ނަސާރާއިންގެ އެންމެ މުގައްދަސް ފައްޅި ކަމަށްވާ ވެޓިކަންގެ ރަސްމީ ގަބުރުސްތާނުގައި ވަޅުލެވޭ މައްޔިތުންގެ ކަށިތައް ބަޔަކު ވަގަށް ނަގާކަން ފަޅާއަރައިފިއެވެ.

މިކަން ފަޅާއެރީ 1983 ވަނަ އަހަރު ގެއްލިފައިވާ ފަނަރަ އަހަރުގެ އަންހެން ކުއްޖަކު މަރާލާފައި ވެޓިކަންގެ މި ގަބުރުސްތާނުގެ މަޒާރެއްގެ ތެރޭގައި ފޮރުވާފައިވާ ކަމަށް ތުހުމަތު ކުރެވިގެން ދެ މަޒާރެއް ހުޅުވައި ބެލިއިރު އެ ދެތަނުންކުރެ ތަނެއްގައި މީހަކު ވަޅުލެވުނު ކަމުގެ ނިޝާނެއްވެސް ފެންނާން ނެތުމުންނެވެ.

ވެޓިކަންގެ ޓިއުޓޯނިކް ގަބުރުސްތާނާކީ އެފައްޅީގައި މަސައްކަތްކުރާ އިސްމީހުންނާއި އިހުޒަމާނުގެ ޝާހީ އަމީރުންނާއި އަމީރާއިން ވަޅުލެވުނު ތަނެކެވެ. މިހާރު ހުންނެވި ޕޯޕް ފްރާންސިސްގެ ހުއްދަ ލިބިގެން ވެޓިކަންގެ އޮފިޝަލުންގެ ހާޒިރުގައި އިޓަލީގެ ފުލުހުން އިއްޔެ ދެ މަޒާރެއް ހުޅުވައި ބެލީއެވެ.

މިތަނުން އެއްތަނަކީ 1836 ވަނަ އަހަރު އަވަހާރަވި ޖަރުމަނުގެ އަމީރާއެއްކަމަށްވާ ޕްރިންސެސް ސޯފީގެ މަޒާރެވެ. އަނެއްތަނަކީ 1840 ވަނަ އަހަރު އަވަހާރަވި އޮސްޓްރިއާގެ އަމީރާއެއް ކަމަށްވާ ޕްރިންސެސް ކަރްލޮއްޓާގެ މަޒާރެވެ. އެކަމަކު މީންތަނަކުން އެހެން މީހެއްގެ ކަށިތައް ނުފެނުމުގެ އިތުރަށް މީން އަމީރާއެއްގެ ކަށިކޮޅެއްވެސް އެހެން އެއްޗެއްގެވެސް އަސަރެއް ނުފެނުނެވެ.

އިޓަލީގެ ފުލުހުން މިތަންތަން ބެލީ 1983 ވަނަ އަހަރު ގެއްލިފައިވާ އެމަނުއެލާ އޮލާންޑީ މަރާލާފައި މީންތަނެއްގައި އޭނާގެ ހަށިގަޑު ފޮރުވާފައިވާ ކަމުގެ ސިއްރު މައުލޫމާތު ލިބިގެންނެވެ. މިކުއްޖާއަކީ ވެޓިކަންގައި މަސައްކަތްކުރި މީހެއްގެ ދަރިއެކެވެ. އެއްދުވަހު ވެޓިކަނަށް ޒިޔާރަތްކޮށްފައި ގެއްލުނު ގޮތަށް ޚަބަރެއް ނުވީއެވެ.

ގެއްލުނު ކުއްޖާގެ ކަށިތައް ނުފެނުމުގެ އިތުރަށް ރަސްމީ އިއްޒަތުގައި އެތައް ބައެއްގެ ހާޒިރުގައި ވަޅުލެވުނު ދެ އަމީރާއިންގެ ކަށިތައްވެސް ނުފެނުމުން ޕޯޕް ފްރާންސިސް މިހާރު ހުންނެވީ ހައިރާންވެވަޑައިގެންނެވެ. މިތަނަކީ ވެޓިކަންގެ އިސްތިގުލާލުގެ ތެރޭގައި ހިމެނޭ ތަނެއްކަމަށްވާތީ މިކަން ތަހުގީގުކޮށް ބެލުމުގެ ބާރު އިޓަލީގެ ފުލުހުންނަކަށް ނެތެވެ. އެބާރު އޮތީ ޕޯޕް ފްރަންސިސްއާއި ވެޓިކަނަށެވެ. އެހެންކަމުން ވެޓިކަނަކީ ޖަރީމާތަކުގެ ހާއްޔެއްކަމަށް ހީކުރެވޭ ހީކުރެވުމުގެ ހަގީގަތް ދެނެގަތުމަށް ބޮޑު ތަހުގީގެއް ހިންގުމަށް ޕޯޕު މިހާރުވަނީ އަމުރު ކުރައްވައިފައެވެ.