އަތޮޅުތަކަށް ނިސްބަތްވާ މީހުން ދެރަކޮށް ނިކަމަތިކޮށްލުމުގެ ގޮތުން ވެރިރަށް މާލޭ މީހުން ބުނެއުޅުނު ބަހެކެވެ. ބީރައްޓެއްސެއްވިއްޔާ ފަސްކުޅަނދު މަދުވާނެއެވެ. މާނަޔަކީ ރާއްޖެތެރޭ މީހުން ގަމާރުވާނެއެވެ. ކަންކަން މޭރުންވުން ކުޑަވާނެއެވެ. ވިސްނައިދިނަސް ނުވިސްނޭނެއެވެ.

މިބަސް އުފެދިގެންއައި ގޮތާއި ސަބަބުތަކަށް ވިސްނައިލީމާ ސިފަވެގެން ތިލަވެގެން އަންނަނީ ދެކަމެކެވެ. އެއްކަމަކީ މާލެއާއި އަތޮޅުތަކުގެ ތަފާތެވެ. އަނެއްކަމަކީ އަތޮޅުތައް ހިންގުމުގައި ސަރުކާރުން ގެންގުޅުނު ވިޔާނުދާ ދޯހަޅި ސިޔާސަތެވެ.

މިހާރެކޭ އެއްގޮތަށް އޭރުވެސް އަތޮޅުތަކާއި ފުރަމާލޭގެ ތަފާތު ވަރަށް ބޮޑެވެ. އަތޮޅުތަކަކީ ވަކި ބައެކެވެ. އެއީ ރާއްޖެތެރެއެވެ. މާލެއަކީ ރާއްޖެތެރެއިން ވަކިކުރެވި އިސްތިސްނާ ކުރެވި އިމްތިޔާޒު ދެވިފައިވާ ރަށެކެވެ. މާލޭގެ ނަމުގެ ކުރިޔަށް އިހު ބޭނުންކުރި ފުރަ މި ބަހުގެ ލަފްޒީ މާނަޔަކީވެސް އެއީއެވެ.

ބޭރުދުނިޔެއާއި ރާއްޖޭގެ ދަތުރުފަތުރު ފެށެނީވެސް ނިމެނީވެސް މާލެއާ ހަމައިންނެވެ. އެހެންވީމާ އާއެއްޗަކަސް އާކަމަކަސް ފެންނާނީ މާލެއިންނެވެ. މިއިން އަސަރެއް މާލެއަށް ފައިބައި ހުންނަ ރާއްޖެތެރޭގެ ބީރައްޓެހި ކަލޭގެއަށް އަލަށް ފެނުނީމާ ލައްކަ އަޖައިބުވުމަކާއި ހައިރާންކަމެެއް ހުންނާނެތާއެވެ. އެކަން އެވީ ފަސްކުޅަނދު މަދުވުމަކަށެވެ.

ބޭފުޅިޒަމްގެ ބަހުރުވަޔާއި އިމްތިޔާޒުތައް އޮތީ މާލޭގައެވެ. ބީރައްޓެހި ކަލޭގެޔަށް އަވަހާރަވުމާއި އަވަހާރަފުޅުލެއްޕެވުމާއި އަވަހާރަގޮނޑީގެ ތަފާތު މޭރުމެއް ނުވާނެއެވެ. އެކަންވެސް އެއީ ފަސްކުޅަނދު ހަމަނުވުމެވެ. ދެންއެވީ ފެންނަހާތާކުން ހޯއްގޮވައި މަލާމާތްކުރާށެވެ.

