ބޭބެއަކީ މަސައްކަތެރިކަމަށް އަހަރެން ތަޢުރީފު ކުރަމެވެ. އެ ހުނަރުވެރިކަން ރަށުގެ އެންމެން ކަހަލަ ގޮތަކަށް ބަލައިގަނެވެ. މުޅި އަތޮޅާއި ރާއްޖެ އެކަމަށް ހެކިވެއެވެ. ނަމަވެސް ބަލި އެނދުގައި ބޭބެ އެ އޮތީ އެކަންޏެވެ. ގޮވާލަން އަންނާނެ ބަޔަކު ނެތެވެ. ހާލުއަހުވާލު ބަލައިލާނެ ރައްޓެއްސަކު ނެތެވެ.

ހިތުގައި އުފެދެމުން ދިޔަ ޝުއޫރުތައް ކެކި ގަތީ ބޭބެ ދައްކަމުން ދިޔަ ވާހަކަތަކުންނެވެ. އައިޖީއެމް އެޗްގެ އެމެޖެންސީ ރޫމުގެ އެނދު ނަންބަރު 22 ގައި އޮވެ ބޭބެގެ އަމިއްލަ ނަފުސާ ކުރަމުން ދިޔަ ސުވާލުތަކުންނެވެ. އެ ސުވާލުތައް ބޭބެ ކުރަނީ އަޑުވީއްލާ ބާރަށެވެ. އެ ވާހަކަތައް ދައްކަނީ އެތަނުގައި ތިބި އެހެން މީހުންނަށް އިވޭ ވަރަށެވެ.

"އަހަރެން ކިތައް ރަށަށް ގޮސްދިނީ. ކިހާ މަސައްކަތެއް ކޮށްދިނީ؟ ކާކު އެކަން ބަލައިގަތީ؟ ކާކު އެކަމުގެ އަގުވަޒަންކުރީ؟ ކާކަށް އޭގެ އަގު ދެވުނީ؟" ބޭބެގެ ދުލުން ބާރުބާރަށް ގޮވަމުން ދިޔައެވެ. ބޭބެގެ އެ ވާހަކަތަކުން އެތަނުގައި ތިބި އެހެން މީހުންގެ ނަޒަރު އަހަރެންނަށް އަމާޒުވިއެވެ. އެ ބެލުންތަކުން އަހަރެންނަށް އުނދަގޫވިއެވެ.

"މިހެންވާނެކަން އެނގޭނަމަ މި ދުނިޔެއަކު މަށެއް ނުހުރީސް. އެ މަސައްކަތްތަކެއް ވެސް ނުކުރީސް. އެ ހުރިހާ ކަމެއް އަހަރެން ވަރިހަމަކޮށްލީ އެންމެ މީހަކަށްޓަކައި. އެ މީހާ ބުނެގެން. އެ މީހާ އެހެން ހަދާނެކަމަކަށް އަހަރެން ދުވަހަކު ވެސް ހިއެއް ނުކުރަން. އަދިވެސް ގަބޫލެއް ނުކުރަން. އެ މީހާ އަދި އަންނާނެ. އެ ދިޔައީ އަހަރެންނަށްޓަކައި" ދެލޯ މަރާލައިގެން އޮވެ ބޭބެ ވާހަކަދައްކަމުން ދިޔައެވެ. އެ ވާހަކަތައް އަޑުއަހަން އަހަރެންނަކަށް ނުހުރެވުނެވެ. ބޭބެގެ ބޮލުގައި އަހަރެން ފިރުމާލީމެވެ. އެ އުދާސްތަކުން ބޭބެގެ ހިތަށް ހިތްހަމަޖެހުމެއް ލިބޭތޯ ސުވާލުކުރީމެވެ.

