ސީރިއާ އަށް ތެޔޮ ގެންދަނިކޮށް މެދުތެރޭ ކަނޑުގެ އަނގަމަތިން އީރާނުގެ ތެޔޮ ޓޭންކަރެއް އިނގިރޭސި ސިފައިން ހިފެހެއްޓުމަކީ ވަރަށް މޮޔަ އަމަލެއް ކަމަށް އީރާނުން ބުނެފި އެވެ.

އީރާނުގެ ރައީސް ހަސަން ރޫހާނީ ވިދާޅުވީ އޭގެ ދެރަކަން ދާދި އަވަހަށް އިނގިރޭސި ވިލާތަށް ފެންނާނެ ކަމަށެވެ.

ރައީސް ރޫހާނީ ވިދާޅުވީ އިނގިރޭސިވިލާތުން ކަނޑުތަކުގެ ރައްކާތެރިކަން ނަގާލައިފި ކަމަށެވެ.

އީރާނުގެ ތެޔޮ ޓޭންކަރު ހިފެހެއްޓީ އިނގިރޭސި ކޮލޮނީއެއް ކަމަށްވާ ޖިބްރޯލްޓާގެ ކައިރިންނެވެ.

މިކަންކުރީ ޖިބްރޯލްޓާގެ ސަރަހައްދީ ސަރުކާރުން އެދިގެން ކަމަށްވެ އެވެ. މިކަންކުރީ އިނގިރޭސިވިލާތުން ކަމަށްވާތީ ބަދަލުހިފާނެ ކަމުގެ އިންޒާރު އީރާނުގެ ޑިފެންސް މިނިސްޓަރު އާމިރު ހާތަމީ ވެސް ވަނީ ދެއްވައިފަ އެވެ.

ޓޭންކަރު ހިފެހެއްޓީ ޔޫރަޕުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ޚިލާފަށް ސީރިއާ އަށް ތެޔޮ އުފުލާތީ ކަމަށް ޖިބްރޯލްޓާ އިން ބުނެ އެވެ.

ސީރިއާ އަށް ތެޔޮ އެތެރެކުރުން ޔޫރަޕުން ވަނީ މަނާކޮށްފަ އެވެ. އެކަމަކު ސީރިއާ އަށް ތެޔޮ ގެންދިޔަ އެއްވެސް އުޅަނދެއް މީގެ ކުރިން ކަނޑުމަތިން ހިފަހައްޓައިފައެއް ނުވެ އެވެ.