ކިޑްނީއަކީ ހިތުތެރޭގައި އޮވެގެން ވަރަށް މުހިއްމު މަސައްކަތްތަކެއް ކުރާ ގުނަވަނެއްކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވިދާޅުވެއްޖެއެވެ.

ކިޑްނީގެ ބަލިތަކުން ރައްކާތެރިވުމަށް ސަރުކާރުން އެކުލަވައިލި އައު ޕްރޮގްރާމެއް އިފްތިތާހުކޮށްދެއްވަމުން ޓްރަމްޕު ރޭ ވިދާޅުވީ ހިތުގެ ތެރެއިން ކިޑްނީއަށް ލިބިފައިވަނީ ވަރަށްވެސް ޚާއްސަ ޖާގައެއް ކަމަށާއި ކިޑްނީގެ މަސައްކަތަކީވެސް ވަރަށް ޚާއްސަ މަސައްކަތެއް ކަމަށެވެ.

ރައީސް ޓްރަމްޕުގެ މި ވިދާޅުވުމާއި ގުޅިގެން މެޑިކަލް ދާއިރާގެ މީހުން ދަނީ ހައިރާންކަން ފާޅުކުރަމުންނެވެ. އިންސާނާގެ ހަށިގަޑުގެ ތެރޭގައި އޮންނަނީ ކިތައް ކިޑްނީކަމާއި ހިތަކީ ކޮން އެއްޗެއްކަމާއި ކިޑްނީއަކީ ހިތުގެ ތެރޭގައި އޮންނަ އެއްޗެއް ނޫންކަން މޭރުންނުވާ މީހަކު ހިންގާ ސަރުކާރަކުން ކިޑްނީގެ ބަލިތަކުން ރައްކާތެރިވުމަށް ހިންގޭނީ ކޮން ޕްރޮގްރާމެއްތޯ އެމީހުން ދަނީ ސުވާލުކުރަމުންނެވެ.

ސިޔާސީގޮތުން ޓްރަމްޕަށް ފާޑުކިޔާ މީހުން ބުނަމުންދަނީ ސްކޫލް ދައުރުގައި ޓްރަމްޕު ފަރުވާކުޑަކުރީ ތާރީޚާއި ޖޯގްރަފީގެ ފިލާވަޅުތަކަށް އެކަނި ނޫންކަމަށާއި ބަޔޮލޮޖީ ފިލާވަޅުތަކަށްވެސް އޮތީ ފަރުވާކުޑަކޮށްފައި ކަމަށެވެ.

މިމަހުގެ ހަތަރުވަނަ ދުވަހު އެމެރިކާގެ މިނިވަންދުވަސް ފާހަގަކުރައްވަމުން ޓްރަމްޕު ވިދާޅުވީ މީގެ ދުއިސައްތަ ފަންސާސް އަހަރު ކުރީގައިވެސް އެމެރިކާ މީހުން އުޅުނީ ގަދަޔަށް މަތިންދާބޯޓުން ދަތުރުކުރުމުގައި ކަމަށެވެ.