މާލޭގެ އިމާރާތްތަކުން ތަކެތި ވެއްޓި ލިބޭ ހާދިސާތައް އިތުރުވަމުންދާތީ އެކަމަށް ފިޔަވަޅުތަކެއް އެޅުމަށް މާލޭ ސިޓީކައުންސިލް އާއި ގުޅިގެ މަސައްކަތްތަކެއް ކުރަމުންދާކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ބުނެފި އެވެ.

އެ މިނިސްޓްރީން މިހެން ބުނީ، އިމާރާތްކުރުމުގެ ދާއިރާގައި ހިނގަމުންދާ ހިތާމަވެރި ހާދިސާތަކާއި ގުޅިގެން އެކަމާއި ކަންބޮވުން ފާޅުކޮށް ނެރުނު ނޫސްބަޔާނެއްގަ އެވެ.

ޕްލޭނިންގ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، މާލޭގައި މިފަހަކަށް އައިސް މާލޭގެ އިމާރާތްތަކުން އެކި ކަހަލަ ތަކެތި ވެއްޓި ހިތާމަވެރި ހާދިސާތައް ހިނގައި އާއްމުންނާއި މަސައްކަތުގެ ދާއިރާގައި އުޅޭ މީހުންގެ ފުރާނައަށް ނުރައްކާވަމުންދާކަމީ އެ މިނިސްޓްރީގެ ވަރަށްބޮޑު ކަންބޮޑުވުމެއް ކަމަށެވެ. އެހެންކަމުން އެފަދަ ހާދިސާތައް މަދުކުރުމަށް އިމާރާތްތަކާއި އިމާރާތްކުރަމުންދާ ތަންތަނުގެ ސަލާމަތީކަންކަން ހުރީ ރަނގަޅަށްތޯ ޔަގީންކުރުން މުހިންމު ކަމަށެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރުމުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފެތޭތޯ ބަލައި، ބޭނުންކުރަމުންދާ އިމާރާތްތަކުގައި ހުންނަންޖެހޭ ސަލާމަތީ ކަންކަން ފުރިހަމަވެފައި ނެތުމުން ދިމާވާ މައްސަލަތައް މަދުކުރުމަށް ސަލާމަތީ ކަންކަން ހުރީ ކަށަވަރުކުރެވިފައިތޯ ބެލުމަށް އިސްތިމާސްކުރާ ކަމަށެވެ. އަދި އާއްމުން ރައްޔިތުންވެސް އެފަދަ ކަންކަމުން ސަލާމަތްވެ ތިބުމަށް އިލްތިމާސް ކުރާ ކަމަށްވެސް ވަނީ ބުނެފައެވެ.

މީގެ އިތުރަށް އުސްކޮށް އިމާރާތްކޮށްފައި ހުންނަ ތަންތަނަށް ދިރިއުޅުން ބަދަލުކުރާއިރު، އެ އިމާރާތަކީ މާލޭ ސިޓީ ކައުންސިލުން ދިރިއުޅުމުގެ ހުއްދަ ދޫކޮށްފައި ހުރ9ި ތަނެއްތޯ ބަލައި ކަށަވަރުކޮށް، ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވާ އިމާރާތެއްތޯ ޔަގީންކުރުމަށްވެސް ޕްލޭނިން މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

މިނިސްޓްރީން އިތުރަށް ބުނީ މާލޭގެ އިމާރާތްތަކުގެ ފެންވަރު ދެނެގަނެ ސަލާމަތީ ކަންކަން ރައްކާތެރިކޮށް ހުރިތޯ ބެލުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އަދި ސަލާމަތީ ކަންކަން ރަނގަޅަށް ނެތް އިމާރާތްތަކުގެ މައްސަލަތައް އިސްލާހުކުރުމަށް އަންގއި ފިޔަވަޅު އަޅަން ފަށާފައިވާ ކަމަށެވެ. އަދި އެފަދަ ގޮތަކަށް ހުރި އިމާރާތެއްގެ މައްސަލަ ފާހަގަކުރެވިއްޖެ ނަމަ ފޭސްބުކް މެދުވެރިކޮށް ފޮޓޯ އާއި އެކު އެކަން އެ މިނިސްޓްރީއަށް އެންގުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.