ޓޫރިޒަމް އިންޑަސްޓްރީގައި މަސައްކަތްކުރާ ދިވެހި މުވައްޒަފުންނަށް ހާއްސަކޮށްގެން އެކުލަވާލާ ރިޒޯޓު މުވައްޒަފުންގެ ދަފްތަރު އަންނަ އަހަރުގެ މޭ ޑޭގައި އިއުލާން ކުރަން ނިންމައިފި އެވެ.

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ހާޒިރުކޮށް، ކޮމިޓީގެ މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންނަށް މިހާރުވެސް ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިވާ ކަމަށެވެ. އެހެންކަމުން މި ދަފްތަރު އެކުލަވާލަން ނިންމީ މިފަދަ މައްސަލަތައް ހައްލުކުރުމުގެ ގޮތުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ޓޫރިޒަމް ދާއިރާގައި ހުރި ގޮންޖެހުންތައް ދިރާސާކުރުމަށް ކުރި ދަތުރުތަކުގައި ދިވެހި މުވައްޒަފުންނާއި ބިދޭސީ މުވައްޒަފުންނާ ދެމެދު މުސާރައިގެ ގޮތުން ހުރި ފަރަގު ފެނިވަޑައިގެންނެވި ކަމަށެވެ. މިނިސްޓަރު ވިދާޅުވީ، މިކަންތައްތައް ހައްލުވާނީ ދިވެހިންގެ ތެރޭގައި ޓޫރިޒަމް ދާއިރާގެ އެކި މަގާމުތަކަށް މީހުން ތަމްރީން ކޮށްގެން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ރިސޯޓް މުވައްޒަފުންގެ ދަފްތަރު އެކުލަވައިލުމުން، ރިސޯޓު މުވައްޒަފުންނަށް ޝަކުވާ ހުށަހެޅުމުގައި ފަސޭހަވާނެ ކަމަށެވެ.

"އެހިސާބުން (މުވައްޒަފުންގެ ދަފްތަރު އެކުލަވާލުމުން) އަޅުގަނޑުމެންނަށް އެނގޭނެ ކޮންމެ މުވައްޒިފެއްގެ ޓްރެކް ރެކޯޑް، އެމުވައްޒިފަކު ވަޒީފާގައި ހުރިތޯ އަދި އެމުވައްޒިފަކަށް އަޅުގަނޑުމެން ބޭނުންވަނީ އެންހޭންސްޑް އެއްޗަކަށްވާން. އޭނަގެ ޝަކުވާ ޑައިރެކްޓްލީ އަޅުގަނޑުމެންނަށް ރީޗްވާ އެއްޗަކަށްވާން. ބައެއްފަހަރު ޝަކުވާކުރަންވެސް ބިރުގަނޭ އެ ވަޒީފާ ގެއްލިދާނެތީ. އެހެންވީމަ އަޅުގަނޑު ދެކޭގޮތުގައި ރާއްޖޭގެ ޓޫރިޒަމް މިހިސާބަށް އައިސްފައި މިއޮތީ ރާއްޖޭގައި އެންމެ ފުރަތަމަ އިންވެސްޓްކުރި އިންވެސްޓަރުންގެ ބްރިލިއަންޓް އައިޑީއާސް، ކްރިއޭޓިވިޓީ އިން" މިނިސްޓަރު އަލީ ވަހީދު ވިދާޅުވިއެވެ.

މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ޓުރިޒަމް ދާއިރާ އިސްލާހު ކުރުމުގައި މުވައްޒަފުންގެ އިތުރުން ވިޔަފާރި ވެރިންނަށްވެސް ވިސްނައިގެން މަސައްކަތް ކުރާނެ ކަމަށެވެ.

ޓޫރިޒަމް ދާއިރާގައި ހުރި މައްސަލަތައް ހައްލުކުރުމަށް ޓޫރިޒަމް މިނިސްޓްރީން ކުރަމުން އަންނަ މަސައްކަތުގައި 14 ގަވާއިދެއް އެކުލެވޭ ޓުރިޒަމް މާސްޓާ ޕްލޭނެއް ތައްޔާރުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުނެވެ. މި ޕްލޭން މިމަހުގެ 30 ގައި އިފްތިތާހު ކުރަން ވަނީ ނިންމައިފައެވެ.