އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ.

ރައީސް އޮފީހުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމުގެ މުއްދަތު މި މަހުގެ 22 ގެ ނިޔަލަށް ހަމަވާތީ މިމަގާމަށް ބޭފުޅަކު އައްޔަންކުރުމަށްޓަކައި، މި މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަގާމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 18ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2:00 ޖެހުމުގެ ކުރިންނެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އައްޔަންކުރެވޭ ބޭފުޅެއްގެ ޝަރުތުތަކުގެ ތެރޭގައި އުމުރުން 35 އަހަރު ފުރިފައިވުމާއި، އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން ހިމެނެ އެވެ. މިމަގާމަށް އައްޔަންކުރެވޭ ބޭފުޅަކީ ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިޚާބުކުރެވޭ ނުވަތަ އައްޔަންކުރެވޭ ސިޔާސީ މަގާމެއް ފުރަމުންދާ މީހަކަށް ނުވުމާއި، ސިޔާސީ ޕާޓީއެއްގެ މެންބަރެއް ކަމުގައި ވެގެން ނުވާނެ ކަމަށްވެސް ޝަރުތުތަކުގައިވެ އެވެ.

މީގެއިތުރުން އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އައްޔަންކުރެވޭ ބޭފުޅަކީ ފުރަތަމަ ޑިގްރީއެއް ހާސިލްކޮށްފައިވުމާ އެކު މަދުވެގެން 7 އަހަރުގެ ތަޖުރިބާ ލިބިފައިވާ މީހަކު ކަމުގައިވުމާއި، އިންފޮމޭޝަން ކޮމިޝަނަރު ކަމުގެ ވަޒީފާގެ އިތުުރުން އެެހެން ވަޒީފާއެއް އަދާކުރާ މީހަކު ކަމުގައި ވެގެން ނުވާނެ ކަމަށްވެސް ޝަރުތުތަކުގައިވެ އެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަކީ އަމިއްލަ ނަމުގައި ދައުވާކުރުމާއި ދައުވާ ލިބިގަތުމުގެ ބާރު ލިބިފައިވާ އަމިއްލަ ނަމުގައި މުއާމަލާތް ކުރުމުގެ ހައިސިއްޔަތު ލިބިފައިވާ އަދި ވަކި ސިއްކައެއް އޮންނަ މިނިވަން ގާނޫނީ ޝަޚްސެކެވެ.