އެފްރިކާގެ ގައުމުތަކުގެ ފުޓްބޯޅަ މުބާރާތުގައި މަޑަގަސްކަރައިން މިފަހަރު ދައްކަމުންއައި ޖާދުލަށް ރޭ ނިމުން އަތުވެއްޖެއެވެ.

ކުއާޓަރ ފައިނަލްގައި ދަންވަރު ޓިއުނީޝިއާއާ ވާދަކޮށް މަޑަގަސްކަރަ ބަލިވީ ތިނެއް ސުމަކުންނެވެ. މިހުރިހާ ގޯލެއްވެސް ފެނިގެންދިޔައީ ފަހު ހާފުގައެވެ. ފުރަތަމަ ހާފުގައި ޓިއުނީޝިއާގެ ހަމަލާތައް ދިފާއުކުރި ބީދައިން ފަހު ހާފުގައި މަޑަގަސްކަރައިގެ ޑިފެންޑަރުންނަށް އެކަމެއް ނުކުރެވުނެވެ. ޓިއުނީޝިއާއަށް ގޯލްޖަހައިދިނީ ފަރްޖާނީ ސާސީއާއި ޔޫސުފް ސަކްނީ އަދި ނައީމު ސްލައިތީއެވެ.

ސެމީއަށް ޓިއުނީޝިޔާއާއެކު ރޭ ދަތުރުކުރި އަނެއް ގައުމަކީ އަލްޖީރިޔާއެވެ. އަލްޖީރިޔާ މޮޅުވީ ކުއާޓަރ ފައިނަލްގައި އައިވަރީ ކޯސްޓާއި ވާދަކޮށް ޕެނަލްޓީ ޖަހައިގެން ހަތަރެއް ތިނަކުންނެވެ.

އަލްޖީރިޔާއިން މޮޅަށް ކުޅެ ޑޮމިނޭޓްކުރި މިމެޗުގައި ފުރަތަމަ ގޯލްޖަހައި ލީޑް ނެގީވެސް އަލްޖީރިއާއިންނެވެ. މިގޯލްޖެހީ ވިހިވަނަ މިނިޓުގައި ސުފިޔާން ފިގޫލީއެވެ. އޭނާއަކީ ތުރުކީގެ ގަލަތަސަރާއީއަށް ކުޅޭ މިޑްފީލްޑަރެކެވެ.

އަލްޖީރިޔާއަށް ލީޑު ފުޅާކުރަން ލައްކަ ގިނަ ފުރުސަތު ލިބުނެވެ. ބައެއްފަހަރު ގޯލް ދަނޑީގައި ޖެހިފައިވެސް ނިކުމެފައިވެއެވެ. މިކަހަލަ ގޮތަކަށް ކުޅެމުންގޮސް މެޗުގެ އޮއިވަރާ ޚިލާފަށް އައިވަރީ ކޯސްޓަށް އެއްވަރު ކުރެވުނީ ވިލްފްރިޑް ޒަހާގެ އެސިސްޓަކުން ޖޮނަތަން ކޮޖިއާ ޖަހައިދިން ގޯލަކުންނެވެ. މީނާއަކީ އިންގްލެންޑުގެ އެސްޓަންވިލާއަށް ކުޅޭ ފޯވާޑެކެވެ.

މިނަތީޖާގައި އޮވެގެން މެޗުގެ ވަގުތު ހަމަވީމާ ދެން ކުޅުނު އިތުރު ވަގުތުގައިވެސް އެއްވެސް ބަޔަކަށް އިތުރު ގޯލެއް ނުޖެހުނެވެ. އެހެންކަމުން ދެން ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ.

ސެމީފައިނަލުގެ ފުރަތަމަ މެޗުގައި އާދީއްތަ ދުވަހުގެ ރޭ އަލްޖީރިޔާ ނިކުންނާނީ ނައިޖީރިޔާއާ ދެކޮޅަށެވެ. ސެމީގެ ދެވަނަ މެޗުގައި އެރޭ ދަންވަރު ޓިއުނީޝިއާ ނިކުންނާނީ ސެނެގޯލާ ދެކޮޅަށެވެ.