ދިވެހި ކޮންމެ ޒުވާނަކީ، އަމިއްލަ އާމްދަނީގެ މައްޗަށް ދިރިއުޅުން ބިނާކުރާ، ޒިންމާދާރު މީހަކަށްވުމަށް، ރާއްޖޭގެ ހުރިހާ ޒުވާނުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިލްތިމާސް ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަމަށް އިލްތިމާސް ކުރެއްވީ ދުނިޔޭގެ އާބާދީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބުރާސްފަތި ދުވަހުގެ ރޭ ދަރުބާރުގޭގައި ބޭއްވެވި ޙަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އާބާދީ ދުވަހެއް ފާހަގަކުރުމުގެ އެންމެ މުހިންމު މަޤްޞަދަކީ ޤައުމުތަކުން ޙާޞިލްކުރާ އިންސާނީ ކުރިއެރުންތައް ފާހަގަކޮށް، އެކަން ދެމެހެއްޓުމަށް ހިތްވަރުދިނުމާއެކު، އާބާދީ އާއި ތަރައްޤީގެ ރާސްތާގައި ކުރިމަތިވާ މައްސަލަތައް ޙައްލުކުރާއިރު، ވަސީލަތްތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށާއި، މުހިންމު މައްސަލަތަކާ މެދު ޢާންމުން ހޭލުންތެރިކުރުވުން ކަމަށެެވެ.

ރައީސްގެ ވާހަކަފުޅުގައި މި ދާއިރާއިން ރާއްޖެ ހޯދާފައިވާ ކުރިއެރުމުގެ މައްޗަށްވެސް އަލިއަޅުވައިލެއްވިއެވެ. އެގޮތުން ވިހެއުމުގެ ތެރޭގައި މައިންނާއި ކުދިން މަރުވާ ނިސްބަތް ދަށްކުރެވި، އުފަންވާއިރު، ދިރިހުންނާނެކަމަށް ލަފާކުރެވޭ އެވްރެޖް ޢުމުރުގެ ނިންބަތް ގާތްގަނޑަކަށް 10 އަހަރަށް އިތުރުވެފައިވާކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ. މި ދާއިރާއިން ރާއްޖެ ކުރިއެރުންތަކެއް ހޯދާފައި ހުރިނަމަވެސް އަދިވެސް ގޮންޖެހުންތަކާއި ޙާޞިލުކުރަންޖެހޭ ލަނޑުދަނޑިތަކެއް ހުރިކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އެގޮތުން މުޖްތަމަޢުގައި ނާޒުކު ޙާލަތުގައި ތިބި އަންހެނުންނާއި، އަންހެން ކުދިންގެ އުފަންވެނި ޞިއްޙަތު ރަނގަޅުކުރުމަށް އަދިވެސް ގިނަ ކަންތައްތަކެއް ކުރަންޖެހޭކަމަށާއި ދެޖިންސުގެ ހަމަހަމަކަމަށްވެސް އިތުރަށް މަސައްކަތް ކުރަންޖެހޭކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އާބާދީގައި ބިދޭސީން ހިމެނޭ ނިސްބަތް މަތިވަމުން އަންނަކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެމީހުންގެ ފަރާތުން ރާއްޖޭގެ އިޤްތިޞާދަށް ފައިދާތަކެއް ލިބެމުންދާ ފަދައިން ރާއްޖޭގެ އާމްދަނީގެ ބޮޑު މިންވަރެއް އެމީހުންގެ ސަބަބުން ރާއްޖޭން ބޭރުވެގެން ވެސް ދާކަމަށެވެ. އެހެންކަމުން ރާއްޖޭން ބޭރުވާ މި ފައިސާ މަދުކުރުމަށް ވަޒީފާގެ ބާޒާރުގައި ބިދޭސީން މިހާރު އަދާކުރާ ދައުރު، ފުރިހަމަކުރާނެ ދިވެހީންތަކެއް އުފެއްދެން ޖެހޭކަން ރައީސް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ރާއްޖެއަށް ހިޖުރަކުރާ ބިދޭސީންނާއި، ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ދިރިއުޅުން ބަދަލުކުރާ މީހުންގެ ބޭނުން، ހެޔޮ ގޮތުގައި ހިފޭނެ ގޮތް ހެދުމަށްޓަކައި، މައިގްރޭޝަން ޕޮލިސީއެއް