ރާއްޖެއާއި ކޮމަންވެލްތާއި އޮންނަ ގުޅުން ބަދަހިކުރުން އަވަސްކޮށްދިނުމަށް ގޮވާލި ގައުމުތަކަށް ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ޝުކުރު އަދާ ކުރައްވައިފިއެވެ.

އިނގިރޭސި ވިލާތުގައި ކުރިޔަށްދާ ކޮމަންވެލްތުގެ ގައުމުތަކުގެ ހާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި ކޮމަންވެލްތާއި ރާއްޖެއާއި އޮންނަ ގުޅުން ބަދަހިކުރުމަށް އެ ޖަމާއަތުގެ ބައެއް ގައުމުތަކުން ވަނީ ގޮވާލާފައެވެ. މިކަމަށް ގޮވާލާފައިވަނީ އިންޑިއާ، ޕާކިސްތާން، ބަންގްލަދޭޝް، ސްރީލަންކާ، ކެނެޑާ އަދި ރުވާންޑާއިންނެވެ.

ކޮމަންވެލްތާއި ރާއްޖެއާ އޮންނަ ގުޅުން ބަދަހިކުރުމަށް މި ގައުމުތަކުން ތާއިދުކުރުމުން އެކަމަށް ޝުކުރު އަދާ ކުރައްވާ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ ގައުމުތަކާއި ރާއްޖެއާއި ދެމެދުގައި އޮންނަނީ ވަރަށް ބަދަހި ގުޅުމެއް ކަަމަށެވެ. އަދި ރާއްޖޭގެ މުސްތަގުބަލަށް ވިސްނައި އެ ގައުމުތަކުން ގޮވާލި ގޮވާލުމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

ރާއްޖެއާއި ކޮމަންވެލްތާއި އޮތް ގުޅުން އަވަސްކޮށްދިނުމަށް ގޮވާލި ގައުމުތަކުގެ ތެރެއިން ލަންކާއިން ބުނީ ރާއްޖެ ކޮމަންވެލްތުން ވަކިވެފައިވާ ގޮތުގެ ސަބަބުން، ގެމްބިއާ އަލުން ކޮމަންވެލްތާއި ގުޅުމަށް ގެންގުޅުން “ފާސްޓް ޓްރެކް”ގެ ފުރުސަތު ރާއްޖެއަށްވެސް ދޭން ޖެހޭ ކަމަށެވެ. އަދި އަހަރު ކިގާލީ ގައި ބާއްވާ ކޮމަންވެލްތު ހެޑްސް އޮފް ގަވަރމަންޓް މީޓިންގައި ރާއްޖެ އަށް ބައިވެރިވެވޭނެ ވަގުތު އޮއްވައި ރާއްޖެއަށް މެމްބަރޝިޕް ދިނުމަށްވެސް ލަންކާއިން ގޮވާލިއެވެ.

ކޮމަންވެލްތުގެ މެމްބަރުކަމުން ރާއްޖެ ވަކިވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގައެވެ. ރައީސް ޔާމީން މި ނިންމެވުން ނިންމަވާފައިވަނީ އޭރު ރާއްޖޭގެ ސިޔާސީ މަސްރަހު ނާޒުކު ފައްތަރެއްގައި އޮތް އިރު ކޮމަންވެލްތުން ރާއްޖޭގެ ދާހިލީ ކަންކަމަށް ވަންނަ ކަމަށް ބުނެއެވެ.

ނިމިދިޔަ ސަރުކާރުގައި ރާއްޖޭގެ ހާރިޖީ ގުޅުންތައް ވަރަށް ބޮޑަށް ހީނަރުވެފައިވީ އިރު މި ސަރުކާރުން ވަނީ އެ ގުޅުންތައް ވަރުގަދަ ކުރާނެ ކަމަށް ވައުދުވެފައެވެ. އެގޮތުން ކޮމަންވެލްތާއި ރާއްޖެއާއި އަލުން ގުޅުން ބަދަހި ކުރާނެ ކަމަށް ވައުުދުވެ ރައީސް ވަނީ އެމަނުކުފފާނުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައިވެސް އެކަން ހިމަނުއްވާފައެވެ.

ސަރުކާރުގެ މި ވައުދު ފުއްދުމުގެ ގޮތުން މިިޔަ އަހަރުގެ ޑިސެމްބަރު މަހުގައި ސަރުކާރުން ވަނީ ކޮމަންވެލްތާއި އަލުން ގުޅުމަށް ހުށަހަޅާފައެވެ. އަދި ކޮމަންވެލްތުން ވަނީ މި ހުށަހެޅުމް ބަލައިގަނެ އެ ޖަމާއަތާއި ގުޅުމުގެ ޝަރުތުތައް ހަމަވޭތޯ ބެލުމަށް ރާއްޖެ ޒިޔާރާތް ކޮށްފައެވެ.