މިނިވަން މުއައްސަސާތައް ބޮއްސުންލައިގެން ދިއުމުގެ ޒިންމާ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ކުރީގެ މެންބަރުން ނަންގަވަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިސްދޫ ދާއިރާގެ މެންބަރު އަލީ ހަމީދު ވިދާޅުވެއްޖެއެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މެންބަރެއްގެ ގޮތުގައި ވެސް ހިމެނިވަޑައިގަންނަވާ އަލީ ހަމީދު ވީޓީވީގެ ބޮޑުފެންޑާ ޕްރޮގްރާމުގައި ވިދާޅުވީ ފާއިތުވެދިޔަ ދުވަސްތަކުގައި މަޖިލީހުގެ ކޮމިޓީތައް އޮތީ ވަރަށް ހަރަކާތްތެރިކަން ކުޑަކޮށް ކަމަށާއި މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ބަލާއިރު ވެސް މަޖިލީހުގެ ގަވާއިދުގައި ބުނާ މިންވަރަށް ވެސް ކޮމިޓީ ބޭއްވިފައި ނުވާ ކަމަށެވެ.

އަލީ ހަމީދު ވިދާޅުވީ ކޮމިޓީތަކުގެ ހަރަކާތްތެރިކަން ގެއްލިފައި އޮތުމަށްފަހު، 19 ވަނަ މަޖިލީހާއެކު ކޮމިޓީތައް އަލުން އެކުލަވާލެވި ރެޔާދުވާލު ވަރަށް ބުރަކޮށް މަސައްކަތް ކުރަމުންދާ ކަމަށެވެ. ވަރަށް ގިނަ މަސައްކަތްތައް ކޮމިޓީގައި ފުނިޖެހިފައި ހުރިކަން އޭނަ ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ ގައުމުގެ ހާލަތު ބޮއްސުންލައިގެން ދިއުމުގެ ޒިންމާ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ކުރިން ތިއްބެވި މެންބަރުން ނަންގަވަން ޖެހޭނެ ކަމަށެވެ.

"ގައުމުގެ ހާލަތު މިހާވަރަށް ގޯސްވެގެން ގޮސް، ކޮރަޕްޝަނާއި ފަސާދަ ގައުމުގައި އާންމު އެއްޗަކަށް ބަދަލުވެގެން ގޮސް، ސަރުކާރުގެ ޒިންމާ ނަންގަވައިގެން މަގާމުތަކުގައި ތިއްބެވި ޕޮލިޓިކަލް ބޭފުޅުންނާއި އަދި ސިވިލް ސާވިސް ދާއިރާގެ ތެރޭގައި ވެސް އެއްވެސް ކަހަލަ އަޚުލާގެއް ނުދެމެހެއްޓި، މީހާގެ އިންޓެގްރިޓީއެއް އިޚުލާސްތެރިކަމެއް ނެތި މުޅިން ބޮއްސުންލައިގެން ގޮސް އޮތްއޮތުމުގެ މައިގަނޑު ބޮޑު ޒިންމާއެއް އަޅުގަނޑު ދެކޭގޮތުގައި ކުރީގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މެންބަރުންނަށް ތިއްބެވި ބޭފުޅުން ނަންގަވަން ޖެހޭނެ" އަލީ ހަމީދު ވިދާޅުވިއެވެ.

އަލީ ހަމީދު ވިދާޅުވީ މިނިވަން މުއައްސަސާތަކާއި މުސްތަގިއްލު މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ޖަވާބުދާރީކުރުވުމަކީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ކުރަންޖެހޭ ކަމެއް ކަމަށާއި އެކަން ނުކުރުމުން އެމުއައްސަސާތަކުން އަމަލުކޮށްފައިވަނީ ހިތަށްއެރި ގޮތަކަށް ކަމަށެވެ. މުއައްސަސާތަކުން ގާނޫނުގެ ބޭނުން އޭގެ ނާޖާއިޒްގޮތުގައި ހިފަމުންދިޔައީ އިންތިހާއަށް ކަމަށާއި ރައްޔިތުންގެ މަޖިލީހުން ވެސް އަމަލުކޮށްފައި އޮތީ ހަމަ އެކަހަލަ ގޮތަކަށް ކަމަށެވެ.

ގައުމުގައި ކޮރަޕްޝަން އާންމުވެ، މުއައްސަސާތައް ނިދާފައި އޮތީ ކޮމިޓީގެ މެންބަރުން އަދާކުރައްވަންޖެހޭ ޒިންމާ އަދާނުކުރެއްވުމުން ކަމަށް އަލީ ހަމީދު ތަކުރާރުކޮށް ވިދާޅުވިއެވެ. ކޮމިޓީން މިއަދު ކުރާ މަސައްކަތަކީ ހުށަހެޅިފައި ހުރި ޒަމާންވީ މައްސަލަތަކާ ގުޅުންހުރި ރިޕޯޓުތައް ހިރަފުސްފޮޅައި އަލުން ނަގައި އެކަންކަން ބެލުން ކަމަށެވެ. ދުވާލަކު ތިން ބައްދަލުވުން ނުވަތަ ހަފުތާއަކު ހައެއްކަ ބައްދަލުވުން ބާއްވަންޖެހޭ ފަހަރުވެސް މިހާރު އަންނަ ކަމަށާއި ރާއްޖޭގެ ބަރުލަމާނީ ހަޔާތުގައި މިއަށްވުރެ ބުރަކޮށް މަސައްކަތް ކުރި މަޖިލީހެއް އަދި ނާންނަ ކަމަށް އަލީ ހަމީދު ވިދާޅުވިއެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީސް ފެށުނު ފަހުން މަޖިލީހުގެ ކޮމިޓީތައް އަދި ފެންނަނީ ވަރަށް ހަރަކާތްތެރިކޮށެވެ. މިގޮތުން މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ބްރޯޑްކާސްޓިން ކޮމިޝަނާއި އޭސީސީގެ މެންބަރުން ހާޒިރުކޮށް ސުވާލުކޮށް، ކޮމިޝަންތަކުގެ ބައެއް މެންބަރުން ޒިންމާ އަދާނުކުރައްވާތީ ވަކިކުރުމަށް ވެސް ވަނީ ނިންމާފައެވެ.