އަތޮޅުތައް ހިންގުމުގައި އޭރު އޮންނަނީ ހިތަށް އެރުމުން ހިތަށް އެރިގޮތެކެވެ. ރަށެއްގެ ވެރިޔަކު މާލެ އައުމުން އަތިރީގޭ ބޭރުފެންޑާގައި ހުންނަ އަދަރާދަގޮނޑިއަކަށް ފޫހަރައިލަން ފުރުސަތެއް ލިބިދާނެއެވެ. އެއީ ބޮޑުވަރެކެވެ. ގިނަފަހަރަށް އެފުރުސަތުވެސް ނުލިބޭނެއެވެ. އަތޮޅުތެރޭގައި ހިކުމަތްތެރިޔަކު ހުރެގެންނުވާނެއެވެ. ހުއްޓަދީގެންވެސް ނުވާނެއެވެ. އުތުރުގަޑުބަޑާއި ދެކުނުގަޑުބަޑުގެ ތާރީޚަށް ފީނައިލީމާ މިދެންނެވި އެއްޗެއް ވަރަށް ރަގަޅަށް ސާފުވާނެއެވެ.

ސަރުކާރުގެ ވެރިންނަށް ރާއްޖެތެރެ ވިސްނިފައިއޮތްގޮތް މީރުބަހުރު މުހައްމަދު އިސްމާއީލްދީދީ ލިޔުއްވި ދޮންތުއްކަލާގެ އައްޑޫ ދަތުރު މިފޮތުގައި އެވަނީ ވަރަށް ފުރިހަމަޔަށް ކުރެހިގެންނެވެ. މި މުހައްމަދު އިސްމާއީލްދީދީއަކު ދެކުނުގެ ހަތަރުފަސް އަތޮޅަކަށް ވަޑައިގަތީ ވަޒީރެއްގެ ގޮތުގައި ކަންކަން ބައްލަވައި އިރުޝާދު ދެއްވުމަށެވެ. މީނާ ރަށްރަށަށް ވަޑައިގެން ކަތީބުންނާއި މުދިމުންގެ ގޭގެއިން އެމީހުންގެ ޚަރަދުގައި ކުކުޅު ފަރީއްކުޅުއްވައިގެން ކުރެއްވިހާވެސް ކަމަކީ އެމީހުންނަށް ފާޑުވިދާޅުވެ މަލާމާތް ކުރެއްވުމެވެ.

ސަރުކާރުން ލޯލާރިއެއް ޚަރަދުކުރި މަދަރުސާއެއް މަކުތަބެއް އަތޮޅުތެރެއަކު ނެތެވެ. މުސާރަދިން މުދައްރިސަކު ނެތެވެ. އެކަމަކު ސަރުކާރުން ތައުލީމަށްކުރާ ހޭދައަށް ޝުކުރުވެރިވެ ކިޔެވުމާއި ކިޔަވައިދިނުން މަތިކުރުމަށް އިންޒާރުދެއްވިއެވެ. މަދަރުސާ ކުދިން މި ދީދީ ރުއްސުމަށް ޕެރޭޑު ޖެއްސީމާ އެއްވަރުނުވާ ވާހަކަޔާއި އާޖުފާޖުނެތްކަމުގެ ވާހަކައިން ކުރެއްވީ މަލާމާތެވެ.

ގޭގޭގެ ހަނޑަަސްބުރިން ދުވާ ވަހުގެ ވާހަކަޔާއި މަދިރިގޭގެ ދާކަމުގެ ވާހަކަ ލިޔުއްވައި ކަންނެތްކަމާއި ވިޔާނުދާކަމަށް އިޝާރާތްކުރެއްވިއިރު ފުރަމާލޭގައި އެކަންކަން ހުރިނެތްގޮތް ހަނދުމަފުޅެއްވެސް ނެތެވެ. މިހެންގޮސް ކިތަންމެ ކަމެކެވެ. މިދީދީ ހިތްޕުޅުން އެއީ ވިލާތުގެ ސައްޔާހެކެވެ.

