ބައިނަލްއަގްވާމީ ފެތުމުގެ ކުޅިވަރުތަކާ ބެހޭ ޖަމިއްޔާ، ފީނާ އާއި ގުޅިގެން ދިވެހިރާއްޖޭގައި ސްވިމިން ކޯޗަސް ލެވެލް 2ގެ ކޯހެއް ބޭއްވުމަށް ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ނިންމައިފި އެވެ.

މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ޖުލައި 25ގެ ނިޔަލަށް އެ އެސޯސިއޭޝަނުން ވަނީ ހުޅުވާލާފަ އެވެ.

އެސޯސިއޭޝަނުން ނެރެފައިވާ އިއުލާނުގައިވާ ގޮތުން އެ ދުވަހުގެ މެންދުރުފަހު 1:00 ޖެހުމުގެ ކުރިން އެސޯސިއޭޝަނަށް ފޯމު ހުށަހެޅުމަށް ވަނީ އެދިފަ އެވެ. ކޯހުގައި ބައިވެރިވެވޭނީ ޝަރުތު ފުރިހަމަވާ ފަރާތްތަކަށް އެކަނި ކަމަށްވެސް ސްވިމިން އެސޯސިއޭޝަނުން މައުލޫމާތުދެ އެވެ.

އެގޮތުން ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ 18 އަހަރު ފުރިފައިވާ މީހެއް ކަމުގައިވުމާއި އިނގިރޭސި ބަހުން ރަނގަޅަށް ލިޔަން ކިޔަން އަދި ވާހަކަދައްކަން އެނގޭ މީހަކަށް ވުމާއި، ފީނާއިން ސްވިމިން ކޯޗިން އެޑްވާންސް ކްލިނިކެއް ފުރިހަމަކޮށްފައިވާ ކޯޗެއް ކަމުގައިވުން ނުވަތަ ވޭތުވެދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި ސްވިމިން އެސޯސިއޭޝަން ގަބޫލުކުރާ ކޯޗިން އާއި ގުޅޭ ދާއިރާއަކުން ޑިޕްލޮމާއެއް ނުވަތަ އެޑްވާންސް ކޯހެއް ފުރިހަމަކޮށްފައިވާ މީހެއް ކަމުގައިވުމުގެ އިތުރަށް ސްވިމިން ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރާ މީހެއް ކަމުގައިވާން ޖެހެ އެވެ.

މީގެއިތުރުން އެ އެސޯސިއޭޝަނުން ވަނީ 16 ވަނަ ސްވިމިން އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި ބައިވެރިވުމުގެ ފުރުސަތުވެސް ހުޅުވާލާފަ އެވެ. މިމުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 31 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށް މާލޭގަ އެވެ.

މި މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން މުބާރާތުގައި ބައިވެރިވާން އެދޭ ފޯމު ފުރިހަމަކޮށް ފޯމާއެކު ހުށަހަޅަންޖެހޭ ތަކެއްޗާއެކު މި މަހުގެ 25 ވަނަ ދުވަހުގެ މެންދުރުފަހު 2:00ގެ ކުރިން އެ އެސޯސިއޭޝަނަށް ހުށަހަޅަން ޖެހޭނެ ކަމަށްވެސް ސްވިމިން އެސޯސިއޭޝަނުން ބުނެ އެވެ.