"ބޭބެ ތިބުނާ މީހާ ކޮބާ؟ ކޮންތާކަށް ދިޔައީ؟" އަހަރެން ކުރި ސުވާލުތަކުގެ އަޑު ބޭބެއަށް ނުއިވޭ ކަހަލައެވެ. ބޭބެ ދިޔައީ ބޭބެގެ އަމިއްލަ ވާހަކަތަކާއެކު ކުރިއަށެވެ. އެ ވާހަތަކުގެ އަސަރު ބޭބެގެ ހަށިގަނޑުން ވެސް ދިޔައީ ފެންނަމުންނެވެ. އެ މަންޒަރު ބަލަން އަހަރެންނަށް އުނދަގޫވިއެވެ. ބޭބެގެ މޫނުގައި އަތުން ފިރުމަމުން އަހަރެން ބޭބެއަށް ގޮވީމެވެ. ބޭބެއަށް ހޭވެރިކަންވީ އެތައް އިރެއް ފަހުންނެވެ.

"ކޮބާ އިބްރާހީމް ނާދޭތަ؟" ބޭބެ ސުވާލުކުރީ ބޭބެއާއެކު ވަޑާންކުރަން އުޅުނު ވަޑީގެ ވާހަކައެވެ.

"އިބްރާހީމް ވީ ރަށުގައެއްނު. ބޭބެ ތި އޮތީ މާލޭގައެއްނު" ބޭބެގެ ސުވާލަށް އަހަރެން ޖަވާބު ދިނީމެވެ.

"މާލޭގައޭ. ނޫން. މަމި އޮތީ ރަށުގައި. ރަށުގެ ހޮސްޕިޓަލުގައި. އަހަރެން މާލެއެއް ނުދާނަން. އެތަނަކަށް ދުވަހަކުވެސް ނާރާނަން. މަ އެބަ އުޅެންތަ އެތަނަށް ދާހިތުން" ބޭބެ ދައްކަމުންދިޔަ ވާހަކަތަކުން އަހަރެންގެ ހިތަށް ކުރީ އަސަރެވެ. ލިބުނީ ހިތްދަތި ކަމެވެ.

"ނޫނޭ ބޭބޭ. ބޭބެ ތިއޮތީ މާލޭގައޭ. މިއީ އައިޖީއެމްއެޗޭ" އަހަރެން އަނެއްކާ ވެސް ބުނީމެވެ.

"ކޮއްކޮއަކަށް މިރަށެއް ނޭނގޭނެ. ތިއީ މިހާރު މިރަށު މީހެއް ނޫން. އަހަރެންނަށް މި ރަށް އޮޅުވާލެވޭނެތަ؟ މިއީ މި ރަށު ހޮސްޕިޓަލު. އިބްރާހީމް އަންނާނެ މިހާރު. އަހަރެން މި ތަނަށް ގެނައިކަން އެނގިއްޖެނަމަ އަންނާނެ ހަމައެކަނި މީހަކީ އެއީ. އޭނާ އަންނާނެ. އެހެން މީހަކު ނަޔަސް މަށަށް ވަރިހަމަ. ދުވަހަކު ނަޔަސް ހެޔޮ" ބޭބެގެ ޚިޔާލީ ދުނިޔެއަށް ބޭބެ އަނެއްކާ ވެސް ގެނބިގަތެވެ.

ރޭގަނޑުގެ ދަންވަރުގެ ވަގުތެވެ. އެމެޖެންސީ ރޫމުތެރޭގެ ހަލަބޮލިކަމަކަށް ބަދަލެއް ނާދެއެވެ. ލައިޓްތަކުގެ އަލިކަަމަށް ފަނޑުކަމެއް ނުގެނެއެވެ. ނަރުހުންގެ ހަރަކާތްތެރިކަމަށް ބަދަލެއް ނާދެއެވެ. ހަމައެކަނި ތަފާތަކީ ތަނުގެ ފިނިކަމެވެ. ފިނިކަން އިތުރަށް ގަދަވިކަމެވެ. އެ ފިނިކަމަށް ކެތް ނުވެގެން ބައެއް މީހުން ކުކުރޭކަމެވެ. މުޅި ހަށިގަނޑު ރަޖާގަނޑުތަކާއި ބެޑްޝީޓްތަކުން ފޮރުވައިގެން ތިބިކަމެވެ. ބައެއް މީހުން ގަދަ ނިދީގައި ތިބި އިރު އަނެއް ބަޔަކު ވޭނީ އިހުސާސްތަކާއެކު އުޅެނީ ނުނިދިގެންނެވެ.