އޭގެ މާފަހުން ރައީސް މައުމޫނުގެ ވެރިކަމުގެ ތަންކޮޅެއް ކުރީކޮޅު ޒާތެއްގެ ނުރައްކާތެރި ރޯގާއެއް މާލެއާއި އަތޮޅުތެރޭގައި ފެތުރި އެތައް ބަޔަކު މަރުވެއްޖެއެވެ. މިރޯގާއެއް ރާއްޖެއައީ ބޭރުންނެވެ. އަތޮޅުތެރެޔަށް ދިޔައީ މާލެއިންނެވެ. މިކަމަކުން މިންޖުވާން ސަރުކާރަށް ވިސްނުނު އެންމެ މޮޅު ބުއްދިޔަކީ ރަށްރަށުގެ މީހުން ހަމަހިތަށް އެރީމާ މާލެ ނާދެވޭގޮތް ހެދުމެވެ. ރަށު އޮފީހާއި އަތޮޅު އޮފީހުން ސިއްކަޖަހައި އުޅަނދުގެ މާލިމީ ޒިންމާވާގޮތަށް ކުޑަސިޓީ ހަދައިގެން ނޫނީ މާލެ ނޭރޭގޮތް ހެދުމެވެ.

ބޭރުމީހުން ރާއްޖެ އަންނަން ވިސާ ހެއްދުމަށްވުރެ މިއީ އުނދަގޫ ކަމެކެވެ. މިނިޒާމު ތައާރަފުކުރީމާ އެއީ މާލޭ މީހުންގެ ހައްގުތަކަށް ރައްކާތެރިވުމުގެ ގޮތުން އެހާތަނަށް ސަރުކާރަކަށް އެޅުނު އެންމެ ބަރާބަރު އެންމެ ފުރިހަމަ ފިޔަވަޅު ކަމަށް ސިފަކޮށް މާލޭގެ ކަމުވޮށިގެންވާ ބައެއް މީހުން ނޫސްތަކުގައި ލިޔުނު ބައެއް ލިޔުން އަޅުގަޑުވެސް ދުށީމެވެ.

މިކަންކަމުން އެނގި ސާބިތުވަނީ ރާއްޖެތެރޭ މީހުންގެ ކުޅަނދު ހަމަނުވާކަމާއި ހަމަވެގެން ފަރުޖެއްސެން ނެތްކަމެވެ. އަދި އެއީ ސަރުކާރުގެ ސިޔާސަތުގެ ބައެއްކަމެވެ. ސިޔާސަތު ބައްޓަންކޮށް ތަންފީޒުކުރެވެމުންއައީވެސް މި މިސްރާބުންކަމެވެ.

ދެން މިހާރު މިކަންއޮތީ ކޮންގޮތަކަށްކަން ބަލައިލަމާބަހީއެވެ. ރައްޔިތުންނާ ވީހާވެސް ގާތުން ޚިދުމަތްދީ މާލޭގައި ހިފެހެއްޓިފައި އޮންނަ ބައެއް ބާރުތައް އަތޮޅުތަކާއި ރަށްރަށަށް ދީގެން ވެރިކަން ކުރުމުގެ ނިޔަތުގައި ކޮންމެވެސްބަޔަކު އައުނިޒާމެއް ތައާރަފުކޮށްފިއެވެ. މިއަށް ކިޔަނީ ލާމަރުކަޒީ ނިޒާމެވެ. މިނިޒާމުގެ ދަށުން ކައުންސިލްތައް އިންތިޚާބުކޮށް އެ ކައުންސިލްތަކަށް ގާނޫނީ ބާރުތަކެއްވެސްދީ އައުކަންތައްތަކެއް ފަށައިގެންފިއެވެ.