އެކުލަވައިލުމަށް ސަރުކާރުން ރާއްވަވާފައިވާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ. ހަމަ އެހެންމެ މަސައްކަތު އާބާދީގައި ދިވެހިންގެ ނިސްބަތް މަތިކުރުމުގެ ގޮތުން، ވަޒީފާ ދޭ ފަރާތްތަކާއި ބޭންކުތަކާ ގުޅިގެން، ސަރުކާރުން މަސައްކަތްތަކެއް ކުރަމުން އަންނަކަން ރައީސްގެ ވާހަހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ އާބާދީގައި ދުވަސްވީ މީހުން ހިމެނޭ ނިސްބަތް އިތުރުވަމުންދާކަން ފާހަގަކުރައްވަމުން 2054 ވަނަ އަހަރާ ހަމައަށް ދާއިރު އާބާދީގައި ހިމެނޭ ދޮށީ އުމުރުގެ މީހުންގެ ނިސްބަތް 14 އިންސައްތަ އިތުރުވާނެކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އެހެންކަމުން މިހާރު ރާއްޖޭގައި އޮތް މަސައްކަތްކުރާ ޢުމުރުގެ އާބާދީގެ އުފެއްދުންތެރިކަން އިތުރުކުރުމަށާއި، ފަހަށް ރައްކާކުރުމުގެ ސަޤާފަތް އަށަގެންނެވުމަށް، މިހާރުއްސުރެ ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ކުރިޔަށް އޮތް 35 އަހަރެއްހާ ދުވަހުވެސް، މިހާރެކޭ އެއްގޮތަށް ރާއްޖޭގެ މަސައްކަތްކުރާ ޢުމުރުފުރާ ގެ ނިސްބަތަށް ބަދަލެއް ނައިސް އޮންނާނެކަމަށް ލަފާކުރެވޭތީ އެއީ ލިބިފައި އޮތް ފަހި ފުރުޞަތެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެހެންނަމަވެސް އާމްދަނީ ލިބޭނެ މަސައްކަތެއްނުކޮށް، މައިންބަފައިންނާއި ބެލެނިވެރިންނަށް ބަރޯސާވެގެން އުޅޭ ޒުވާނުންގެ ނިސްބަތް މަތިވަމުންދާތީ އެކަމާ ހިތާމަކުރައްވާކަން ރައީސް ހާމަކުރެއްވިއެވެ. އަދި އެގޮތަށް ގިނަބަޔަކު ޤައުމީ އާމްދަނީގައި ޙިއްޞާނުވެ ތިބުމަކީ، އިޤްތިޞާދަށް ލޮޅުން އަރާނެ ކަމެއްކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޤައުމުގެ އުފެއްދުންތެރިކަން އިތުރުވެ ޤައުމު ތަރައްޤީވަނީ، މަސައްކަތްކުރާ ޢުމުރުގެ ވީހާ ގިނަ ބަޔަކު ޢަމަލީ މައިދާނަށް ނުކުމެ، ޙާލަތާ އެކަށޭނަ ގޮތަށް ސިޔާސަތުތައް ބަދަލުކޮށް، އަމިއްލަ މަސައްކަތާއިގެން ދިރިއުޅުމުގެ ފުރުޞަތުތައް ފަހިކޮށްދެވިގެންކަމަށެވެ. އަދި މި ކަންކަން ޙައްލުކުރުމަށްޓަކައި އެންމެ މުހިންމު އެއް ކަމަކީ، ރަސްމީ ތަޢުލީމީ ނިޒާމާއި މަތީ ތަޢުލީމާ އެކުއެކީގައި، މަސައްކަތުގެ ހުނަރު ދަސްކޮށްދިނުމުގެ ސިޔާސަތު ހަރުދަނާކުރުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ދުނިޔޭގެ އާބާދީ ދުވަސް ފާހަގަކުރުމަށް ބޭއްވެވި ޙަފުލާގައި ރާއްޖޭގެ އާބާދީއާ ތަރައްޤީއަށް އައިސްފައިވާ ބަދަލުތަކާބެހޭގޮތުން ތައްޔާރުކޮށްފައިވާ ރިޕޯޓް ރައީސުލްޖުމްހޫރިއްޔާ މިރޭ ނެރެދެއްވިއެވެ. އާބާދީ ދުވަހުގެ މުނާސަބާ ފާހަގަކުރުމަށް ބޭއްވި މިހަފުލާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމާއި ވަޒީރުންގެ މަޖްލީހުގެ ބައެއް މެންބަރުންނާއި ދަޢުލަތުގެ އެކިއިދާރާތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.