ބޭބެ އޮތީ ދެލޯ މަރާލައިގެންނެވެ. މުޅި ހަށިގަނޑު ވަނީ ފޮރުވާފައެވެ. ލިބުނު ވަރުބަލި ކަމާއެކު ނިދިފައިކަން ނޭނގެއެވެ. ބޭބެ އޮތް ހާލު ފެނި އަހަރެން ދެރަވިއެވެ. އެއީ ކޮންމެ މީހަކުވެސް އުޅޭ ހާލު ހެއްޔެވެ؟ ބޭބެގެ ދެ އަތް އެ ވަނީ އެއްސިފައެވެ. އައިވީ ގުޅުމަށް ޖަހާފައިވާ ކަށި ނައްޓާލާތީ އެނޫން ގޮތެއް ނެތިގެންނެވެ. ވިޔަރި އަރުވާތީ އެކަމަށް ފަރުވާއެއް ނުފެނުމުންނެވެ.

"އިބްރާހީމޫ......... އިބްރާހީމޫ....... އިބްރާހީމޫ...." ބޭބެގެ އަޑުން މުޅިތަން ގުގުމާލިއެވެ. އެ ވަގުތު ހޭލައިގެން ތިބި އެންމެން ކަހަލަ ގޮތަކަށް ބޭބެއަށް ނަޒަރު ހިންގަން މަޖުބޫރު ކުރުވިއެވެ. ނިދި ޖެހިފައިވާ އަހަރެންގެ ދެ ލޯ ހޭލައްވާލިއެވެ. އަހަރެންގެ އަތުން ބޭބެގެ ބޮލުގައި ފިރުމަމުން ބޭބެއަށް ގޮވަން ފެށީމެވެ. އެހިނދު ބޭބެގެ ފަތިވަރު ހުއްޓުނެވެ. އަހަރެންނަށް ފެނުނީ ބޭބެގެ ދެ ލޮލުން ކަރުނަ ނީރެމުން ދިޔަ މަންޒަރެވެ. އެ ކަރުނަތައް އަހަރެން ފުހެލައިދިނީމެވެ. އަދި ބޭބެގެ މޫނުގައި ފިރުމަން ފެށީމެވެ.

ހިތަށް އަރަމުން ދިޔަ ޝުއޫރުތަކުން އަހަރެން ވެސް ދެރަވިއެވެ. އަހަރެންވެސް ކިހައި ގޯސް ހެއްޔެވެ؟ ކިހައި ނުބައި ހެއްޔެވެ؟ އެ ބޭބެއަށް އަހަރެންނަކަށް އަޅައެއް ނުލެވުނެވެ. އަހަރެން މާލެ ބަދަލުވީ ފަހުން ބޭބެގެ ޚަބަރެއް ނުބަލަމެވެ. ބޭބެ ވެސް އަހަރެންގެ ޚަބަރެއްވޭތޯއެއް ނޫޅެއެވެ. މާލޭގައި ދިރިއުޅުމެއް އަހަރެން ފެށީއެވެ. ބޭބެ އުޅުނީ ރަށުގައެވެ. ބޭބެ މާލެ ގެނެވޭތޯ ދެ ފަހަރެއްގެ މަތިން އަހަރެން މަސައްކަތް ކުރީމެވެ. ނަމަވެސް އެކަމާ ބޭބެ އެއްބަސް ނުވީއެވެ. ބޭބެގެ އެކަނިވެރި ހަޔާތް އެގޮތުގައި ހޭދަކުރަން ބޭބެ ބޭނުންވީއެވެ. މާލެއަންނަން ބޭބެ ދެކޮޅު ހެދީއެވެ.

