އުމުރުން 93 އަހަރުގެ މުނިމާމައެއްގެ އެންމެ ފަހު ވަސިއްޔަތްތަކުގެ ތެރެއިން ވަސިއްޔަތެއް، އިނގިރޭސި ފުލުހުން ފުރިހަމަ ކޮށްދީފިއެވެ.

މުނިމާމަގެ ވަސިއްޔަތާ އެއްގޮތަށް، އިނގިރޭސިވިލާތުގެ މަންޗެސްޓަރގެ ފުލުހުންވަނީ އޭނާ "ހައްޔަރުކޮށްގެން" ފުލުހުންގެ ސްޓޭޝަނަށް ގެންގޮސް ސުވާލު ކޮށްފައެވެ.

މި މުނިމާމަގެ ނަމެއް ކަމަށް އިނގިރޭސި މީޑިއާއިން ހާމަކޮށްފައިވަނީ ޖޯސީ ބާރޑްސްއެވެ.

އެ އަންހެންމީހާއަކީ އޭނާގެ ހަޔާތުގައި ދުވަހަކުވެސް ކުށެއް ކޮށްގެން އަބަދު ލިބިފައިވާ މީހެއް ނޫންކަމަށް ވެއެވެ.

އެހެންވެ، އޭނާ ބޭނުންވީ، އޭނާ މަރުވުމުގެ ކުރިން މުޖުރިމަކަށް ވުމުން ކުރެވޭ އިހްސާސްތައް އަމިއްލައަށް ތަޖުރިބާ ކުރުމަށެވެ. ކުށުގެ ތުހުމަތުގައި ފުލުހުން އޭނާ ހައްޔަރުކޮށްގެން ގެންގޮސް ސުވާލުކުރުމުގެ ތަޖުރިބާ ކޮށްލުމަށެވެ. ގޯސްމީހަކަށް ވުމަކީ ކޮންކަހަލަ އިހްސާސެއް ކުރެވޭ ކަމެއްތޯ އާއި، ގާނޫނުގެ އިމުން ބޭރުވުމުން ކުރެވޭ އިހްސާސްތައް ތަޖުރިބާ ކޮށްލުމަށެވެ.

މިއީ، އެ މުނިމާމަ މަރުވުމުގެ ކުރިން އޭނާ ކުރަން ބޭނުންވެގެން ހަދައިގެންއުޅޭ ލިސްޓްގައި ހިމެނޭ ކަންތައްތަކުގެ ތެރެއިން އެއްކަމެވެ.

އުމުރުން 93 އަހަރު ވުމުގެ ސަބަބުން، މުސްކުޅިވެ ގައިގެ ބާރުދެރަވެ، އެ މުނިމާމަ ވަރަށް ބޮޑަށް ބަލިވެ މިހާރު ހޭދަކުރަމުންދަނީ އުމުރުގެ އެންމެ ފަހު ދުވަސްތައް ކަމަށް ވެއެވެ.

އެހެންކަމުން، މުނިމާމަގެ ވަސިއްޔަތާ އެއްގޮތަށް މަންޗެސްޓަރގެ ފުލުހުންވަނީ، މުނިމާމަގެ ގެއަށްގޮސް އޭނާ "ހައްޔަރުކޮށްގެން" ފުލުހުންގެ ސްޓޭޝަނަށް ގެންގޮސް ސުވާލު ކޮށްފައެވެ.

ފުލުހުން ސުވާލުކުރީ، ސުޕަރމާކެޓަކުން ވައްކަންކުރި ކަމުގެ ތުހުމަތުގައެވެ. އެހެން ނަމަވެސް، ފުލުހުން ކުރަމުންދިޔަ ސުވާލުތަކަށް މުނިމާމަ ގެންދިޔައީ ތަކުރާރުކޮށް އިންކާރު ކުރަމުންނެވެ. ބުނަމުންދިޔައީ، ފުލުހުން އެ ބުނާ ސުޕަރމާރުކޭޓުން ދުވަހަކުވެސް ވިޔަފާރި ނުކުރާ ކަމަށެވެ.

އުމުރުން ދުވަސްވީ މި އަންހެންމީހާގެ އަންހެން މާމަދަރިފުޅު ޕޭމް ސްމިތުވަނީ އޭނާގެ މާމަގެ އެންމެފަހު އެއް ވަސިއްޔަތް ފުރިހަމަކޮށްދީ، މާމަ އުފާކޮށްދިން ކަމަށްޓަކައި ފުލުހުންނަށް ޝުކުރު އަދާކޮށް، މާމަގެ ފޮޓޯތައް ޓްވީޓް ކޮށްފައެވެ.