ބަތަލާ އައިލެންޑްގެ ނަމުގައި ކުރިން ހިންގި ރިސޯޓު "ސޭންޑީޒް ބަތަލާ" ގެ ނަމުގައި އަލުން ހުޅުވައިފި އެވެ.

ބަތަލާ އައިލެންޑަކީ ތްރީއޭ ކުންފުނިން މިދިޔަ އަހަރު ސުވިޒަލެންޑުގެ ޕްލޭން ހޮޓެލް ހޮސްޕިޓަލިޓީ ގްރޫޕަށް ކުއްޔަށް ދީީފައިވާ ރިސޯޓެކެވެ. އެހެންކަމުން އެކުންފުނިން ވަނީ ބަތަލާ އައިލޭންޑުގެ ނަން "ސޭންޑީޒް ބަތަލާ" އަށް ބަދަލުކޮށްފައެވެ.

ތިންތަރީގެ މިރަށް އެ ކުންފުނިން ކުއްޔަށް ނަގައި ރިސޯޓަށް ބޮޑު ބަދަލުތަކެެއް ގެނެސް މިހާރު ރިސޯޓުވަނީ ހަތަރު ތަރީގެ ރިސޯޓަކަށް ބަދަލުކޮށްފައެވެ.

ކުރިން މި ރިސޯޓަކީ މޫދު ކޮޓަރި ހުރި ރިސޯޓެއް ނޫނެވެ. އެހެންނަމަވެސް ޕްލޭން ހޮޓެލް ހޮސްޕިޓަލިޓީ ގްރޫޕުން އެރަށަށް ގެނެސްފައިވާ ބަދަލުތަކުގެ ތެރޭގައި މިރަށުގައި މޫދު ކޮޓަރިތަކެއް ވަނީ އަޅާފައެވެ. މިރިސޯޓުގައި މޫދު ކޮޓަރި އާއި ބީޗު ކޮޓަރިތައް ހިމެނޭ ގޮތަށް ޖުމުލަ 73 ކޮޓަރި ހުރެއެވެ.

ބަލަތާ އައިލެންޑަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން 15 މިނެޓުން ދެވޭ ރިސޯޓެކެވެ.

ސޭންޑީޒް ބަތަލާ ރިސޯޓު އަލުން ހުޅުވިއިރު، ޑައިވް ސެންޓަރާއި ދިވެހި ކެއުންތައް ހިމެނޭ ރެސްޓޯރެންޓުތައް އަދި ޖިމް ފަދަ ގިނަ ވަސީލަތްތައް ހުރެއެވެ.

މި ރިސޯޓު މިހާރު ހިންގާ ޕްލޭން ހޮޓެލް ހޮސްޕިޓަލިޓީ ގްރޫޕުން ރާއްޖޭގައި އިތުރު ދެރިސޯޓު ވެސް ހިންގައެވެ. އެއީ އދ. އަތޮޅުގައި ހިންގާ ޑައިމަންޑްސް ތުނޑުފުއްޓާއި ޑައިމަންޑްސް އަތުރުގާ އެވެ.