދާޅުވީ މުޖުތަމައުގައި ހުރި މައްސަލަތަކުން އަރައިގަނެވޭނެ އަލިމަގެއް ފެންނާނެކަމުގެ އުއްމީދު އޮތް ކަމަށް ޒުވާނުން ގަބޫލުކުރާކަން ދިރާސާއިން ހާމަވާތީ އެކަމާ އުފާކުރައްވާ ކަމަށެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީ ވަނީ އެންމެން ގުޅިގެން ހައްދުފަހަނަ އަޅާފައިވާ ވިސްނުންތައް ހުއްޓުވުމަށް މަސައްކަތް ކުރުމަށް އެދިވަޑައިގެންފަ އެވެ. ޒުވާނުންނަށް ދޮގު މައުލޫމާތު ނުދިނުމަށް ބާރުއެޅުމަށްވެސް އެކަމަނާ ވަނީ އެދިވަޑައިގެންފަ އެވެ.

ސަފީރު ވިދާޅުވީ ޒުވާނުން އެމީހުންގެ ކުރިމަގާ މެދު ކުރާ އުއްމީދު ވަރަށް ބޮޑު ކަމަށެވެ. އެހެންކަމުން އެކަމުގެ ބޭނުން ހިފައި އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ކަމަށެވެ.

ހައްދުފަހަނައަޅާފައިވާ ފިކުރަށް ހެއްލި، އަނިޔާވެރި ކަމަށް ގިނަ ޒުވާނުންތަކެއް އަރައިގަންނަ ސަބަބު ކަމަށް މި ދިރާސާއިން ދައްކަނީ އެމީހުން މުޖުތަމައުން ބާކީކޮށް އެކަހެރިކޮށްލެވޭތީ އާއި ޒުވާނުންނަށް ހުރި ފުރުސަތުތައް މަދުވުމެވެ. އެގޮތަށް މެދުވެރިވަނީ ހިޔާނާތާއި ފަސާދަ، ތައުލީމާއި ގުޅޭ މައްސަލަތައް، މަސްތުވާތަކެތި، ވަޒީފާގެ މައްސލަ، ބޯހިޔާވަހިކަމުގެ މައްސަލަ، ގުރޫޕް މާރާމާރީ އަދި ޖިހާދުގެ ނަމުގައި އަނިޔާވެރިވުން ފަދަ މައްސަލަތަކާ ގުޅިގެން ކަމަށްވެސް ދިރާސާގައި ފާހަގަކޮށްފައިވެ އެވެ.

އެކަހެރިވެފައި ތިބޭ ޒުވާނުން މުޖުތަމައަށް އަނބުރާ ގެނެސް ބާރުވެރިކުރުމާއި، ޒިންމާދާރު ބަޔަކަށް ހެދުމަށް ޕޮލިސީ ގައިޑްލައިނެއްވެސް ދިރާސާގައި ވަނީ ހުށަހަޅާފަ އެވެ. މި ދިރާސާ އިން ހޯދި ހޯދުންތައް ނެޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރާއި ޔޫއެންޑީޕީ ގުޅިގެން ތައްޔާރު ކުރާ ނެޝަނަލް އެކްޝަން ޕްލޭން އެކުލަވާލުމުގައި ބޭނުންކުރުމަށް ވަނީ ނިންމާފަ އެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރު މާރިޔާ އާއި ޖަޕާން ސަފީރުގެ އިތުރުން ޔޫއެންޑީޕީން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެސިޑެންޓް ރެޕްރެޒެންޓިވް އަކީކޯ ފުޖީ އާއި އެންސީޓީސީގެ ޑައިރެކްޓަރ ޖެނެރަލް ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރާއި، ކައުންޓަ ޓެރެރިޒަމް ސްޓިއަރިން ކޮމިޓީއާއި ކައުންޓަ ރެޑިކަލައިޒޭޝަން ކޮމިޓީގެ ބޭފުޅުންނާއި، ތައުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުންނާއި، ރާއްޖޭގައި މަސައްކަތްކުރާ ބައެއް އެންޖީއޯ ތަކުގެ ބޭފުޅުން ވަނީ މިބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފަ އެވެ.

ޔޫތު ވަލްނެރަބިލިޓީ އެސަސްމެންޓް ހަދާފައިވަނީ 2018 ނޮވެމްބަރުން 2019 ފެބުރުއަރީ އަށެވެ. މި ދިރާސާގެ މަގުސަދަކީ ރާއްޖޭގައި ޒުވާނުން ހައްދުފަހަނައަޅައި ދިއުމަށް ހުށަހެޅޭ ސަބަބުތައް ދެނެގަތުން ކަމަށް އެންސީޓީސީން މައުލޫމާތުދެ އެވެ.

މި ދިރާސާގެ ދަށުން ސްކޭޓް ހޯލްޑަރުންނަށް ތަފާތު ޕޮލިސީތަކާއި އެކްޝަން ޕްލޭންތައް އެކުލަވާލުމަށް އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.