އޭޝިއާ ކުއެސްޓް ތުރީ އޮން ތުރީ ބާސްކެޓްބޯޅަ މުބާރާތް ރާއްޖޭގައި ބާއްވަން ނިންމައިފި އެވެ.

މިމުބާރާތް ރާއްޖޭގައި ބާއްވަން ނިންމާފައިވާކަން އިއުލާން ކުރައްވާ، ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މި މުބާރާތް ބާއްވަން ތާވަލުކޮށްފައިވަނީ އަންނަ ސެޕްޓެމްބަރު 6-8 އަށެވެ. އަދި މުބަރާތުގައި އޭޝިއާގެ 32 ޓީމް ވާދަކުރާނެ ކަމަށްވެސް މިނިސްޓަރު މަހުލޫފްގެ ޓްވީޓްގަިއ ވިދާޅުވެފައި ވެއެވެ.

މި މުބާރާތުގައި ރާއްޖޭގެ އަންހެން އަދި ފިރިހެން ޓީމު ވާދަކުރާނީ މުބާރާތް ބާއްވާ ގައުމުގެ ގޮތުގަ އެވެ.

މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަންހެން ފިރިހެން ވަކިންނެވެ. އަދި މުބަރާތުގައި އަންހެން އަދި ފިިރިހެން ކޮންމެ ބަޔަކުން ވެސް 16 ޓީމު ވާދަކުރާނެއެވެ.

މިއީ ފާއިތުވި ތިން އަހަރު ތެރޭގައި ރާއްޖޭގައި ބޭއްވޭ ބާސްކެޓްބޯޅައިގެ ބައިނަލްއަގުވާމީ ދެ ވަނަ މުބާރާތެވެ. މީގެ ކުރިން ރާއްޖޭގައި ބޭއްވި ބާސްކެޓްބޯޅައިގެ ބައިނަލްއަގްވާމީ މުބާރާތަކީ 2017 ވަނަ އަހަރުގެ މެއި މަހު ބޭއްވި ދެކުނު އޭޝިއާގެ ބާސްކެޓްބޯޅަ މުބާރާތް ކަމަށްވާ ފަސް ވަނަ ސާބާ ޗެމްޕިއަންޝިޕެވެ. މިމުބާރާތުގައި އެފަހަރު ރާއްޖޭގެ އިތުރުން އިންޑިއާ އާއި ސްރީ ލަންކާ އާއި ނޭޕާލް އަދި ބަންގްލަދޭޝް އިން ވާދަކުރިއެވެ.