އެތައް މިލިއަން ރައްޔިތުންނެއް ދިރިއުޅޭ ޤައުމެއް ކަމަށްވާ އިންޑިއާގެ އާބާދީގެ ބޮޑު ބައެއް، އާމްދަނީ ހޯދުމަށް ކުރާ މަސައްކަތަކީ ދަނޑުގޮވާން ކުރުމެވެ. ނަމަވެސް، ފަހަކަށް އައިސް ދަނޑުވެރިކަމުގެ ސިނާއަތަށް ވަނީ ބޮޑެތި ދަތިތަކަކާއި ކުރިމަތިވެފައެވެ. ޚާއްސަ ގޮތެއްގައި، ވާރޭ ނުވެހި ގިނަ ދުވަސްވުމުގެ ސަބަބުން ހަނަފަސްވުން މިއީ، ދަނޑުވެރީންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައެވެ.

ހޫނު މޫސުމުގައި، ދަނޑުތަކަށް ފެން ދޭން ބޭނުންކުރާ ފެންގަނޑުތައް ހިކެއެވެ. އެހެންކަމުން، ދަނޑުތަކަށް ފެން ދިނުމަށް ދަނޑުވެރީން ފެން ހޯދަނީ ފެން ވަޅުތައް ކޮނެ، އެތަކެތީގެ ޒަރީއާއިންނެވެ. އަދި، މި ވަޅުތަކުން ފެން ގެނުމަށް ބޭނުންކުރަނީ އަގުބޮޑު، އަދި ތިމާވެއްޓާއި ބީރައްޓެހި ޑީސަލް ޕަމްޕުތަކެވެ. ނަމަވެސް، މި މައްސަލައަށް މިހާރު މިވަނީ ދެމެހެއްޓެނިވި ހައްލެއް ހޯދާފައެވެ.

މިކަމަށް ހައްލު ހޯދައިދީފައި ވަނީ އިންޑިއާގެ ކުންފުންޏެއް ކަމަށްވާ ކެތްވަރކްސްއެވެ. އެ ކުންފުނިން އުފައްދާފައި ވަނީ، އަހަރުގެ ހުރިހާ ދުވަހެއްގައިވެސް ދަނޑުތަކަށް ފެން ދެވޭނެ ދެމެހެއްޓެނިވި ނިޒާމެކެވެ. އިންޑިއާގެ ގިނަ ހިސާބުތަކަކީ އަހަރުގެ ހުރިހާ ދުވަހެއްގައިހެން އަވިދޭ ހިސާބުތަކެކެވެ. އަދި، ކެތްވަރކްސްއިން ދަނޑުވެރީންނަށް ހައްލު ހޯދައިދެނީ އިރުގެ އަވި ބޭނުންކޮށްގެންނެވެ.

ކެތްވަރކްސްއިން ވަނީ އިރުގެ ހަކަތަ ބޭނުންކޮށްގެން ދަނޑުތަކަށް ފެންދޭނެ ނިޒާމެއް އުފައްދާފައެވެ. "ދަނޑުތަކަށް ފެން ދިނުމަށް އޮތް ހުރަހަކީވެސް އިރުގެ ހޫނުގެ ސަބަބުން ފެންގަނޑުތައް ހިނދުން. އެހެންވީމަ، މިކަމަށް ހައްލެއްގެ ގޮތުގައިވެސް ބޭނުން ކުރުން އެންމެ ރަނގަޅީ އިރުގެ ހަކަތަ. ދަނޑުތަކަށް އެންމެ ގަދައަށް ފެން ބޭނުންވާނީ ހޫނު ގަދަ ދުވަސްތަކުގައި. އެހެންވީމަ، މި ނިޒާމު ބޭނުންކޮށްގެން، ދަނޑުތަކަށް އެންމެ ގިނައިން ފެން ފޯރުކޮށްދެވޭނީވެސް ހޫނު ގަދަ ދުވަސްތަކުގައި،" ކެތްވަރކްސްގެ އެއް ބާނީ އަދި ސީއީއޯ ކޭޓީ ޓެއިލަރ ބުންޏެވެ.

އިންޑިއާގެ ގިނަ ސަރަހައްދުތަކަށް ވިއްސާރަ މޫސުން ދެމިގެންދަނީ އެންމެ ހަތަރު މަހަށެވެ. އަދި، އަހަރުގެ ބާކީ އޮތް މަސްތަކަކީ ހޫނު ގަދަ، އަވިދޭ މަސްތަކެކެވެ. އެހެންކަމުން، ދަނޑުވެރިކަން ކުރުމުގައި ދެމެހެއްޓެނިވި ގޮތްތަކެއް ބޭނުންކޮށް، ތިމާވެއްޓާއި ރަހުމަތްތެރި ގޮތެއްގައި މިކަން ކުރުމަށް އިރުގެ ހަކަތަ ބޭނުންކުރުމަކީ މިކަމަށް އެންމެ އެކަށީގެންވާ ގޮތެވެ.