ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިކަން ކުރިއެރުވުމަށް ހުރި ގޮންޖެހުންތައް ދެނެގަތުމަށް ޓްއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވ. އަތޮޅާއި މ. އަދި ފ އަތޮޅަށް ރަސްމީ ދަތުރުފުޅެއް ފައްޓަވައިފިއެވެ.

ޓުއަރިޒަމް މިނިސްޓްރީން ބުނީ، މިނިސްޓަރ އަލީ ވަހީދުގެ މި ދަތުރުފުޅަކީ މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިކަން ކުރިއެރުވުމަށް ހުރި ގޮންޖެހުންތަކާއި ދަތިތައް ދެނެގަތުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. އެގޮތުން މި ދަތުރުފުޅުގައި މިނިސްޓަރ ގެންދަވަނީ ރާއްޖޭގެ މީހުންދިރިއުޅޭ ރަށްރަށުގައި ގެސްޓްހައުސްވިޔަފާާރި ފުޅާކުރުމާއި ގުޅޭގޮތުން ކައުންސިލް ތަކާއި، އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތައް އަދި ކަމާއިބެހޭ ފަރާތްތަކާއި މަޝްވަރާ ކުރައްވަމުންނެވެ.

އެގޮތުން މިއަދުން ފެށިގެން މިމަހުގެ 13 ގެ ނިޔަލަށް، މިނިސްޓަރ އަލީ ވަހީދު ދަތުފުޅުކުރެއްވުމަށް ހަމަޖެހިފައި ވަނީ، ފ. މަގޫދޫ އާއި ބިލެއްދޫ އަދި، މ. ވޭވަށް، މުލި އަދި ވ. ރަކީދޫ، ތިނަދޫ އަދި ކެޔޮދޫއަށެވެ. އަދި އެ އަތޮޅުތަކުގައި ފަތުރުވެރިކަން ތަރަށްޤީ ކުރުމަށް ސިޔާސަތު ބައްޓަންކުރުމަށް ބޭނުންވާ ޚިޔާލާއި ލަފާ ހޯއްދެވުމަށް އެރައްތަކުގެ ކައުންސިލްތަކާއި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތަކާއި މިނިސްޓަރ އަލީ ވަހީދު ބައްދަލުކުރައްވާނެ ކަމަށް ޓްއަރިޒަމް މިނިސްޓްރީން މައުލޫމާތުދެއެވެ.

ރާއްޖޭގެ އުތުރާއި ދެކުނަށް ފަތުރުވެރިން ގެންދަން ޚާއްސަ ދަތުރުތަކެއް ފަށަން މަސައްކަތް ކުރައްވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ ވިދާޅުވެފައެވެ.