ބަލި އެނދުގައި ބޭބެ އޮންނަޖެހުމުން ބޭބެ ބަލާނެ އިތުރު މީހަކު ނުވިއެވެ. އެއްބަނޑު މީހަކަށް ހުރި ހަމައެކަނި މީހަކީ އަހަރެންނެވެ. އެކަން ކުރެވެން އޮތް ހަމައެކަނި ގޮތަކީ ބޭބެ މާލެ ގެނައުމެވެ. އެހެންވެ ބޭބެ މާލެ ގެނައީއެވެ. މާލެ އަންނަން ކިތަންމެ ބޭނުން ނުވިނަމަވެސް މިއަދު ބޭބެއަށް އެނޫން ގޮތެއް ނެތެވެ. އަހަރެންގެ ކުރިމަތީ ބޭބެ އެ އޮތީ އެހެންވެއެވެ. ޚިޔާލުގެ ދުނިޔެއިން ނުކުމެ އަހަރެން ބޭބެއާ ވާހަކަދައްކަން ފެށީމެވެ.

"ބޭބޭ. މިއީ މާލެ. ބޭބެގެ ބަލިހާލަތު ހުރިގޮތުން ބޭބެ މިތަނަށް ގެންނަން ޖެހުނީ. އަހަރެންނަށް ރަށަށް ދެވެން ނެތުމުން މި ގެނައީ" އަހަރެން އުޅުނީ ބޭބެއަށް ވިސްނައި ދެވޭތޯއެވެ.

"ނޫނެކޭ. މިއީ މާލެއެއް ނޫން. އަހަރެން އެތަނަކަށް ނުދާނަން. ދުވަހަކު ވެސް ނުދާނަން. އެއީ ކެހިވެރީންގެ ތަނެއް. އެތަނުގައި އުޅޭނީ ވެސް ކެހިވެރީން" ބޭބެ އެ ދައްކަނީ ކޮން ވާހަކައެއްކަން އަހަރެންނަށް އެނގެއެވެ. އެ ބުނަނީ ކީކޭކަން ވެސް އަހަރެންނަށް އެނގެއެވެ. ބޭބެ ލޯބިވި އެންމެ މީހަކު ދެކެއެވެ. އެއީ ރަށުން ބޭރު މީހެކެވެ. އެ މީހާ މާލޭ މީހަކާ ރައްޓެހިވެ މާލެއަށް ބަދަލުވީއެވެ. އެފަހުން އެފަދަ ގުޅުމެއް ދުވަހަކުވެސް އެހެން މީހަކާ ނުބާއްވައެވެ. އެފަދަ ޚިޔާލެއް ނުވެސް ކުރެއެވެ.

"އަހަރެންނަށް ހެޔޮ މަރު ވިޔަސް. އެތަނަކަށް މަށެއް ނުދާނަން. ކޮއްކޮ ވެސް ހަނދާންކުރާތި އެތަނަށް ބޭބެ ނުގެންދާތި" ބޭބެގެ އަޑުން ބޭބެ ކުރީ އަމުރެކެވެ. ބޭބެ މާލެ ނުގެން ދިއުމަށް ކުރި އަމުރެވެ. ނަމަވެސް އެކަން އެވަނީ ވެ ނިމިފައެވެ. ބޭބެ އެ އޮތީ މާލޭ ފަސްގަނޑުގައެވެ. ބޭބެ އެންމެ ދާން ބޭނުން ނުވާ ބިމުގައެވެ.

"ކޮއްކޮއަކަށް ނުވިސްނޭނެ ބޭބެގެ ހިތަށް މިވާ އުނދަގުލެއް. މާލޭ ވާހަކަ ބުންޏަސް ހިތަށް ވަނީ ތަދު. ކުރަނީ އަސަރު. އެހައި ހަރާންކޯރުވާނެކަމަކަށް ބޭބެ ހިއެއް ނުކުރަން...... އަދި ދުވަހެއް އަންނާނެ. އެދުވަހުން ބޭބެ ގާތަށް އަންނާނެ" ބޭބެގެ ވާހަކަތަކުގައި ވަނީ ހިތްދަތިކަމާއި މޮޅިވެރިކަމެވެ.

