ގަލްފު ސަރަހައްދުން އެމެރިކާ އާއި އިނގިރޭސިން ފެއްސިގެން ދިއުމަށް އަންގައި އީރާނުން އިންޒާރު ދީފިއެވެ.

އީރާނުގެ ޚާރިޖިއްޔާގެ ތަރުޖަމާނު އައްބާސް މޫސަވީއާ ހަވާލާދީ އެތާގެ ރަސްމީ ނޫސް އެޖެންސީން މިއަދު ބުނެފައިވަނީ އީރާނާއި އެސަރަހައްދުގެ ގައުމުތަކަށް ގަލްފުކަނޑުގައި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ ކެރިކުޅަދާނަކަން ލިބިގެންވާކަމަށެވެ. އެހެންވީމާ ޒާތްޒާތުގެ ބަހަނާތައް ދައްކައިގެން އެސަރަހައްދުގައި ހުޅަނގުގެ ބާތުރުތައް ދެމިތިބުން ދެން ބަލައިނުގަނެވޭނެ ކަމަށްވެސް މޫސަވީ ވިދާޅުވިއެވެ.

ގަލްފުން އިނގިރޭސިންނާއި އެމެރިކާނުން ފެއްސިގެންދާން އީރާނުން ގޮވާލާފައިމިވަނީ މެދުތެރޭކަނޑުގެ އަނގަމަތިން އީރާނުގެ ތެޔޮ ޓޭންކަރެއް އިނގިރޭސި ސިފައިން ފޭރިގަތުމާގުޅިގެން މަސްރަހު ވަރަށް ގޯސްވެފައިވަނިކޮށެވެ. މިކަމުގެ ބަދަލުގައި އިނގިރޭސީންގެ ޓޭންކަރެއް ފޭރިގަންނާނޭ ކަމަށް އީރާނުންވެސް ބުނެފައިވަނިކޮށެވެ.

ގަލްފު ކަނޑުން ދަތުރުކުރި އިނގިރޭސި ޓޭންކަރެއް ފޭރިގަތުމަށް އީރާނުން އިއްޔެ މަސައްކަތް ކުރިކަމަށާއި އެކަމަކު އެދޭތެރެޔަށް އިނގިރޭސި ހަނގުރާމަމަތީ ބޮޑު މަނަވަރެއް ވަދެގެން އެކަން އީރާނަށް ނުކުރެވުނީ ކަމަށް އިނގިރޭސި ދިފާއީ ވުޒާރާއިން އިއްޔެ ބުންޏެވެ. މިބުނުން އީރާނުން ވަނީ ވަގުތުން ދޮގުކޮށްފައެވެ.

އީރާނުގެ ޚާރިޖިއްޔާގެ ތަރުޖަމާނު މިއަދު ވިދާޅުވީ ކަނޑުފޭރެވުނު އީރާނުގެ ޓޭންކަރު ހަމަ މިހާރުން މިހާރަށް ދޫކޮށްލަން ޖެހޭނެ ކަމަށާއި އެމެރިކާއާ ބައިވެރިވެގެން އިނގިރޭސިން ކުޅެން ދިމާކުރީ ނުރައްކާތެރި ކުޅިވަރެއް ކަމުގައެވެ. އޭގެ ނަތީޖާ އިނގިރޭސިވިލާތަށް ވަރަށް ހިތިވާނޭކަމަށްވެސް އޭނާ ވިދާޅުވިއެވެ.