ސ. ހުޅުމީދޫ ސިއްހީ މަރުކަޒު އިތުރަށް ތަރައްގީކުރުމުގެ މަސައްކަތާއި، ށ. މިލަންދޫ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ތަރައްގީ ކުރުމުގެ މަސައްކަތް ހެލްތު މިނިސްޓްރީން ފަށައިފި އެވެ.

ހެލްތް މިނިސްޓްރީގައި މިއަދު ބޭއްވި ބައްދަލުވުމެއްގައި ސ. ހުޅުމީދޫ އިތުރަށް ތަރައްގީ ކުރުމުގެ މަސައްކަތް ކުރުމަށް ހަވާލުކުރީ ފައިމީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށެވެ. މިމަސައްކަތް 75 ދުވަހުގެ ތެރޭގައި ނިންމަން ޝަރުތުކޮށް މިމަސައްކަތް އެކުންފުންޏާ ހަވާލުކުރީ 1.3 މިލިއަން ރުފިޔާ އަށެވެ.

މީގެ އިތުރުން މި ރަސްމިއްޔާތުގައި ވާހަކަައްކަވަމުން ހެލެތް މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވީ ށ. މިލަންދޫ ސިއްހީ މަރުކަޒު ހޮސްޕިޓަލު ފެންވަރަށާް ތަރައްގީ ކުރުމުގެ މަސައްކަތް މިއަދު މިނިސްޓްރީން ކުރަން ފަށާފައިވާ ކަމަށެވެ. އެގޮތުން އިމާރާތަށް ގެންނަންޖެހޭ ބަދަލުތަކާއި، ހޮސްޕިޓަލް ފެންވަރަށް އެތަން ތަރައްގީ ކުރުމަށް ހޯދަންޖެހޭ އިތުރު ތަކެތި ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމުގައިވެސް ވިދާޅުވި އެވެ.

އަމީން ވިދާޅުވީ މިހާރު ށ. މިލަންދޫ ސިއްހީ މަރުކަޒަކީ ދަރަޖަ 3ގެ ސިއްހީ މަރުކަޒެއް ކަމަށެވެ. އެހެންނަމަވެސް އެ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުވުމަށްފަހު އެތަނުން މިހާރު ނުލީބޭ ގިނަ ހިދުމަތްތަކެެއް މުސްތަގުބަލްގައި ލިބޭނެ ކަމުގައިވެސް ވިދާޅުވި އެވެ. މީގެތެރޭގައި އަންހެނުންގެ ހާއްސަ ޑޮކްޓަރުގެ ޚިދުމަތާއި، ކުޑަކުދިންގެ ހާއްސަ ޑޮކްޓަރުގެ ޚިދުމަތާއި، ހޭނައްތާ ޑޮކްޓަރެއްގެ ހިދުމަތާއި، އޮޕަރޭޝަން ޑޮކްޓަރުގެ ހިދުމަތުގެ އިތުރުން އެތެރެހަށީގެ ޑޮކްޓަރެއްގެ ޚިދުމަތްވެސް މިލަންދޫ ހޮސްޕިޓަލުން ލިބޭނެ ކަމުގެ ޔަގީންކަން މިނިސްޓަރު ވަނީ ދެއްވާފަ އެވެ.