ބާ ކައުންސިލަށް ވާދަކުރަން ހުށަހަޅުއްވާފައިވާ ވަކީލުންގެ ތެރެއިން ބޭފުޅެއްގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބާތިލްކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ، ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރެއްގެ ގޮތުގައި ކުރިމަތިލުމަށް، ހުށައެޅި އަލީ ނަސީރު ގާސިމްގެ ނަން އެ ކޮމިޝަނުން ކުރިން ގަބޫލު ކުރި ނަމަވެސް، ކޮމިޝަނުން ފަހުން ބެލިބެލުމުން އޭނާއަކީ އެ މަގާމަށް ކުރިމަތިލުމަށް ޝަރުތު ހަމަވާ ބޭފުޅެއް ނޫންކަން ކަށަވަރު ކުރެވިފައިވާ ކަމަށެވެ. އެހެންކަމުން އަލީ ނަސީރުގެ ހުށަހެޅުން ބާތިލުކޮށްފައިވާ ކަމަށެވެ.

އަލީ ނަސީރުގެ ކެންޑިޑެސީ ބާތިލުކުރި ނަމަަވެސް އިންތިހާބުގައި ވާދަކުރާ އެހެން ކެންޑިޑޭޓުންގެ ކެންޑިޑޭޓް ނަންބަރުތަކަށް ބަދަލު ނާންނާނެ ކަމަށް އީސީން ވަނީ ބުނެފައެވެ.

ބާ ކައުންސސިލް އިންތިޚާބުގައި 23 ބޭފުޅަކު ވާދަކުރައްވާނެ ކަމަށް އީސީން ކުރިން ވަނީ ބުނެފައެވެ. އެހެން ނަމަވެސް އެއް ބޭފުޅެއްގެ ކެންޑިޑެސީ ބާތިލުކުރުމާ ގުޅިގެން ދެން އިންތިހާބުގައި ވާދަކުރައްވާނީ 22 ބޭފުޅުންނެވެ.

އިންތިޚާބުގައި ރާއްޖޭގައި ގާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ އޮންނަ 1،600 ވަކީލުންނަށް ވޯޓުލެވެއެވެ. އެ އިންތިޚާބަށް 1.2 މިލިއަން ރުފިޔާގެ ބަޖެޓެއް އިލެކްޝަންސް ކޮމިޝަނުން ވަނީ ހަމަޖައްސާފަ އެވެ.

ބާ ކައުންސިލްގެ ރައީސް ކަމަށް ދެބޭފުޅަކު ވާދަކުރައްވާއިރު، ނާއިބު ރައީސް ކަމަށްވެސް ދެބޭފުޅަކު ވާދަކުރައްވަ އެވެ. ކައުންސިލްގެ މެންބަރު ކަމަށް ވާދަކުރައްވަނީ 18 ބޭފުޅެކެވެ.

ރައީސް ކަމަށް ވާދަކުރައްވަނީ ކުރީގެ ބަންޑާރަ ނާއިބު ހުސްނުއްސުއޫދު އަދި ގާނޫނީ ވަކީލް މައުމޫން ހަމީދެވެ. ނާއިބު ރައީސް ކަމަށް ވާދަކުރައްވަނީ ކުރީގެ އޭޖީ އަބްދުﷲ މުއިއްޒު އަދި ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމް \އެވެ.

މި އިންތިހާބު މާލެ އާއި އައްޑޫގައި ވޯޓްފޮށި ބަހައްޓައިގެން ކުރިއަށް ގެންދަން ނިންމާފައި ވާއިރު، އައްޑޫގައި ބަހައްޓަނީ އެންމެ ވޯޓު ފޮއްޓެކެވެ. އެ ފޮށި ހުންނާނީ ޝަރަފުއްދީން ސްކޫލުގަ އެވެ.

މާލޭގައި ދެ ވޯޓު ފޮއްޓެއް ބަހައްޓާއިރު، ވޯޓުލުން އޮންނާނީ އިންތިޚާބާބެހޭ މަރުކަޒު ހުންނަ ބާ ޖަމާލުއްދީންގަ އެވެ.

އީސީން މައުލޫމާތުދޭ ގޮތުގައި ބާ ކައުންސިލް އިންތިޚާބުގައި 13 އޮފިޝަލުން ހަރަކާތްތެރިވާނެ އެވެ.

ބާ ކައުންސިލްގެ ރައީސް އާއި ނާއިބު ރައީސް އަދި ބަންޑާރަ ނައިބާއެކު، އެ ކައުންސިލްގައި ނުވަ ބޭފުޅުން ތިއްބަވާނެ އެވެ. އޭގެތެރެއިން ބަންޑާރަ ނާއިބު ފިޔަވާ ހުރިހާ ބޭފުޅުންނަކީ ވެސް އިންތިހާބު ކުރާ ބޭފުޅުންނެވެ.

ބާ ކައުންސިލްގެ އިންތިހާބު މާދަމާ ބާއްވާއިރު، އިންތިޚާބުގެ ވޯޓުލުމަށް ހުރިހާ ތައްޔާރީތަކެއް ވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.