ބާ ކައުންސިލް އިންތިޚާބަށް 4506 ވޯޓްކަރުދާސްކޮޅު ޗާޕުކޮށްފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ 2019 ޖުލައި 13 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ އިންތިޚާބުގެ ވޯޓުނެގުމަށް ބޭނުންވާ ވޯޓު ކަރުދާސް ޗާޕުކޮށްފައިވާކަމަށެވެ. މި ވޯޓު ކަރުދާސް ޗާޕުކޮށްފައިވަނީ ދިވެހިރާއްޖޭގެ ޗާޕުޚާނާއެއްކަމުގައިވާ، ނޮވެލްޓީ ޕްރިންޓަރސް އެންޑް ޕަބްލިޝަރސް ޕްރައިވެޓް ލިމިޓެޑުންކަމަށްވެސް އީސީއެމުން ވަނީ ބުނެފައެވެ.

ޗާޕުކޮށްފައިވާ ވޯޓު ކަރުދާހުގެ ޖުމްލަ ޢަދަދަކީ 4,506 (ހަތަރުހާސް ފަސްސަތޭކަ ހައެއް)ކަމަށްވެސް އެ ކޮމިޝަނުން ބުނެއެވެ.

ބާ ކައުންސިލްގެ އިންތިޚާބަށް ރައީސްކަމުގެ މަގާމަށް ދެ ބޭފުޅަކު، ނާއިބުރައީސްގެ މަގާމަށް ދެ ބޭފުޅަކާއި އަދި އިތުރު 19 ބޭފުޅަކު ވަނީ ކުރިމަތިލައްވާފައެވެ. ރައީސާއި ނާއިބުރައީސް، މިއިން ކޮންމެ މަގާމަކަށް އެކަކު އިންތިޚާބު ކުރުމަށް ވަނީ ހަމަޖައްސާފައެވެ. އަދި އިތުރު މެމްބަރުންގެ ގޮތުގައި ހަބޭފުޅަކު އިންތިޚާބު ވަނީ ހަމަޖައްސާފައެވެ.

ރައީސްގެ މަގާމަށް ކުރިމަތިލައްވާފައިވަނީ ކުރީގެ ބަންޑާރަނައިބު ހުސްނުއްސުއޫދާއި، ވަކީލު މައުމޫން ހަމީދެެވެ. ކެންޑިޑޭޓް ނަމްބަރު އެކެއް ލިބިވަޑައިގަތީ ހުސްނުއްސުއޫދަށެވެ. އަދި މައުމޫން ހަމީދަށް ލިބިވަޑައިގަތީ ކެންޑިޑޭޓު ނަމްބަރު ދޭކެވެ. ނާއިބުރައީސްކަމުގެ މަގާމަަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ކެންޑިޑޭޓް ނަމްބަރު އެކެއް ލިބިވަޑައިގަތީ މުހައްމަދު ހަލީމަށެވެ. އަދި ކެންޑިޑޭޓް ނަމްބަރު ދޭއް ލިބިވަޑައިގަތީ އަބްދުﷲ މުއިއްޒަށެވެ.

ކެންޑިޑޭޓުންނަށް ކެމްޕެއިން ކުރުމުގެ ފުރުސަތު މިއަދު އިރުއޮއްސި 6 ޖެހުމާއެކު ވަނީ ބަންދުވެފައެވެ.

ބާ ކައުންސިލްގެ އިންތިޚާބުގެ ވޯޓުލުމަށް ހަމަޖައްސާފައިވަނީ މިމަހުގެ 13 ވާ ހޮނިހިރު ދުވަހު ހެނދުނު 9:00 އިން ފެށިގެން ހަވީރު 5:00 އާ ހަމައަށެވެ. ވޯޓުފޮށި ބެހެއްޓުމަށް ހަމަޖައްސާފައިވަނީ މާލެ ސިޓީއާއި އައްޑޫ ސިޓީގައެވެ. ބާ ޖަމާލުއްދީނުގައި ދެ ފޮށި ބެހެއްޓުމަށް ހަމަޖައްސާފައިވާއިރު އައްޑޫ ސިޓީގެ ޝަރަފުއްދީން ސްކޫލުގައި އެއް ފޮށި ބެހެއްޓުމަށް ވަނީ ހަމަޖައްސާފައެވެ.

އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާނު ކުރާނީ 13 ވަނަ ދުވަހުއެވެ. އަދި ދާއިމީ ނަތީޖާ އިއުލާނުކުރުން އޮންނާނީ 14 ވަނަ ދުވަހުއެވެ.