އެހެން ރަށެއްގައި ދިރިއުޅެމުންދިޔަ 22 އަހަރުގެ ޒުވާން އަންހެނަކަށް އެނާގެ ބައްޕަގެ ގާތަށް ދިއުމަށް ފެމެލީ ކޯޓުން ހުކުމްކޮށްފިއެވެ.

ފެމެލީ ކޯޓުން ހުކުމްކޮށްފައިވަނީ އައްޑޫ އަތޮޅު ހިތަދޫއަށް ނިސްބަތްވާ، އުމުރުން 22 އަހަރުގެ އަންހެނެއްގެ މައްޗަށެވެ.

އެ އަންހެންމީހާ އާއިލާއަށް ނޭނގި ފިލައިގެން ގދ އަތޮޅުގެ ރަށަކަށް ދިޔަކަމަށް ބުނެ ފެމެލީ ކޯޓަށް އެމައްސަލަ ހުށަހެޅީ އޭނާގެ ބައްޕައެވެ.

އަދި އެމައްސަލާގައި އެދިފައިވަނީ އެ އަންހެންމީހާ އޭނާގެ ބައްޕަގެ ބެލުމުގެ ދަށަށް ގެނެސްދިނުމަށެވެ.

ފެމެލީ ކޯޓުގެ ހުކުމުގައި ބުނެފައިވަނީ، އެ އަންހެންމީހާ އެހެން ރަށަކަށް ދިޔައީ އާއިލާއަށް ފިލައިގެން ނޫންކަމަށާ، އޭނާގެ މަންމަ ގާތު ހުއްދަ ހޯދައިގެން ކަމަށް އޭނާ ޝަރީއަތުގައި ބުނެފައިވާ ކަމަށެވެ.

އަދި ބައްޕައަށް އިތުބާރު ނުކުރާތީ ބައްޕަގެ ގާތަށް ދާން ބެނުން ނުވާކަމަށް އޭނާ ބުނެފައިވާ ކަމަށް ހުކުމުގައިވެއެވެ. އަދި އެހެން ރަށަކަށް ދިޔައީ ކައިވެންޏެއް ކުރަން ކަމަށް އޭނާ ބުނެފައިވާ ކަމަށްވެސް ހުކުމުގައިވެއެވެ.

ފެމެލީ ކޯޓުގެ ހުކުމުގައި ބުނެފައިވަނީ، އަންހެންމީހާ އޭނާގެ ބައްޕަގެ ނުރުހުމުގައި އެހެން ރަށެއްގައިއުޅެނީ އެއްވެސް މަގުބޫލު އުޒުރެއް އޮވެގެން ނޫން ކަމަށެވެ.

ފެމެލީ ކޯތުގެ ގާޒީ ހުޒައިފާ މުހައްމަދު ކުރެއްވި ހުކުމުގައި ބުނެފައިވަނީ، އަންހެނަކު ކައިވެނި ނުކުރާހާ ހިނދަކު އޭނާގެ މައްޗަށް އެންމެ އިސްވާނީ ބައްޕަ ކަމަށާ، ފާފައަކަށް ނުވާ ކަންކަމުގައި މައިންބަފައިންނަށް ކިޔަމަންވުމަކީ ލާޒިމްކަމެއްކަން ކީރިތި ގުރުއާނާއި މާތް ނަބިއްޔާގެ ހަދީސްފުޅުތަކުން އެނގޭ ކަމަށެވެ.

އެހެންވީމާ ކުރިއަށް އޮތް ފަސްދުވަހުގެ ތެރޭގައި ބައްޕަގެ ބެލުމުގެ ދަށަށް ދިއުމަށް ފެމެލީ ކޯޓުން ވަނީ ހުކުމްކޮށްފައެވެ.