ދިހަ ވަނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ހުޅުވުމުގެ ރަސްމިއްޔާތުގައި ދިވެހި ދިދަ އުފުލާ އެތުލީޓުގެ ނަން އާދީއްތަ ދުވަހު އިއުލާންކުރާ ގޮތަށް ހަމަޖެހިއްޖެއެވެ.

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)އިން ބުނީ، ދިދަ އުފުލާ އެތުލީޓު އިއުލާން ކުރާނީ ރައީސް އޮފީހުގައި ބާއްވާ ހާއްސަ ރަސްމިއްޔާތެއްގައި އަންނަ އާދީއްތަ ދުވަހު ކަމަށާއި އެރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ. އަދި މިގޭސްއަށްދާ ކޮންޓިންޖެންޓާ އެމަނިކުފާނު ބައްދަލުކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައި ކަމަށް އެމްއޯސީން މައުލުމާތު ދެއެވެ.

އެމްއޯސީން ބުނީ، ދިދަ އުފުލާ އެތުލީޓު ހޮވުމަށް ހަމަޖެހިފައިވަނީ އެމްއޯސީގެ ބޯޑުން ކަމަށެވެ.

އައިއޯއައިޖީގެ ހުޅުވުމުގެ ރަސްމިއްޔާތުގައި 2015 ވަނަ އަހަރު ދިވެހި ދިދަ އުފުލީ ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދުއެވެ. އެފަހަރު ސާއިދުއަށް ވެސް ދިދަ ހަވާލުކޮށްފައިވަނީ ރައީސް އޮފީހުގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައެވެ.

މިމަހު 18 އިން 28 އަށް މޮރިޝަސްގައި ބާއްވާ މިގޭމްސްގައި ބައިވެރިވާ ދިވެހި ކޮންޓިންޖެންޓު ފުރުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހު ހެނދުނެވެ.

މި ފަހަރުގެ ގޭމްސްގައި ރާއްޖޭން ދިހަ ކުޅިވަރަކުން ވާދަކުރާނެ އެވެ. އެއީ އެތުލެޓިކްސް، ބެޑްމިންޓަން، ބީޗް ވޮލީބޯޅަ، ފުޓްބޯޅަ، ބާސްކެޓްބޯޅަ، ޓެނިސް، ސްވިމިން، ޓޭބަލް ޓެނިސް، ވޮލީބޯޅަ އަދި ކައިޓް ސާފިން އެވެ.

ގޭމްސްގައި ރާއްޖޭން 15 މެޑަލް ހޯދުމަށް އަމާޒުހިފާފައިވާއިރު އެންމެ ފަހުގެ އައިއޯއައިޖީގައި އަށް މެޑަލް ހޯދިއެވެ.

1979 ވަނަ އަހަރު ބާއްވަން ފެށި މި ގޭމްސްގައި މި އަހަރު ވާދަކުރާ ގައުމުތަކަކީ ރާއްޖެ އާއި މޮރިޝަސްގެ އިތުރުން ސީޝެލްސް، ރިޔޫނިއަން، މެޔޯޓް، މަޑަގަސްކަރަ އަދި ކޮމޮރޯސް އެވެ