އިނގިރޭސިވިލާތުގައި މިހާރު ކުރިއަށްދާ ކުރިކެޓް ވޯލްޑްކަޕުގެ ސެމީފައިނަލްގައި ދާދިފަސޭހަކޮށް އޮސްޓްރޭލިޔާ ބަލިކޮށްފައި އިންގްލެންޑް ފައިނަލުގެ ފަހު ޖާގަ ހޯދައިފިއެވެ.

އެޖްބެސްޓަންގައި މިއަދު ކުޅެވުނު މެޗު އިންގްލެންޑް ކާމިޔާބުކުރީ 8 ވިކެޓުންނެވެ. ޓޮސް ދިމާކޮށްގެން އެންމެ ފުރަތަމަ ކުޅެންއަރައި ބާކީ އެއްއޯވަރު އޮއްވައި އެންމެން ނުބައިވެގެން އޮސްޓްރޭލިޔާއަށް ދެވުނީ 223 ލަނޑެވެ. އެންމެ ރަގަޅަށް ސްކޯރކުރީ 119 ބޯޅައިން 85 ލަނޑު ހެދި ސްޓީވް ސުމިތެވެ. އިންގްލެންޑުން އެންމެ މޮޅަށް އުކާފައިވަނީ 8 އޯވަރު 20 ލަނޑަށް 3 ވިކެޓް ނެގި ކްރިސް ވޫކްސް އެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީވެސް އޭނާއެވެ.

ޖަވާބުގައި ކުޅެން އަރާފައި އިންގްލެންޑް މޮޅުވެގެން ފޭބީ ބާކީ 18 އޯވަރު އޮއްވައި ދެ ވިކެޓަށް 226 ލަނޑު ދީފައެވެ. އެންމެ ރަގަޅަށް ސްކޯރކުރީ 65 ބޯޅައިން 85 ލަނޑު ހެދި ޖޭސަން ރޯއިއެވެ.

ފައިނަލްގައި އިންގްލެންޑް ނިކުންނާނީ އާދީއްތަ ދުވަހު ނިއުޒިލެންޑާ ދެކޮޅަށެވެ. މިމެޗު ކުޅޭނީ ލޯޑްސްގައެވެ.

މިއީ ވޯލްޑްކަޕުގެ ފައިނަލްގައި އިންގްލެންޑް ކުޅޭ ހަތަރުވަނަ ފަހަރެވެ. މީގެ ކުރިން ފައިނަލްގައި ކުޅުނު ތިން ފަހަރުވެސް އިންގްލެންޑް ވަނީ ބަލިވެފައެވެ. މިއަދު ސެމީގައި އިންގްލެންޑު އަތުން ބަލިވި އޮސްޓްރޭލިއާއަކީ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނެވެ. މުޅިއެކު ފަސްފަހަރު މުބާރާތް ކާމިޔާބުކޮށް މުޅި މުބާރާތުގެ ވެސް އެންމެ ކާމިޔާބު ގައުމެވެ.