ދެންވީގޮތަކީ މާލޭގައި ވެރިކަންކުރަން ތިބޭ ބަޔަކާއި އެއްކަލަ ކައުންސިލްތައް މުޑިއަރައި އަރައިރުންތައް ފެށުނީއެވެ. ކަލޭމެންނަކީ އަމިއްލަ ކަންތައްވެސް އަމިއްލަޔަށް ނުކުރެވޭ ބައެކޭ ބުނެފައި އިސާހިތަކު މާލެއިން ހެދިގޮތަކީ ކައުންސިލްތަކުގެ ފިޔަކޮށާލައި ސައިޒުކޮށް ނިންމާލީއެވެ. މުސާރަތައްވެސް ކުޑަކޮށް ހިތަށްއެރީމާ އެރިވަގުތަކު ކައުންސިލަރުން ސަސްޕެންޑުކޮށް މިޒާތަކުން އުޅެގަތީއެވެ.

މިކަންކުރަނީ ލޯކަލް ގަވަރމަންޓް އޮތޯރިޓީއޭ ކިޔާ ތަނަކުންނެވެ. އެއީ ގަވަރމަންޓެންގެ ތެރެއިންވެސް ގަވަރމަންޓެކެވެ. އޮތޯރިޓީތަކުގެ ތެރެއިންވެސް އޮތޯރިޓީއެކެވެ. މިތަނުގެ ވެރިޔަކީ ރައީސުލްޖުމްހޫރިއްޔާ އެވަގުތަކު ހަމަޖައްސަވާ ކޮންމެވެސް ވަޒީރެކެވެ.

ލާމަރުކަޒީ ނިޒާމަށް ފޫޅުކަނޑައިގެން ތިބެ ޗަރުކޭސް ކުޅެމުންއައިސް މައިސަރުކާރު ބަދަލުވެއްޖެއެވެ. ހަމަ ބަދަލުވުމާއެކު ދަރުބާރުގޭގައި މަހާސިންތާއެއް ފަށައި ލާމަރުކަޒީ ނިޒާމުގެ ރޫހާއެއްގޮތަށް އެޔަށް އަލުން ފުރާނަދޭނޭ ގޮތަކާމެދު ރައްޔިތުންގެ ޚިޔާލަށްވެސް ހުޅުވާލައިފިއެވެ. މައުޟޫއަކީ މިއެވެ. ލޯކަލް ގަވަރމަންޓް އޮތޯރިޓީން ކައުންސިލްތަކަށް ދޭންވީ ކިހާ މިންވަރެއްގެ ބާރުތަކެއް ހެއްޔެވެ.

އަޖައިބު ހީވެއެވެ. މިއުޅެނީ މޮހޮނަށް އޮޑިދޭން ބާވައެވެ. މައުޟޫއަކަށްވާންވީ އަތޮޅުތަކުން މާލެއަށް ބާރުތަކާއި އިޚުތިޔާރު ދޭންވީ މިންވަރަކެވެ. އެހެނީ ރައްޔިތުންގެ މެޖޯރިޓީ ނިސްބަތްވަނީ އަތޮޅުތަކަށެވެ. ރާއްޖޭގެ މުޅި ސަރަހައްދުގެ ތެރެއިން ނުވަދިހަނުވަ އިންސައްތައަކީ އަތޮޅުތަކެވެ. އެހެންވީމާ މާލެއަށް ދޭނޭ ބާރުތަކާއި އެބާރުތަކުގެ ހުދޫދު ނިންމަންވާނީ މެޖޯރިޓީންނެވެ.

އެކަމަކު ހިތާމަޔަކީ މިކަންވެސް އިދިކޮޅަށް ގެންދިޔުމުގެ ވިސްނުން ނޫން އެހެން ވިސްނުމެއް ނެތުމެވެ. އަދިވެސް ކުޅަނދު ހަމަނުވަނީ ތޯއްޗެކެވެ. އެއްޗެއް ދޭން ރުހެވެނީ މޮހޮނަށް އޮޑިދިން އުސޫލުންނެވެ. އެއީ އެއްވެސް ބޭނުމެއް ނުހިފޭގޮތަށް އަދި އިޚުތިޔާރެއްވެސް ނެތްގޮތަށް ދިނުމެވެ.