އައްޑޫ ސިޓީގައި ބާއްވާ "ޔުއެފާ އެސިސްޓް" 15 އަހަރުން ދަށުގެ ފުޓުބޯޅަ މުބާރާތުގެ އެއާލައިން ޕާޓްނަރަކަށް ގައުމީ އެއާލައިން މޯލްޑިވިއަން ހަމަޖައްސައިފިއެވެ.

މޯލްޑިވިއަންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނި ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އައިޝަތު ޖެނިފާއެވެ. ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒު އެވެ.

މި އެއްބަސްވުމުގެ ދަށުން މުބާރާތުގައި ވާދަކުރާ ޓީމުތަަކުގެ ދަތުރުތައް ކުރާނީ މޯލްޑިވިއަން އިންނެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި ޔޫނިއަން އޮފް ޔޫރަޕިއަން ފުޓްބޯލް އެސޯސިއޭޝަންސް (ޔުއެފާ) ގުޅިގެން ދިވެހި ސަރުކާރުގެ އެހީއާއެކު އައްޑޫ ސިޓީގައި ބާއްވާ މުބާރާތް އޮންނާނީ މިމަހުގެ 20 އިން 29 ގެ ނިޔަލަށެވެ.

ރާއްޖޭގެ އިތުރުން ދެން މިމުބާރާތުގައި ވާދަކުރަނީ ސައުދީ އަރަބިއްޔާ، ލެޓްވިއާ އަދި ބޫޓާން އެވެ.

ލެޓްވިއާ އަކީ ޔޫރަޕުން މި މުބާރާތުގައި ވާދަކުރާ ގައުމެކެވެ. މިއީ "ޓުވާޑްސް ފިއުޗާ" މަޝްރޫއުގެ ދަށުން ރާއްޖޭގައި ބާއްވާ މުބާރާތެކެވެ.