އައްޑޫ ސިޓީގައި ބާއްވާ ޔުއެފާ އެސިސްޓް 15 އަހަރުން ދަށުގެ ފުޓުބޯޅަ މުބާރާތަކީ ރާއްޖޭގެ ޒުވާން ކުޅުންތެރިންނަށް ލިބިގެންދާ ރަނުގެ ފުރުސަތެއް ކަމަށް އައްޑޫސިޓީއަށް ނިސްބަތްވާ ތަޖުރިބާކާރު ފޯވާޑް އަބްދުﷲ ހަނީފު (ބެންޖޯ) ބުނެފިއެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި ޔޫނިއަން އޮފް ޔޫރަޕިއަން ފުޓްބޯލް އެސޯސިއޭޝަންސް (ޔުއެފާ) ގުޅިގެން ދިވެހި ސަރުކާރުގެ އެހީއާއެކު އައްޑޫ ސިޓީގައި ބާއްވާ މުބާރާތް އޮންނާނީ މި މަހުގެ 20 އިން 29ގެ ނިޔަލަށެވެ.

ރާއްޖޭގެ އިތުރުން ދެން މިމުބާރާތުގައި ވާދަކުރަނީ ސައުދީ އަރަބިއްޔާ އާއި، ލެޓްވިއާ އަދި ބޫޓާން އެވެ.ލެޓްވިއާ އަކީ ޔޫރަޕުން މި މުބާރާތުގައި ވާދަކުރާ ގައުމެޮެވެ. މިއީ "ޓުވާޑްސް ފިއުޗާ" މަޝްރޫއުގެ ދަށުން ރާއްޖޭގައި ބާއްވާ މުބާރާތެކެވެ.

ބެންޖޯ ބުނީ މިއީ ރާއްޖޭގެ ޒުވާން ކުޅުންތެރިން ކުރިއަރަން ލިބިގެންދާ ރަނުގެ ފުރުސަތެއް ކަމަށާއި ވަރުގަދަ ޓީމުތަކާއި ދެކޮޅަށް ކުޅުމުގެ ފުރުސަތު ލިބިގެންދިއުމަކީ މުސްތަގްބަލަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމެއް ކަމަށެވެ.

މިއީ 2014 ވަނަ އަހަރު ބޭއްވި ޗެލެންޖް ކަޕް ފުޓްބޯޅަ މުބާރާތަށްފަހު އައްޑޫ ސިޓީގައި ބާއްވާ ބައިނަލްއަގުވާމީ ފުރަތަމަ މުބާރާތެވެެ. މިމުބާރާތް އައްޑޫގައި ބާއްވަން ތައްޔާރުވެފައިވާއިރު، މުބާރާތް ކުޅޭ ސްޓޭޑިއަމަށް ގިނަ މަރާމާތުތަކެއް ދަނީ ގެންނަމުންނެވެ. އެގޮތުން ލައިޓިން ސިސްޓަމާއި އެހެނިހެން ގިނަ ކަންކަން ދަނީ ރަނގަޅުކުރަމުންނެވެ.

ބެންޖޯއަކީ ފުރަތަމަ ޑިވިޝަނުގައި ގިނަ އަހަރުތަކެއް ވަންދެން ކުޅެފައިވާ ކުޅުންތެރިއެކެވެ. އޭނާ މިދިޔަ ސީޒަނުގައި ކުޅެފައިވަނީ ޓީސީ ސްޕޯޓްސް ކުލަބަށެވެ. އަދި މިއަހަރުގެ ސީޒަނުގައި ކުޅެނީ މާޒިޔާއަށެވެ.