"ދެން އިހަށް ނިދާލާ.. މިހާރު އެެހެން މީހުންވެސް އެ ނިދަނީ. ބޭބެ މާ ބާރަށް ވާހަކަދައްކާތީ އެމީހުންނަށް ވެސް ކިހައި އުނދަގޫވާނެ" އަހަރެން ބެލީ ބޭބެއަށް ވިސްނައިދެވޭތޯއެވެ. އެ ވާހަކަތަކުން ބޭބެގެ އަޑުމަޑުކުރެވޭތޯއެވެ.

ކުއްލިއަކަށް ނަރުހުންތައް ދުވަން ފެށިއެވެ. ގެނެވުނު ބަލި މީހާއަށް ފަރުވާ ދިނުމުގައި ހަރަކާތްތެރިވާން ފެށިއެވެ. އެ މީހަކު އޮތީ ބޭބެ އޮތް އެނދާ ޖެހިގެންނެވެ. ދަމާލެވިފައިވާ ފެހި ފޮތިގަނޑު ފޫ އަޅުވާލައި އިވެމުންދިޔަ ހަޅޭކުގެ އަޑުން މުޅި އެމެޖެންސީ ރޫމު ގުގުމަމުން ދިޔައެވެ.

"އާދަނާ.... އާދަނާ.... އަހަރެންނަށް އެހީވޭ. އަހަރެންނަށް މިކުރާ އަނިޔާތައް ހުއްޓުވައިދީ. އަހަރެން ހުންނާނީ އާދަނާއެކު. އަހަރެން މިތަނަކު ނޫޅޭނަން. މިއީ އަހަރެން ބޭނުންވާ ގޮތެއް ނޫން. މިއީ އުޅޭވަރުގެ ތަނެއް ނޫން" ބާރުބާރަށް އިވެމުން ދިޔަ ދުވަސްވީ އަންހެން އަޑު ވަރަށް ސާފެވެ. އެ އަޑު ޖެހުމާއެކު ބޭބެގެ ދެ ލޯ ހުޅުވާލެވުނެވެ. ބޭބެގެ އަތް ތަޅުވާން ފެށިއެވެ. ދެ ފައި ކުރުކޮށް ހަރަކާތްކުރަން ފެށިއެވެ.

"އެ މީހާ އެ ގޮވަނީ އެހެން މީހަކަށް. ބޭބެއަކަށް ނޫން" އިވެމުން ދިޔަ އަޑުތަކަށް ވިސްނަމުން ބޭބެގެ ކަންފަތް ދޮށުގައި އަހަރެން ބުނީމެވެ.

"އަހަރެން މިދަނީ. އޭނާއަށް އަނިޔާ ނުކުރޭ. އޭނާ ދޫކޮށްލާ. އަހަރެން އެހީވާނަން. އަހަރެން މިއޮތް ހުރިހާ ދުވަހަކު މިހުރީ އޭނާގެ ހައްގުގައި. އޭނާގެ އިންތިޒާރުގައި" ބޭބެ ތެޅެން ފެށިއެވެ. ނޭވާ ހާސްވެގެން އުޅޭ ކަހަލަ ގޮތްތަކެއް ވާން ފެށިއެވެ. އަހަރެން އަވަސް އަވަހަށް ނަރުހުންނަށް ގޮވީމެވެ. ބޭބެއަށް ގޮތްތަކެއް ވާކަމަށް ބުނީމެވެ. އެމީހުން އައިސް ބޭބެއަށް ފަރުވާ ދިނެވެ. އެތައް މަސައްކަތެއް ކުރިއެވެ. ނަމަވެސް ބޭބެގެ ފުރާނަ ބޭބެގެ ހަށިގަނޑާ ވަކިވީއެވެ. އަހަރެންގެ ލޮލުގެ ކުރިމަތީ ބޭބެގެ ފަހު ނޭވާ މި ދުނިޔެއަށް ދޫކުރީއެވެ. އަހަރެންނަށް ހުރެވުނީއެވެ. ރޮއިގަންނާން ވެސް ނޭނގިފައެވެ. ދެން އިވުނީ އިތުރު ބަޔަކު ރޮއިގަތް އަޑެވެ. އެތަނަށް ފަރުވާ ހޯދަން އެންމެ ފަހުން ގެނެވުނު މީހާގެ އާއިލާ މީހުންނެވެ. އެއީ ބޭބެގެ ނަމުން ގޮވިމީހާއެެވެ.

