ރާއްޖޭގެ އުތުރާއި ދެކުނަށް ފަތުރުވެރިން ގެންދަން ޚާއްސަ ދަތުރުތަކެއް ފަށަން މަސައްކަތް ކުރާނެ ކަމުގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް އިއްޔެ ހާޒިރުވެވަޑައިގެން ކޮމިޓީގެ މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ މިނިސްޓްރީން ބޭނުންވަނީ މާލެއަށް ޖައްސާ ފްލައިޓް އައްޑޫއަށްވެސް ޖައްސާފައި އެއަށްފަހު މާލެއަށް ޖައްސަން ކަމަށެވެ.

ރާއްޖެއާއި އެންމެ ގާތުގައި މިއޮންނަނީ އިންޑިއާ ކަމަށާއި ސްޓެޓިސްޓިކްސް ދައްކާ ގޮތުން އިންޑިއާއިން މީގެކުރިން އަހަރެއްގެ ތެރޭގައި ރާއްޖެ ގެނެވިފައިވަނީ އެންމެ 90،000 ފަތުރުވެރިން ކަމަށެެވެ. އެހެންނަމަވެސް އާ ސަރުކާރުގެ ޚާރިޖީ ސިޔާސަތު ރަނގަޅުކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދަޅުވީ މީގެކުރިން އެއްވެސް ސަރުކާރެއްގައި އިތުރު ނުވާ ވަރަށް މިހާރު ފަތުރުވެރިންގެ އަދަދު އިތުރުވެފައިވާ ކަަމަށެވެ.

"އަދިވެސް ޓްރިވެންޑްރަމަށް އަޅާ ފްލައިޓެއް އެ އަޅަނީ. އެކަމަކު ޓްރިވެންޑްރަމަކު ނޫން ފަތުރުވެރިން ތިބީ އިންޑިޔާގައި. އިންޑިއާއިންވެސް ޚަރަދުކުރޭ. ފަތުރުވެރިން އެބަދޭ އުތުރާއި ދެކުނަށް. އެހެންވީމަ އަޅުގަނޑުމެން އެމީހުންގެ ފޯކަސް ގެނެވޭތޯ މަސައްކަތް ކުރާނަން،" މިިނިސްޓަރު ވިދާޅުވި އެވެ.

އަލީ ވަހީދު ވިދާޅުވީ މިނިސްޓްރީން ކުރަން ނިންމާފައިހުރި މިފަދަ ހުރިހާ ކަމެއްވެސް ކުރާނީ ރާއްޖޭގެ ގާނޫނާއި ގަވައިދުތަކުގެ ތެރެއިން ކަމަށެވެ.

މިނިސްޓަރު ވިދަޅުވީ މީގެކުރިން ހަމައެކަނި ހަވާއަރުވާލަން އެއް މިލިއަން ޑޮލަރު ދައުލަތުގެ ބަޖެޓުން ހޭދަކޮށްފައިވާ ކަަމަށެވެ. އެެހެންނަމަވެސް މި ސަރުކާރުން އެލާރި ހަވާއަރުވައިގެން ބޭކާރުކުރަން ބޭނުން ނުވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓްރީން މަސައްކަތް ކުރަމުންދަނީ ރާއްޖޭގެ ފަތުރުވެރިކަމަށް އެހެން ގައުމުތަކުގެ ސަމާލުކަން ލިބޭނެ ފަދަ ގޮތަކަށް ކަމަށް އެމިނިސްޓްރީން ބުނެ އެވެ. އަދި ސަރުކާރުގެ މި ފަސް އަހަރުގެ ތެރޭގައި ދުނިޔޭގެ ބައެއް ރެކޯޑުތަކަށް ބާރުލިބޭ ފަދަ ގޮތަކަށް މަސައްކަތްތަކެއް ކުރާނެ ކަމަށްވެސް މިނިސްޓަރު ވިދަޅުވި އެވެ.