އަނިޔާވެރި ގޮތަކަށް މަރާލާފައިވާ ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ބްލޮގަރު ޔާމިން ރަޝީދުގެ މަރުގެ މައްސަލާގައި ދައުވާ ލިބޭ މީހުންނާ ދެކޮޅަށް ހެކިބަސް ނެގުމަށް ކުރިމިނަލް ކޯޓުން ތާވަލްކޮށްފިއެވެ.

ޔާމީންގެ މަރުގެ މައްސަލާގައި ދައުލަތުން ދައުވާ އުފުލާފައިވަނީ ހަތް މީހެއްގެ މައްޗަށް ކަމަށްވީ ނަމަވެސް، މީގެކުރީގައި މިމައްސަލާގައި ބޭއްވި ޝަރީއަތުގެ މަޖިލިސްތަކާ އެއްގޮތަށް މިއަދުވެސް ޝަރީއަތް ކުރިއަށް ގެންގޮސްފައިވަނީ ހަ މީހަކާ ދެކޮޅަށެވެ.

މިމައްސަލައިގެ އަޑުއެހުންތައް މީގެކުރިން ސިއްރުން ކުރިއަށް ގެންދިޔަނަމަވެސް މިއަދުގެ އަޑުއެހުން ކުރިއަށް ގެންގޮސްފައިވަނީ ހުލުވާލައިގެންނެވެ.

މިއަދުގެ އަޑުއެހުމުގައި ހެކިބަސް ނެގުމަށް ދައުލަތުން ދެ ފުލުހަކު ހާޒިރު ކުރިނަމަވެސް ދިފާއީ ވަކީލުން ވަނީ ހެކިބަސް ނެގުމަށް ދެކޮޅު ހަދާފައެވެ.

މިއަދުގެ އަޑުއެހުމުގައި ހެކިބަސް ނަގަން ދައުލަތުން ހުށަހެޅީ، ޔާމީން މަރާލިރޭ ސީންއަށް ދިޔަ ދެ ފުލުހެކެވެ.

ހެކިބަސް ނެގުމަށް ކުރިން އަންގާފައި ނުވާ ކަމަށްބުނެ ހެކިބަސް ނެގުމަށް ދިފާއީ ވަކީލުން ދެކޮޅު ހެދުމުން ގާޒީ ވަނީ ހެކިބަސް ނެގުމަށް އެހެން އަޑުއެހުމެއް ބާއްވަން ތާވަލް ކޮށްފައެވެ.

ހެކިބަސް ނެގުމަށް 8 އަޑުއެހުމަކަށް ބަހާލައިގެން އަޑުއެހުންތައް ކުރިއަށް ގެންދަވާނެ ކަމަށް ގާޒީ އަލީ ރަޝީދު ހުސެއިން ވަނީ އަންގަވާފައެވެ.

އެގޮތުން ގާޒީ ވިދާޅުވީ މިމައްސަލާގައި ހެކިބަސް ނެގުމަށް އެންމެ ފުރަތަމަ އަޑުއެހުމެއް ބާއްވާނީ މިމަހުގެ 15 ވަނަ ދުވަހު ކަމަށެވެ. އަދި އޭގެ ފަހުން ކޮންމެ ހަފްތާއަކު އެއްދުވަހު ހެކިބަސް ނެގުމަށް އަޑުއެހުމެއް ބާއްވާނެކަމަށް ވިދާޅުވިއެވެ.

ގާޒީ ވިދާޅުވީ. ތަވަލް ކުރެވިފައިވާ ގޮތައް މައްސަލައިގެ ހެކިބަސް ނެގިއްޖެނަމަ އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހު މިމައްސަލައިގެ ހުކުމް ކުރައްވާނެ ކަމަށެވެ.

މިއަދު ކުރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި މައްސަލަ ރައްދުވާ ފަރާތުގެ ވަކީލުން ވަނީ އެމައްސަލަ ނުބަލައި، ދައުވާ ބާތިލު ކުރުމަށް އެދޭކަމަށް ވިދާޅުވެފައެވެ.

ދައުލަތުންނާއި ދައުވާ ލިބޭ ހަމީހުންގެ ފަރާތުން މިއަދު ވަނީ އިބްތިދާއީ ބަޔާން އިއްވާފައެވެ.

ކުށް ސާބިތު ކުރުމަށް ދައުލަތުން ވަނީ 34 ޝަފަވީ ހެއްކެއް ހުށަހަޅާފައެވެ.

އަޑުއެހުމުގައި ހަމީހުންގެ ވަކީލުން ވިދާޅުވީ، އެމީހުންގެ މައްޗަށް ކުށް ސާބިތު ކުރެވޭވަރުގެ ހެއްކެއް ދައުލަތުން ހުށަހަޅާފައި ނެތް ކަމަށެވެ.