ބޭބެއަށް ކުއްލި ބަދަލެއް އެ އައީ ކީއްވެ ހެއްޔެވެ؟ އެ އަޑު ޖެހުމުން ބޭބެއަށް ގޮތްތަކެއްވީ ކީއްވެ ހެއްޔެވެ؟ ހިތުގައި އުފެދުނު ސުވާލުތަކާއެކު ޖެހިގެން އޮތް އެނދުގައި އޮތީ ކާކުކަން ދެނެގަންނަން އަހަރެން ބޭނުންވިއެވެ. ބޭބެގެ ވާހަކަތަކުގައި އުޅޭ ޚިޔާލީ މީހަކީ އެއީ ހެއްޔެވެ؟ ރަށުގައި އުޅުމަށްފަހު މާލެ ބަދަލުވި މީހަކީ އެއީ ހެއްޔެވެ؟ އެ ބުނާ ހަލީމަތަކީ އެއީ ހެއްޔެވެ؟ ހިތަށް ވެރިވި ސުވާލުތަކުން ޖެހިގެން އޮތް އެނދުގައި އޮތީ ކާކުކަން ދެނެގަންނަން ބޭނުންވިއެވެ. އަހަރެން ސުވާލުކުރީ އެތަނުގައި ހުރި މީހަކާއެވެ. އެ މީހާގެ ޖަވާބުން އަހަރެންގެ ހިތް ތެޅިގަތެވެ. އެއީ ބޭބެގެ މުޅި އުމުރު އެ މީހަކަށް ހުސްކޮށްލި މީހާއެވެ. ނިމުމެއް ނެތް އިންތިޒާރެއްގައި ބޭބެ އިންނަން ޖެހުނު މީހާއެވެ.

ބޭބެ ދުނިޔެއާ ވަކިވެގެން އެ ދިޔައީ ބޭބެ އެންމެ ބޭނުންވި މީހާ އަޑާއެކުއެވެ. އެންމެ ފަހުން ބޭބެގެ ކަންފަތުން އެހީ އެ އަޑެވެ. އެންމެ ފަހުން ބޭބެ ވާހަކަދެއްކީ އެ މީހާއާއެވެ. ބޭބެއާ އެންމެ ގާތުގައި އޮތީ ވެސް އެ މީހާއެވެ. ކިހައި ބޮޑު އިއްތިފާގެއް ހެއްޔެވެ؟ މިއީ ދުނިޔެއެވެ. ކިތަންމެ ދުރުގައި އުޅުނު ނަމަވެސް އެއްތަންވާން ތަގުދީރުގައި އޮތްނަމަ އެކަމެއް ވާނެއެވެ. ބޭބެއަށް ނުލިބުނީ އެ ލޯބިވެރިޔާއާއެކު ޒަވާޖީ ހަޔާތެއް ފެށުމުގެ ފުރުޞަތެވެ. އެ ލޯބި ހާސިލުކުރުމުގެ ނަސީބެވެ. ނަމަވެސް ބޭބެ ނިމިގެން އެ ދިޔައީ އެ ލޯބިވާ މީހާއާއެކުއެވެ. އެއް ދުވަހެއްގައެވެ. އެއް ވަގުތެއްގައެވެ. އެއްތަނެއްގައެވެ. މިއީ ވެސް ލޯތްބެކެވެ.

(ނިމުނީ)