އިންޓަނޭޝަނަލް ރިނިއުބަލް އެނާޖީ އޭޖެންސީ (އައިރީނާ)އަށް ރާއްޖެއިން ކަނޑައަޅާ ދާއިމީ މަންދޫބަކަށް ފުރަތަމަ ފަހަރަށް ޑރ. ހުސައިން ނިޔާޒު ހަމަޖައްސައިފި އެވެ.

ޑރ. ނިޔާޒު އައިރީނާއަށް ކަނޑައަޅާ މަންދޫބަކަށް ހަމަޖެއްސިއިރު އޭނާ އަކީ ޔޫއޭއީގައި ހުންނަވާ ރާއްޖޭގެ ސަފީރެވެ.

އައިރީނާއަށް ކަނޑައަޅާ މަންދޫބަކަށް ޑރ. ނިޔާޒު ހަމަޖެއްސުމާއި ގުޅިގެން އޭނައަށް މަރުހަބާ ވިދާޅުވެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިޔާދަކުރަނިވި ހަކަތަ ބޭނުންކުރާ ގައުމަކަށް ބަދަލުވުމަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތައް މިހާރު އިތުރު ކުރިއެރުންތައް ހޯދޭނެ ކަމަށާއި އަދި އައިރީނާއާއިއެކު އޮންނަ ގުޅުން ވެސް އިތުރަށް ބަދަހިވެގެން ދާނެ ކަމަށެވެ.

އިޔާދަކުރަނިވި ހަކަތައާއި ބެހޭ ބައިނަލްއަގުވާމީ އިދާރާ (އައިރީނާ) 2009 ވަނަ އަހަރު އުފެދުނު ފަހުން އެޖަމިއްޔާގެ މެންބަރުންގެ ގޮތުގައި މިވަގުތު 160 ގައުމާއި ޔޫރަޕިއަން ޔޫނިއަން ހިމެނެ އެވެ.